ގުދޯ ގުދޯ ނުގޮވާ ގައުމު ހަަމަމަގަށް އަޅުވާ ތަން ބަލަން ތިބުމަށް އިދިކޮޅު އެމްޑީޕީއަށް ފުވައްމުލަކު ދެކުނު ދާއިރާގެ ޕީއެންސީ މެމްބަރު އިބްރާހިމް ޙުސައިން (ޑްރީމްސް އިއްބެ) ގޮވާލައްވައިފިއެވެ.

އިއްބެ މިކަމަށް ގޮވާލެއްވީ ކުރީގެ ރައީސް ސާލިޙުގެ ސަރުކާރުގައި މާލީ ކަންކަން ގެންގުޅުނު ގޮތަށް ފާޑު ވިދާޅުވެ ކޭސް ފުލޯ ނުބެލެހެއްޓުނު ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި މައްޗަންގޮޅީ މެދު ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު ނަޝީދު މަޖިލީހުގައި ދެެއްކެވި ވާހަކަފުޅު އެކްސްގައި ހިއްސާކުރަށްވައި ކުރެއްވި ޕޯސްޓެއްގައެވެ. ރައީސް ނަޝީދު ވިދާޅުވީ ކުރީގެ ސަރުކާރުން ހުށައެޅި ސަޕްލިމެންޓްރީ ބަޖެޓަކީ ވައްކަމުގެ ރަސީދެއް ކަމަށެވެ. ނަޝީދު އޭރު ވިދާޅުވީ ކުރީގެ ސަރުކާރަށް ދައުލަތުގެ ޚަރަދެއް ނުބެލެހެއްޓުނު ކަމަށާއި ކޭސް ފުލޯ ވެސް ބަލަހައްޓަން ނޭގުނު ކަމަށެވެ. އަދި ކުރީގެ ސަރުކާރުން ބަޖެޓުން ޚަރަދުކޮށްފައިވަނީ މަޖިލީހުން ފާސްކުރުމެއް ނެތި ގާނޫނު އަސާސީ އާއި ހިލާފަށް ކަމަށް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ އެވާހަކަފުޅު ހިމެނޭ ވީޑިއޯ އާއެކު ފުވައްމުލަކު ދެކުނު ދާއިރާގެ ޕީއެންސީ މެމްބަރު އިބްރާހިމް ޙުސައިން (ޑްރީމްސް އިއްބެ) ވިދާޅުވީ، މަޖިލީހުން ފާސްކޮށްދިން ބަޖެޓަށް ރައީސް ސޯލިހުގެ ސަރުކާރުން ކަންކުރި ގޮތުގެ ހަގީގީ ވާހަކަ ދައްކަމުން ގެންދިޔައީ ކުރިން އެމްޑީޕީގެ ރައީސް ކަން ކުރެއްވި ރައީސް މުޙައްމަދު ނަޝީދުގެ ދޫފުޅުން ކަމަށެވެ. އަދި ރައީސް ސާލިހުގެ ސަރުކާރުގެ ވަޒީރުން ކުއްލިއަކަށް މިއަދު ނުކުމެވަޑައިގެން މާ މައުސޫމް ބަޔަކަށް ހެދިގެން ރައްޔިތުންނަށް އޮޅުވާލަން ވާހަކަ ދައްކަވާނެ ކަމެއް ނެތް ކަމަށް އިއްބެ ވިދާޅުވިއެވެ.

"ގުދޯގުދޯ ނުގޮވާ މިގައުމު ހަމަމަގަށް އަޅުވާތަން ބަލަން މަޑުން ތިއްބަވާ!" އެމްޑީޕީ އަށް ރައްދުދެއްވަމުން އިއްބެ ވިދާޅުވިއެވެ.

ކުރީ ސަރުކާރުން ޚަރަދުތައް ރެކޯޑު ކުރުމުގައި ހަދާފައި ހުރި ގޯސްތައް ބަލައި ފިޔަވަޅު އަޅަން ސަރުކާރުން ވަނީ ނިންމާފައެވެ. ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބަންޑާރަ ނާއިބު އަހުމަދު އުޝާމް ވިދާޅުވީ މާލީ ހިސާބުތައް ބެލެހެެއްޓުމުގައި މިދިޔަ ސަރުކާރުން ރެކޯޑްކޮށްފައި ނެތް ދެ ބިލިއަން ރުފިޔާ އެބައޮތް ކަމަށެވެ. އަދި މިދިޔަ ސަރުކާރުން މާލީ ހިސާބުތައް ބެލެހެއްޓުމުގައި ބޮޑެތި ގޯސްތަކެއް ހަދާފައިވާ ކަމަށާއި ގާނޫނުއަސާސީއާއި މާލިއްޔަތު ގާނޫނާ ޚިލާފަށް ކޮށްފައިވާ އެކަންކަން ބަލައި ޒިންމާވާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެ ކަމަށް އުޝާމް ވިދާޅުވިއެވެ.

ސަރުކާރުގެ އެ ވާހަކަތަކަށް ރައްދު ދެއްވައި ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ މާލީ ތަފާސް ހިސާބުތައް ޝާއިއުނުކޮށް، އެއްވެސް މަޝްރޫއެއް ނުހިނގާ އިރުވެސް، ބަޖެޓުގެ ޚަރަދު ބޮޑުވެ، އިސްރާފުތައް ގިނަވެ، ސަރުކާރުން އުޅެނީ އަސްލު ހަޤީޤަތް އޮޅުވާލަން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން