މި ސަރުކާރުން މާލީ ހިސާބުތައް އާންމު ނުކުރަނީ ހަގީގަތް އޮޅުވާލަން ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ތުހުމަތުކުރައްވައިފިއެވެ.

އަމީރު މިހެން ވިދާޅުވީ ކުރީ ސަރުކާރުން ޚަރަދުތައް ރެކޯޑު ކުރުމުގައި ހަދާފައި ހުރި ގޯސްތައް ބަލައި ފިޔަވަޅު އަޅަން މި ސަރުކާރުން ނިންމުމާއި ގުޅިގެންނެވެެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބަންޑާރަ ނާއިބު އަހުމަދު އުޝާމް ވިދާޅުވީ މާލީ ހިސާބުތައް ބެލެހެެއްޓުމުގައި މިދިޔަ ސަރުކާރުން ރެކޯޑްކޮށްފައި ނެތް ދެ ބިލިއަން ރުފިޔާ އެބައޮތް ކަމަށެވެ. އަދި މިދިޔަ ސަރުކާރުން މާލީ ހިސާބުތަށް ބެލެހެއްޓުމުގައި ބޮޑެތި ގޯސްތަކެއް ހަދާފައިވާ ކަމަށާއި ގާނޫނުއަސާސީއާއި މާލިއްޔަތު ގާނޫނާ ޚިލާފަށް ކޮށްފައިވާ އެކަންކަން ބަލައި ޒިންމާވާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެ ކަމަށް އުޝާމް ވިދާޅުވިއެވެ.

އެކަމާ ގުޅިގެން ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ސަރުކާރަށް އަހަރެއް ވެގެންދާއިރު ހިންގުނު އެއްވެސް ތަރައްޤީގެ މަޝްރޫއެއް ނެތް ކަމަށެވެ. އަދި ރާއްޖޭގެ އިޤްތިސާދީ ގިނަ ހަރަކާތްތައް ހުއްޓި، ރަށް ރަށުގެ އިޤްްތިސާދުތައް ހުއްޓިފައިވާ ކަމަށް އަމީރު ވިދާޅުވިއެވެ. އަމީރު އިތުރަށް ވިދާޅުވީ މަސްވެރިން ވެސް ބިކަވެފައިވާ ކަމަށާއި މާލީ ތަފާސް ހިސާބުތައް ޝާއިއުނުކޮށް، އެއްވެސް މަޝްރޫއެއް ނުހިނގާ އިރުވެސް، ބަޖެޓުގެ ޚަރަދު ބޮޑުވެ، އިސްރާފުތައް ގިނަވެ، ސަރުކާރުން އުޅެނީ އަސްލު ހަޤީޤަތް އޮޅުވާލަން ކަމަށެވެ.

މީގެ އިތުރުން އަމީރު ވިދާޅުވީ 49.9 ބިލިއަން ރުފިޔާގެ ބަޖެޓް ހުސްވިއިރު ހާލަތަށް ހެޔޮ ބަދަލެއް އައީ ސަރުކާރުގެ ސިޔާސީ މަޤާމްތަކުގައި ހާހުން ތިބި މީހުންނާއި ކުންފުނިތަކުގައި ތިބި އެކްޓިވިސްޓުންނަށް އެކަނި ކަމަށެވެ. އަދި މި ސަރުކާރުން ބަލާ ކަމެއް ބަލާފައި ވެސް މާލީ ތަފާސް ހިސާބުތައް ޝާއިއުކުރާހާ ދުވަސް މިހާރު ވެފައިވާ ކަމަށް އަމީރު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން