ފައިސާގެ އިނާމު ލިބޭގޮތަށް ބާއްވާ ކުރެހުމުގެ މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ހުޅުވާލައިފިއެވެ.

މީރާ އިން ބުނީ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އެ އިދާރާއިން ހުޅުވާލާފައިވަނީ މި މަހުގެ ނިޔަލަށް ކަމަށެވެ. މި މުބާރާތަކީ "ގުޅިގެން މީރާ" އިނީޝިއޭޓިވްގެ ދަށުން ކުރިއަށް ގެންދާ މުބާރާތެކެވެ.

މި މުބާރާތާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން މީރާއިން ބުނީ މި އިސްނެގުމަކީ މީރާއާއި އާންމު ރައްޔިތުންނާއި، ޓެކްސް ދައްކާ ފަރާތްތަކާއި، ސްޓޭކްހޯލްޑަރުންނާއެކު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ކުރިއަށް ގެންދާ ކަމެއް ކަމަށެވެ.

ކުރެހުމުގެ މި މުބާރާތުގެ މައުލޫއަކީ "ގައުމު ބިނާކުރުމުގައި ޓެކްސްގެ ދައުރު" އެވެ. މި މައުލޫގެ ދަށުން ގައުމު ބިނާކުރުމުގައި ރައްޔިތުންނާއި މީރާއާއި ދެމެދު އޮންނަ ގުޅުން ދައްކައިދޭ ފަދަ ކުރެހުންތައް ފޮނުވޭނެ ކަމަށް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.

މީރާ އިން ބުނީ މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ތިން އުމުރުފުރައަކަށް ބަހާލައިގެންނެވެ. އެއީ 13 އަހަރާއި 15 އަހަރާ ދެމެދާއި، 16 އަހަރާއި 18 އަހަރާއި ދެމެދު އަދި 18 އަހަރުން މަތީގެ އުމުރުފުރައެވެ.

މި މުބާރާތުގެ ކޮންމެ އުމުރުފުރައަކުން އެއްވަނަ ހޯދާ ފަރާތަކަށް 5،000 ރުފިޔާގެ އިނާމު، ދެވަނަ ހޯދާ ފަރާތަަކަށް 3،500 ރުފިޔާގެ އިނާމު އަދި ތިންވަނަ ހޯދާ ފަރާތަކަށް 2،000 ރުފިޔާގެ ފައިސާ އިނާމު ދިނުމަށް ނިންމާފައިވާ ކަމަށް މީރާއިން ވަނީ ބުނެފައެވެ.

މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުގެ ތެރެއިން މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް މީރާގެ ހެޑް އޮފީހަށް ކުރެހުންތައް ހުށަހެޅޭނެ ކަމަށާއި އެހެނިހެން ރަށްރަށުގައި ދިރިއުޅޭ މީހުންނަށް އެ ރަށެއްގެ މީރާގެ ކަލެކްޝަން ސެންޓަރު ނުވަތަ ބްރާންޗް އޮފީހެއް ހުންނަނަމަ އެތަނަކަށް ހުށަހެޅޭނެ ކަމަށް މީރާއިން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން