ރާއްޖޭގެ އެންމެބޮޑު ޚަޒާނާއަކީ އެމްއެމްއޭގައި އޮންނަ ފަންޑެއްގައި ހުރި ފައިސާއެއް ނޫންކަމުގައި ސައިރިކްސްގެ ޗެއަރމަން އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ރާއްޖެއަށް ދިމާވެފައިވާ ކުނީގެ މައްސަލަތައް ހައްލުކުރުމަށް އެކަށީގެންވާ ފިޔަވަޅު އެޅިފައި ނުވާ މައްސަލާގައި ބޮޑެތި ފާޑުކިޔުންތަކެއް ކަމާއި ބެހޭ ފަރާތްތަކަށް އަމާޒުކުރަށްވައި މަތީ ތަޢުލީމުގެ ދާއިރާގެ ޚިދުމަތުގައި ގިނަ ދުވަސްތަކެއް ހޭދަކުރައްވާފައިވާ ޝަރީފް ވިދާޅުވީ ރާއްޖޭގެ ޚަޒާނާއަކީ ހަމައެކަނި ދައުލަތުގެ މާލިއްޔާގައި ހުންނަ ފައިސާ ނޫންކަމަށެވެ.

ރާއްޖޭގެ ވެށީގެ ރައްކާތެރިކަން ކަށަވަރުކޮށް، ކަނޑު ފަޅުގެ ސަލާމަތަށް ކުރަންޖެހޭ ކަންކަން ނުކޮށް ރާއްޖޭގެ ފަންޑުތަކުގައި ފައިސާ ނުހުންނާނެކަމަށް ޝަރީފް ވިދާޅުވިއެވެ. މިކަންކަން ބަލައި އަޅަންޖެހޭ ފިޔަވަޅު އެޅުމަށް ކަމާއިބެހޭ ވުޒާރާތައް ގާއިމް ކޮށްފައިވާއިރު ފެނިގެންދަނީ ތިމާވެށި ހިމާޔަތް ކުރުމަށް އެކަށީގެންވާ ފިޔަވަޅު ނޭޅޭ މަންޒަރުކަމަށް ޝަރީފް ވިދާޅުވިއެވެ.

"ރާއްޖޭގެ އެންމެބޮޑު ޚަޒާނާއަކީ އެމްއެމްއޭ ގައި އޮންނަ ފަންޑެއްގައި ހުރި ފައިސާއެއް ނޫން. އެންމެބޮޑު ޚަޒާނާއަކީ ރާއްޖޭގެ ކަނޑާއި، ފަޅާއި، ބީޗް، ޖައްވު އަދި ވަށައިގެންވާ ތިމާވެށި. ރާއްޖޭގެ ތިމާވެށްޓާއި ބެހޭ ވަކި މިނިސްޓްރީއެއް އެބަހުރި. ރާއްޖޭގެ ކަނޑާއި، ބީޗް ކުނިން ސަލާމާތް ކުރަންޖެހޭ." ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ރާއްޖޭގެ ކުނީގެ މައްސަލަތައް ހައްލު ކުރުމަށްޓަކައި ކުރީ ސަރުކާރުން "ވެމްކޯ"ގެ ނަމުގައި އުފެއްދި ކުންފުންޏަކީ ހަމައެކަނި ކުނި އުކާލަން އުފެއްދި ކުންފުންޏެއް ނޫންކަމަށެވެ. އެކުންފުނީގެ ބޭނުމަކީ އަދި ކުންފުނި އުފެއްދުމުގެ މަޤްސަދަކީ ކުނިން އުފައްދާ އެކި އެކި ޕްރޮޑަކްޓްތައް އުފައްދައި، ކުނިން ހަކަތަ އުފައްދައި ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ރާއްޖޭގައި އުފެދޭ، ކުނީގެ މައްސަލަ އަށް ހައްލު ހޯދުންކަމަށެވެ.

"އަހަރެން ހީކުރީ ވެމްކޯ އުފެދުނީމަ، އަހަރެމެން ބޭނުންކުރާ ކުނީގެ ބާވަތްތައް ވަކި ކުރެވި، ކުނިން އުފައްދާ އެކި އެކި ޕްރޮޑަކްޓް އުފައްދައި، ކުނިން އެނާޖީ އުފައްދައި ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ރާއްޖޭގައި އުފެދޭ، ކުނީގެ މައްސަލަ އަށް ހައްލު އަންނާނެ ކަމަށް. އެކަމަކު އެކަމެއް ވާތަނެއް ނުފެނޭ." ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ރަނގަޅު މަޤްސަދެއްގައި ކުރެވޭ ކަންކަންވެސް އެކަން ކުރުމަށް އަމާޒުހިފި ކަންކަމާއި ހިލާފަށް ތަންފީޒުވާނަމަ ނެރެން ބޭނުންވާ ނަތީޖާ ނެރެވޭތަން ފެނިގެން ނުދާނެކަމަށެވެ. ރާއްޖޭގެ ވެށީގެ ރައްކާތެރިކަން ކަށަވަރު ނުކޮށް ރާއްޖޭގެ މުއްސަނދިކަން ކަށަވަރު ވެގެން ނުދާނެކަމަށް ޝަރީފް ވަނީ ފާހަގަކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު


7

އަދުހަމް މޫސާ

25-Aug-2020

ރާއްޖޭގެ ހަޒާނާ ކޮންމެ ސަރުކާރަކުން އައިސް ހިތުހުރި ގޮތަކަށް ބަހާލައި ދެން އެކަކު އަނެކަކަށް ތިބެނީ ވަގައްގޮވާލަ ގޮވާލައި. އެމްއެމްއޭގެ ހަޒާނާވެސް ހުސްވެއްޖެ. ރާއްޖެގެ ރަށްތައްވެސް ވަނީ ވިއްކާހުސްކޮށްލާފައި, އެކަމަކު އެކަން ކުރާ މީހުން ވެރިކަމުގައި, ޤާނޫނު ހެދުމުގައި, ދެން ކިހިނެއް ހަދާނީ?



ޓްރެންޑިން