ދިވެހިރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް މަސްތުވާތަކެތި ބޭނުންކުރާ މީހުން އެބަތިބިކަމަށް ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ ޗެއާމަން އަދި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލުބްނާ ޒާހިރު ހުސައިން ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެންޑީއޭގެ ފަރާތުންވަނީ މަސްތުވާތަކެތީގެ މައްސަލަތަކުގައި މި ވޭތުވެދިޔަ ފަސް އަހަރުގެ ދުވަހުގެ ތެރޭގައި ފުލުހުން އެއްކޮށްފައިވާ ބައެއް މައުލޫމާތު ހާމަކުރައްވާފައެވެ.

އެ މައުލޫމާތުތަކަށް ބަލައި ލުބްނާ ވިދާޅުވީ، ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަތަކުގައި ކޮންމެވެސް ހާދިސާއެއް ނުހިނގާ ރަށެއް ނެތްކަމަށާއި މަސްތުވާތަކެތި ބޭނުން ނުކުރާ އެއްވެސް ރަށެއް ރާއްޖޭގައި ނެތްކަމަށެވެ.

މި ބައްދަލުވުމުގައި އެންޑީއޭގެ އެކްޓިން ސީއީއޯ މުހައްމަދު ރާޝިދު ވިދާޅުވީ، ރާއްޖޭގައި މަސްތުވާތަކެތީގެ ހާލަތު އޮތްގޮތް ބެލުމަށް ސަރވޭއެއް ނުހެދި ގިނަ އަހަރުތަކެއް ވެފައިވާކަމަށާއި އެހެންކަމުން އެންޑީއޭއިން މިހާރު ދަނީ އެފަދަ ސަރވޭއެއް މުޅި ރާއްޖެއަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދަން ތައްޔާރުވަމުންކަމަށެވެ.

މި ބައްދަލުވުމުގައި ލުބްނާ ވިދާޅުވީ ރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ އަދަދު އިތުރުވަމުންދާއިރު އެ އަމަލު ހުއްޓާލުމަށްފަހު އަލުން އެކަމުގެ ތެރެއަށް ވަންނަ މީހުންގެ ނިސްބަތް ވެސް ބޮޑުކަމަށެވެ. އެހެންކަމުން، އެފަދަ ފަރާތްތަކަށް ޚާއްޞަކޮށްގެން ސަރުކާރުން މިހާރު މަސައްކަތްކުރަނީ މިލަދުންމަޑުލު ދެކުނުބުރީ ވެލިދުއާއި، މާލެއަތޮޅު ކާށިދުއާއި، ހައްދުންމަތީ ގަމުގައި ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރުތައް ގާއިމުކުރުމަށްކަމަށް ލުބްނާ ވިދާޅުވިއެވެ.

ދިވެހިރާއްޖޭގައި ކޮންމެ ދުވަހަކު ވެސް އެތައް ބަޔަކު މަސްތުވާތަކެތީގެ މައްސަލަތަކުގައި ފުލުހުން ހައްޔަރު ކުރެއެވެ. އަދި އެކި ބާވަތުގެ މަސްތުވާތަކެތި ގިނަ އަދަދަކަށް އަތުލައިގަނެ އެ މައްސަލަތައް ތަހުގީގު ކުރަމުންދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން