ރައްޔިތުންގެ މަޖިލީހުން ކުރާ ވަކި ކަމެއް އަވަސްކޮށް ލަސްކުރަން ސަރުކާރުން ނާންގާނެ ކަމަށް ބަންޑާރަ ނައިބު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަޖިލީހަށް މިހާރު ހުށައަޅާފައިވާ އިސްރާއިލްގެ ޕާސްޕޯޓް މަނާކުރުމުގެ ބިލާބެހޭ ގޮތުން ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ބަންޑާރަ ނައިބު އަޙްމަދު އުޝާމް ވިދާޅުވީ، މަޖިލީހުގައި އޮންނަ އުސޫލުތަކުގެ ތެރެއިން އެބިލްގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ. އެހެން ނަމަވެސް މަޖިލީހަށް ހުށައެޅިފައިވާ ބިލަކާއި ގުޅޭގޮތުން ނުވަތަ ވަކިކަމެއް އަވަސްކުރަން އަދި ލަސްކުރަން ވެސް ސަރުކާރުން ނާންގާނެ ކަމަށް ބަންޑާރަ ނައިބު ވިދާޅުވިއެވެ.

"ރައްޔިތުންގެ މަޖިލީހުން މިވެނި ކަމެއް މިވެނި ގޮތަކަށް ކުރަންޖެހޭނެއޭ ސަރުކާރުގެ ފަރާތުން އަޅުގަނޑުމެން ނާންގާނަން މަޖިލީހަކަށެއް، މަޖިލީހުން ިމިވެނިކަމެއް އެވެނިކަމެއް އަވަހަށް ކުރަންޖެހޭނެއޭ ލަހުން ކުރަންޖެހޭނެއޭ މިވެނި ގޮތަކަށް ކުރާށޭ އެހެނެއް އަޅުގަނޑުމެން ސަރުކާރުގެ ފަރާތުން ނާންގާނަން،" ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެމްބަރު ކަމުގައި ހުންނެވުމަށްފަހު ބަންޑާރަ ނައިބު ކަމަށް ވަޑައިގެންނެވި އުޝާމް ވިދާޅުވިއެވެ.

މި އަހަރުގެ ޖޫން މަހު ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާއި ލަފާގެ މަތިން އިސްރާއިލް ޕާސްޕޯޓް މަނާކުރުމަށް އަޅަންޖެހޭ ފިޔަވަޅު އެޅުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ ނިންމާފައެވެ.

އިޒްރޭލު ފަތުރުވެރިންނަށް ރާއްޖެ ނާދެވޭ ގޮތަށް އެ ގައުމުގެ ޕާސްޕޯޓު މަނާކުރަން ސަރުކާރުން ނިންމައި، އެ ކަން ކުރަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ (241) ކޮމިޓީއަށް ފޮނުވީ މިދިޔަ ޖޫން މަހު 10 ގައެވެ. ނަމަވެސް އޭގެ ފަހުން އެ މައްސަލައަށް ކުރިއަށް ގެންގޮސްފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން