ވޭތުވެދިޔަ އަހަރުތަކުގައި ސަޕްލިމެންޓަރީ ބަޖެޓު ފާސްކުރަމުން އައީ މާލިއްޔަތު ގާނޫނާ ޚިލާފަށްކަމަށާއި އެކަމުގައި ޒިންމާވާންޖެހޭ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ބަންޑާރަ ނައިބު އަހުމަދު އުޝާމް ދެއްވައިފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ބަންޑާރަ ނައިބު އަޙްމަދު އުޝާމް ވިދާޅުވީ، ސަޕްލިމެންޓަރީ ބަޖެޓުން ޚަރަދުކުރަން ވާނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ފާސްކޮށްގެން ކަމަށް މާލީއްޔަތު ގާނޫނުގައި ބަޔާންކޮށްފައި އޮންނަ ކަމަށެވެ. އަދި ސަޕްލިމެންޓަރީ ބަޖެޓާ ގުޅިގެން ވެސް އެ ފައިސާއެއް ނުވަތަ އެ ބަޖެޓެއް ބޭނުންވުމުގެ އެއްމަސް ދުވަސް ކުރިން މަޖިލީހަށް ހުށަހަޅައިގެން ފާސްކުރަން ޖެހޭނެ ކަމަށް އުޝާމް ވިދާޅުވިއެވެ.

އުޝާމް އިތުރަށް ވިދާޅުވީ ފައިސާ ޚަރަދުކުރުމަށްފަހު ކުރިއަށްއޮތް އަހަރުގެ ބަޖެޓުގައި ސަޕްލިމަންޓެއްގޮތުގައި ހުށަހަޅައިގެން ސަޕްލިމެންޓަރީ ބަޖެޓު ފާސްކުރުމަކީ އެއްގޮތަކަށް ވެސް ގާނޫނު ދަންނަކަމެއް ނޫންކަމަށެވެ. އެހެން ނަމަވެސް ވޭތުވެދިޔަ ތިން ހަތަރު އަހަރުގައި އެކަން ކޮށްފައި ވަނީ އެގޮތަށް ކަމަށް ބަންޑާރަ ނައިބު ފާހަގަކުރެެއްވިއެވެ.

ބަންޑާރަ ނައިބު ވިދާޅުވީ މީގެ ކުރިން ސަޕްލިމެންޓްރީ ބަޖެޓުން ޚަރަދުކޮށްފައި ހުރީ ގާނޫނު އަސާސީ އާއި މާލިއްޔަތު ގާނޫނުގައި ބުނެފައިވާ ގޮތަށް ނޫން ކަމަށެވެ. އެހެންކަމުން އެކަން ކުރުމުގައި އިހުމާލުވާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެ ކަމަށް ބަންޑާރަ ނައިބް ވިދާޅުވިއެވެ.

މިދިޔަ އަހަރު ކުރީގެ ރައީސް ސާލިޙުގެ ސަރުކާރުން ވަނީ މަޖިލީހަށް 6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅާފައެވެ. ޢަދި މިއަހަރު ވެސް 5 ބިލިއަނަށް ވުރެ ބޮޑު ނުވާގޮތަށް ސަޕްލިމެންޓްރީ ބަޖެޓެއް ހުށައެޅުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން