ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އަޅާފައިވާ ފްލެޓްތައް ލިބޭ މީހުންގެ ވަގުތީ ލިސްޓު އާންމުކުރަން ނިންމައި އެކަމާ ބެހޭ މައުލޫމާތު ފްލެޓް ކޮމިޓީން އާންމުކުރަން ފަށައިފިއެވެ.

ފްލެޓްތަކާއި ގުޅޭގޮތުން ކުރިއަށްދާ ޕްރެސް ކޮންފަރެންސްގައި މިކަމުގެ ތަފްސީލް އާންމު ކުރައްވަމުންދާއިރު ލިސްޓުވަނީ ގެޒެޓްގައިވެސް އާންމުކޮށްފައެވެ. އަދި މިލިސްޓަކީ ވަގުތީ ލިސްޓެއްކަމަށް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ. އަލުން ފްލެޓް ދިން އިރު މާލެ މީހުންގެ ކެޓަގަރީން ކުރިން 1،000 ފްލެޓް ދޭން އޮތް ނަމަވެސް މިހާރު ވަނީ އެ ކެޓަރީގައި 1،772 ފްލެޓް ހިމަނައިފަ އެވެ.

ފްލެޓް ކޮމިޓީން މައްސަލަތައް ބެލުމަށް ފަހުގައި މިއަދު އާއްމުކޮށްފައި ވަނީ އެޗް 4، ޑޮކްޓަރުންނާއި ނަރުހުންނަށް ޚާއްސަ ކެޓަގަރީ އާއި އެެޗް 5، ޓީޗަރުންނަށް ޚާއްސަ ކެޓަގަރީ އާއި އެޗް8، މާލޭ ރަށްވެހިންނަށް ޚާއްސަ ކެޓަގަރީ އާއި އެޗް10، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އާއިލާތަކަށް ޚާއްސަ ކެޓަގަރީން ފްލެޓްތައް ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓްތަކެވެ.

ފްލެޓްތަކުގެ މައްސަލަތައް ބެލުމަށް އެކުލަވާލި ކޮމިޓީ އާއި އެކު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިންގ މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވީ، މާލޭ ރަށްވެހިންގެ ކެޓަގަރީއަށް ފްލެޓް އިތުރުކޮށްފައި ވަނީ އެހެން ބައެއް ކެޓަގަރީތަކުން ކަނޑައަޅާފައިވާ އަދަދަށް ފުލެޓް ލިބޭމީހުން ނެތުމާއި ގުޅިގެން ކަމަށެވެ.

މިއަދު ފްލެޓް ލިސްޓް އާއްމުކޮށްފައިވާ ކެޓަގަރީތަކުގެ ތެރެއިން ފްލެޓް ލިބޭނެކަމަށް ކަނޑައަޅާފައި ވަނީ، އެޗް4، ޑޮކްޓަރުންނާއި ނަރުހުންނަށް ޚާއްސަ ކެޓަގަރީން 233 މީހުންނަށެވެ. އަދި އެޗް5، ޓީޗަރުންނަށް ޚާއްސަ ކެޓަގަރީން 523 މީހުންނަށް ފްލެޓް ލިބޭނެ ކަމަށް ކަނޑައަޅާފައިވާއިރު، އެޗް8، މާލޭ ރަށްވެހިންނަށް ޚާއްސަ ކެޓަގަރީ 1772 މީހުންނަށް ފްލެޓް ލިބޭނެ ކަމަށް ކަނޑައަޅާފައި ވެއެވެ. މީގެއިތުރުން އެޗް10، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އާއިލާތަކަށް ޚާއްސަ ކެޓަގަރީން 1000 ފަރާތަކަށް ފުލެޓް ކަނޑައަޅާފައިވާއިރު، އެކެޓަގަރީން 1000 މީހުން ފުލެޓުގެ ވަގުތީ ލިސްޓުގައި ހިމަނާފައިވެއެވެ.

"ހިޔާ" މަޝްރޫޢުގެ މިއަދު އިއުލާން ކުރި ކެޓަގަރީތަކަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާގޮތުގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު 24 އޮގަސްޓު 2020 އިން ފެށިގެން 14 ސެޕްޓެންބަރު 2020 ގެ 15:00 ނިޔަލަށް މިހާރުވަނީ ހުޅުވާލާފައެވެ. މިގޮތުން މި ލިންކު މެދުވެރިކޮށް ޝަކުވާ ހުށަހެޅުއްވުމުން، "ހިޔާ" މަޝްރޫޢުގެ ދާއިމީ ލިސްޓް އެކުލަވާލުމުގައި އެޝަކުވާތަކަށް ބަލާނެ ކަމުގައި ފްލެޓް ކޮމިޓީން ވިދާޅުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން