މޫސުމީ ބަދަލުތަކާއި ތިމާވެއްޓާ ހަކަތައާއި ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް
މޫސުމީ ބަދަލުތަކާއި ތިމާވެއްޓާ ހަކަތައާއި ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް
ކެމިކަލް މެނޭޖްކުރުމަށް ޚާއްސަ ފެސިލިޓީތައް ރާއްޖޭގެ ސަރަޙައްދުތަކުގައި ތަރައްޤީ ކުރަމުން ދާކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާ ހަކަތައާއި ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ޠާރިޤް ވިދާޅުވީ ރާއްޖެއަށް ނުރައްކާތެރި ގިނަ ޢަދަދެއްގެ ކެމިކަލް އެތެރެކުރާކަމަށާއި އެހެންކަމުން ނުރައްކާތެރި ކެމިކަލް މެނޭޖްކުރުމަށް ޚާއްސަ ފެސިލިޓީތައް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން ކުރަށްވަމުން ގެންދަވާ ކަމަށެވެ.

އެގޮތުން ކެމިކަލް މެނޭޖް ކުރުމަށް ޚާއްސަ ފުރަތަމަ މަރުކަޒު އައްޑޫ ސިޓީގައި ތަރައްޤީ ކޮށްފައިވާ ކަމަށާއި އެމަރުކަޒު ވެމްކޯއާއި ހަވާލު ކޮށްފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އޭގެ އިތުރުން ރ.ވަންދޫގައިވެސް ނުރައްކާތެރި ކެމިކަލް މެނޭޖްކުރާނެ ފެސިލިޓީއެއް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރިއަށް ދާކަމަށް ވަޒީރު ވިދާޅުވިއެެވެ.

ވަޒީރު އިތުރަށް ވިދާޅުވީ ނުރައްކާތެރި ކެމިކަލް ރާއްޖެއަށް އެތެރެކުރާ މިންވަރު އިތުރުވެފައިވާތީ އެތަކެތި މެނޭޖްކުރެވޭނެ ރަނގަޅު އިންތިޒާމުތަކެއް ހަމަޖެއްސުމަކީ މުހިންމު ކަމެއް ކަމުގައި ސަރުކާރުން ދެކޭ ކަމަށެވެ.

ވަޒީރު ޠާރިޤް މިހެން ވިދާޅުވެފައިވާއިރު މާލެ ސަރަހައްދުގައި ނުރައްކާތެރި ކެމިކަލް ގެންގުޅޭ 206 ތަނެއް އެބަހުރި ކަމަށް ޑިފެންސް މިނިސްޓްރީން ވަނީ ބުނެފައެވެ. އެއީ ނުރައްކާތެރި ކެމިކަލް ގުދަންކުރާ 144 ތަނާއި ކެމިކަލް ވިއްކާ 62 ފިހާރައެއް ކަމަށްވެސް އެވުޒާރާއިން ބުނެފައިވެއެވެ.

ސަރުކާރުން މާލޭގައި ކެމިކަލް ގުދަންކުރުން މަނާކުރީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހު ހ. ތިލަފުށިގޭގައި ހުރި ކެމިކަލް ގުދަނުގައި ރޯވެ ހިނގި އަލިފާނުގެ ނުރައްކާތެރި ހާދިސާ އަށް ފަހު އެވެ. އެ ހާދިސާގައި އެކަކު މަރުވެ، ކެމިކަލް ރައްކާކުރާ ހަތަރު ގުދަނަކާއި މީހުން ދިރިއުޅޭ ހަ ގެއެއް އަނދާ ހުލިވި އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން