ދުންފަތުގެ އުފެއްދުންތަކާއި ވޭޕުން ނަގާ އިމްޕޯޓް ޑިއުޓީ ބޮޑުކުރުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ.

ދިވެހިރާއްޖޭގެ އިމްޕޯޓް އެކްސްޕޯޓްގެ ގާނޫނަށް އިސްލާހު ގެނައުމަށް އެ ބިލު ސަރުކާރުގެ ފަރާތުން ހުށައަޅުއްވާފައިވަނީ މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު (އިއްބެ ޖަނާބު)އެވެ.

ވޭޕުން ނަގާ ޑިއުޓީ ބޮޑުކުރަން ހުށައެޅިއިރު ރާއްޖޭގައި ވޭޕް މަނާކުރަން ސަރުކާރުން ވަނީ ނިންމާފައެވެ.

މަޖިލީހަށް ހުށައަޅާފައިވާ ބިލުގައިވާ ގޮތުން ވޭޕު މަނާކުރުމާ ހަމައަށް ހިނގާ މުއްދަތުގެ ތެރޭގައި އެތެރެކުރާ ވޭޕާއި ވޭޕް ފްލޭވާ އިން ނަގާ އިމްޕޯޓް ޑިއުޓީ ބޮޑުކުރުން ހިމެނެއެވެ.

އެ މުއްދަތުގައި ދިވެހިރާއްޖެއަށް އެތެރެކުރާ ތަކެތިން ނަގާ އިމްޕޯޓް ޑިއުޓީ ބޮޑު ކުރުމުގެ ބޭނުމަކީ އެފަދަ ތަކެތި ބޭނުންކުރާ މީހުންގެ އުޅުމަށް ބަދަލު ގެނައުން ކަމަށް ބިލުގައި ބުނެފައިވެެއެވެެ.

އެ ބިލުގައި ބުނާގޮތުން އިލެކްޓްރޯނިކް ސިނގިރެޓަށް ނުވަތަ ދުންފަތުގެ އިސްތިއުމާލު ކުރުމަށް ބޭނުންކުރާ އެނޫން ވެސް އާލާތްތަކަށް އަޅާ ފްލެވަރ އާއި ކެމިކަލުން ނަގާ ޑިއުޓީ 50 ޕަސެންޓަށް އަދި މިލިލީޓަރަކަށް 8 ރުފިޔާ ބޮޑުކުރަން ވަނީ ހިމަނާފައެވެ. އަދި ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓު ޑިއުޓީ ވެސް ރައީސްގެ ނިންމެވުމާ އެއްގޮތަށް ސިނގިރޭޓަކުން އަދި ބިޑިއަކުން 8 ރުފިޔާ އަށް ބޮޑުކުރަން އެ ބިލުގައި ހުށައަޅާފައިވެއެވެ.

ދިވެހިރާއްޖޭގެ އިމްޕޯޓް އެކްސްޕޯޓްގެ ގާނޫނަށް ގެންނަ އިސްލާހުގައި ބުނާގޮތުން އާ ރޭޓުގެ ދަށުން އާ އިމްޕޯޓު ޑިއުޓީ ނަގަން ހަމަޖެހިފައި ވަނީ ނޮވެންބަރު މަހުުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ.

އެ އިސްލާހުގައި ބުނެފައިވަނީ އެ ބަދަލާއެކު ދައުލަތަށް ވޭޕް ފްލޭވާއިން އިތުރު 1.3 މިލިއަން ރުފިޔާ އަދި ވޭޕް ސްޓިކްތަކުން އިތުރު 9 ލައްކަ ރުފިޔާ ލިބޭނެ ކަމަށެވެ. އޭގެ އިތުރުން ސިނގިރޭޓާއި ބިޑިން މި އަހަރު 178 މިލިއަން ރުފިޔާ އިތުރަށް ލިބޭނެ ކަމަށް ބެލެވޭއިރު ކުރިއަށް އޮތް ތިން އަހަރު، ކޮންމެ އަހަރަކު އެއް ބިލިއަން ރުފިޔާގެ އާމްދަނީ ލިބޭނެ ކަމަށް ސަރުކާރުން ވަނީ އަންދާޒާކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން