ދައުލަތުގެ ބަޖެޓުން ހަރަދުކުރުމަށް ފަހު ފިނޭންސް މިނިސްޓްރީގެ ސިސްޓަމަށް ނުވައްދާ ރެކޯޑް ނުކޮށް ދެ ބިލިއަނަށް ވުރެ ގިނަ ރުފިޔާ އެބަހުރި ކަމަށް ބަންޑާރަނައިބު އަޙުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ބަންޑާރަނައިބު އަޙްމަދު އުޝާމް ވިދާޅުވީ، މިދިޔަ އަހަރުގެ މާލީ މުޢާމަލާތްތަކުގެ ތެރެއިން މާލީ ވުޒާރާގެ ހިސާބުތަކުގެ ތެރެއަށް ނުވައްދައިހުރި 2 ބިލިޔަނެއްހައި ރުފިޔާ ހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެފައިސާގެ ޢަދަދުތައް މިއަހަރުގެ ހިސާބުތަކުގެ ތެރެއަށް ވެއްދުމަކީ ޤާނޫނީގޮތުން މައްސަލަތަކެއް ކުރިމަތިވާނެކަމެއް ކަމަށް އުޝާމް ފާހަގަކުރެއްވިއެވެ.

ބަންޑާރަ ނައިބު ވިދާޅުވީ އެއީ، ގާނޫނު އަސާސީ އާއި މާލިއްޔަތާ ގުޅޭ ގަވާއިދާ ހިލާފަށް ކުރަމުންދިޔަ ކަމެއް ކަމަށެވެ. އެހެންކަމުން، އެ މައްސަލަތައް ބަލަން ނިންމާފައިވާ ކަމަށް އުޝާމް ވިދާޅުވި އެވެ. އުޝާމް ވިދާޅުވީ ދައުލަތުގެ ހިސާބުތައް ބެލެހެއްޓުމުގައި ހަދާފައި ހުރި "ގޯސްތައް" ނުބަލައި ދޫކޮށްނުލެވޭނެ ކަމަށެވެ.

އަދި ކުރިއަށް އޮތްތާގައި އެފަދަ ކަންކަން ތަކުރާރު ނުވާފަދަ ގޮތަކަަށް ގާނޫނުތަކަަށް ގެންނަންޖެހޭ އިސްލާހުތައް ގެންނާނެ ކަމަށް އުޝާމް ވިދާޅުވިއެވެ.

"މިފަރާތްތަކުގެ މައްސަލަތައް އަޅުގަނޑުމެން ބަލައި ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނަން، ދައުލަތުގެ ހިސާބުތައް ބެލެހެއްޓުމުގައި ވަރަށް ބޮޑެތި ގޯސްތަކެއް ހަދާފައި އެބަހުރި. އެހެންވީމަ އެކަމަކީ އަޅުގަނޑުމެން އެހާ ފަސޭހައިން ދޫކޮށްލާ ފަދަ ޒާތުގެ ކަމަކަށް ވެގެން ނުވާނެ.'" ބަންޑާރަ ނައިބު ވިދާޅުވިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ކުރީގެ ސަރުކާރުގައި މައްސަލަ ޖެހިގެން އުޅެނީ ފަންޑަން ޕްރޮޖެކްޓުތަކެއްގައި ކަމަށެވެ. އަދި ޖެހިގެން އުޅޭ މައްސަލައަކީ ކުރީ އަހަރުގެ ހަރަދުތައް ފަހުން ރިކޯޑު ކުރުން ކަމަށް ޒަމީރު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން