ރައްޔިތުންގެ މަޖިލީހުގެ ރައީސް ދިރިއުޅުއްވުމަށްޓަކައި ހަމަޖައްސަވާފައިވާ ރަސްމީ ގެކޮޅު، މުރައިދޫގެ އަށް ދައުލަތުން ޚަރަދުކުރަންޖެހޭ އެއްވެސް ގަވާއިދެއް ނޯންނާނެ ކަމަށް ވިދާޅުވެ ކުރީގެ ރައީސް ޔާމިން އަބްދުލް ގައްޔޫމް ހެއްދެވީ އިތުރުފުޅެއްކަން ހާމަވެއްޖެއެވެ.

ޕީއެންއެފް އޮފީހުގައި ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް ޔާމިން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ހުންނަވާނެ ގެކޮޅެެއް ދައުލަތުން ދިން ނަމަވެސް ޢަބްދުއްރަޙީމް ދިރިއުޅުއްވާ ގެކޮޅުގެ މަސައްކަތުގައި އުޅުއްވާ ޚާދިމުންނަށް ދައުލަތުން ޚަރަދުނުކުރެވޭނެ ކަމަށެވެ. އަދި އެޚަރަދު ކުރައްވަން ޖެހިވަޑައިގަންނަވާނީ ޢަބްދުއްރަޙީމް އަމިއްލަފުޅަށް ކަމަށް ޔާމިން ވިދާޅުވިއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް ދިރިއުޅުއްވާ ތަނެއްގެ ޚަރަދު ބަލަހައްޓާނީ ދައުލަތުންނޭ ބުނާ އެއްވެސް ގަވާއިދެއް ނޯންނާނެ ކަމަަށް ޔާމީން ވިދާޅުވިއެވެ.

ޔާމީންގެ އެ ވާހަކަފުޅާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ވަނީ އެކަމަށް ރައްދު ދެއްވައި ގާނޫނު ނަންބަރު 5/2013 ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަަށް ގެނައި 1 ވަނަ އިސްލާހު އެކްސްގައި ހިއްސާ ކުރައްވާފައެވެ.

އެގާނޫނުގައި ބުނާގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި އޭނާގެ އާއިލާ ދިރިއުޅޭނެ ރަސްމީ ތަނަކާއި އެތަނަށް ބޭނުންވާ އެކަށީގެންވާ މުވައްޒަފުންނާއި އެތަނަށް ހިނގާނެ ޚަރަދު ދައުލަތުގެ ފަރާތުން ހަމަޖައްސައިދޭންޖެހެއެވެ. އެހެންކަމުން މަޖިލީހުގެ ރައީސްގެ ރަސްމީ ގެކޮޅުގެ ޚަރަދުތަކާއި ގުޅިގެން ޔާމީން ހެއްދެވީ އިތުރުފުޅެއް ކަން ހާމަވެއެވެ.



މަޖިލީހުގެ ރައީސްކަން ކުރައްވާ ބޭފުޅުންނަށް މާފަންނު މުރައިދޫ ހަމަޖެއްސެވީ 2021 ވަނަ އަހަރު، ކުރީގެ ރައީސް މުހައްމަދު ނަޝީދު މަޖިލީސް ރައީސްކަމުގައި ހުންނެވިއިރު އެ މަނިކުފާނު އަވަހާރަކޮށްލުމަށް ދިން ބޮމުގެ ހަމަލާއަށް ފަހު ގާނޫނަށް ގެނައި އިސްލާހާ އެކުއެވެ.

އޭގެ ކުރިން ރަސްމީ ގެކޮޅު ހަމަޖައްސައިދެނީ ރައީސުލްޖުމްހޫރިއްޔާއާއި ނައިބު ރައީސަށް އެކަންޏެވެ. ނަމަވެސް، އެ ހަމަލާއަށް ފަހު ތިން ބާރުގެ ވެރިންގެ ތެރެއިން މަޖިލީހުގެ ރައީސްއަށާއި އުއްތަމަ ފަނޑިޔާރަށް ވެސް ރަސްމީ ގެކޮޅު ހަމަޖައްސަން ގާނޫނު ވަނީ އިސްލާހުކޮށްފައެވެ.

އެގޮތުން، މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރަށް ދައުލަތުން ހަމަޖައްސައިދޭ ރަސްމީ ތަންތަނަކީ ސަލާމަތީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅޭނެ ތަނަކަށް ވާން ޖެހޭނެ ކަމަށާއި، އެ ދެ ބޭފުޅުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ސިފައިން ތިބެންޖެހޭނެ ކަމަށް ގާނޫނުގައި ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން