ސަރުކާރުގެ ކުންފުނިތައް ރެގިއުލޭޓް ކުރަން ވަކި މުވައްސަސާއެއް އޮންނަންޖެހޭތޯ ސުވާލު އުފައްދައި ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރޮޓައިޒޭޝަން ބޯޑު (ޕީސީބީ) އުވާލަން ޖެހިދާނެ ކަމުގެ އިޝާރާތެއް ސަރުކާރުން ދީފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަަކަފުޅު ދައްކަވަމުން ބަންޑާރަ ނައިބު އަޙްމަދު އުޝާމް ވިދާޅުވީ، ދައުލަތުގެ ކުންފުނިތަކުގެ ހިންގުމާއި އެހެނިހެން ކަންކަން ބަލައި މޮނިޓާ ކުރަނީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ކަމަށާއި ސަރުކާރުގެ ކުންފުނިތައް ރެގިއުލޭޓް ކުރަން ވަކި މުވައްސަސާއެއް އޮންނަންޖެހޭތޯ ސުވާލު އުފެދޭ ކަމަށެވެ.

ބަންޑާރަ ނައިބު ވިދާޅުވީ ރާއްޖޭގައި މިހާރު އުފެދިފައިވާ މުވައްސަސާތައް ގިނަކަމުން ކަންކަމުގައި ޒިންމާވާންޖެހޭނެ ފަރާތްތަކަކީ ކޮބައިކަން ނޭގޭވަރަށް މުވައްސަސާތައް އުފެދިއްޖެ ކަމަށެވެ. ސަރުކާރުގެ ކުންފުންޏެއްގެ ކަމެއްގައި ސަރުކާރަށް ބަސް ނުބުނެވޭހާ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށް ވެސް ބަންޑާރަ ނައިބު ވިދާޅުވިއެވެ.

ސަރުކާރުގެ ކުންފުނިތައް ރަނގަޅަށް ނުހިނގާ ސަބަބަކީ އެ ތަންތަނަށް ޒިންމާވާނީ ކޮން ބައެއްކަން ޔަގީންވެފައި ނެތުމުން ކަމަށް ބަންޑާރަނައިބް ވިދާޅުވިއެވެ. ބަންޑާރަ ނައިބް ވިދާޅުވީ ސަރުކާރުގެ ކުންފުނިތައް ރަނގަޅަށް ރެގިއުލޭޓް ނުކުރެވޭ ކަމަށާއި ކުންފުނިތަކުގެ މައްސަލަތައް ނުބެލޭ ކަމަށެވެ.

ބަންޑާރަ ނައިބު އިތުރަށް ވިދާޅުވީ މީގެ ކުރިން ފިނޭންސް މިނިސްޓްރީގެ ދަށުގައި ދައުލަތުގެ ކުންފުނިތައް އޮތްއިރު، އެ ކުންފުނިތަކުގެ ހިންގުން މާ ރަނގަޅު ކަމަށެވެ. ކުންފުނިތަކަށް ޒިންމާވާނެ ބަޔަކު ޔަގީން ކުރުމަށް ގާނޫނަށް އިސްލާހެއް ގެންނަން ޖެހޭނަމަ، އެ ކަމެއް ވެސް ކުރުމަށް ވިސްނަމުން އަންނަ ކަމަށް ބަންޑާރަ ނައިބު ވިދާޅުވިއެވެ.

"އެހެންވީމަ ސަރުކާރުގެ ލެވެލްގައި އަޅުގަނޑުމެން ހަމަ މިކަމުގައި ހުރި ކޮންސާންސް ބަލާފައި މިކަަމަށް ހައްލެއް ހޯދުމަށްޓަކައި ގާނޫނަށް އިސްލާހެއް ގެންނަންޖެހޭނަމަ އެކަން ކޮންސިޑާ ކުރަމުންދާ ވާހަަކަ ދަންނަވާލަން،" ބަންޑާރަ ނައިބު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން