މިއަދު ބޭއްވި މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގެ ތެރެއިން
މިއަދު ބޭއްވި މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގެ ތެރެއިން
ހެލްތު މިނިސްޓްރީގެ މާލީ ޒިންމާދާރުވެރިޔާ އަހްމަދު އަސްލަމާއި ބިޑް ކޮމިޓީގެ ޗެއާ އަދި ޑެޕިއުޓީ މިނިސްޓަރު ނިޝާމާ މުހައްމަދު މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރުނުވުމުން، ކޮމެޓީއަށް ހާޒިރުވުމަށް އަމުރު ނެރެފިއެވެ.

ހެލްތު މިނިސްޓްރީގެ އިސްވެރިން މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރުވުމަށް އަންގާފައިވަނީ ހެލްތު މިނިސްޓްރީން ކޮވިޑަށް ކުރި ހަރަދުތަކާ ގުޅޭ ގޮތުން އޮޑިޓް އޮފިހުން ތައްޔާރު ކުރި އޮޑިޓް ރިޕޯޓާ ގުޅިގެން މައުލޫމާތު ސާފުކުރުމަށެވެ. އެމައްސަލައިގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީންވެސް ހިމެނޭ ގޮތަށް ޖުމްލަ ނުވަ މީހަކު ކޮމިޓީއަށް މިއަދު ވަނީ ހާޒިރުކޮށްފައެވެ.

ހާޒިރުވާން އެންގި ފަރާތްތަކުގެ ތެރެއިން ކޮމިޓީއަށް ހާޒިރުވެފައިނުވަނީ ހަރަދުތަކުގައި އެންމެ ބޮޑު އިހުމާލުވިކަމަށް އޮޑިޓް އޮފީހުން ތުހުމަތުކުރާ އަސްލަމް އާއި ނިޝާމާ އެކަނި ކަން ފާހަގަކޮށްލެވެއެވެ. ކޮމެޓީއަށް ހާޒިރުވާން އުޒުރުވެރިވާ ސަބަބެއްގެ ގޮތުގައި އެ ދެބޭފުޅުން ކޮމެޓީއަށް އަންގާފައިވަނީ، އެ މައްސަލައަކީ މިހާރު އެންޓިކޮރަޕްޝަން ކޮމިޝަނާއި ފުލުހުން ގުޅިގެން ހިންގާ ތަހުގީގެއް ކަމަށްވާތީ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިނުވުމަށް އެ ދެ ބޭފުޅުންގެ ގާނޫނީ ވަކީލުން ލަފާ ދެއްވާފައިވާތީ ކަމަށެވެ.

ނުވަ ބޭފުޅުން ހާޒިރުވި އިރު، އެ ބޭފުޅުންނާއެކު ކޮމިޓީ ކުރިއަށް ގެންދިޔުމާ މެދު ބައެއް މެމްބަރުންގެ މެދުގައި ހިޔާލު ތަފާތުވުންތައް ވަނީ އުފެދިފައެވެ. ބައެއް މެންބަރުން ވިދާޅުވީ ދެ ބޭފުޅުން ހާޒިރުނުވުމުން ކޮމިޓީގެ މަސައްކަތް ހުއްޓުމަކީ ހަމަޖެހޭ އުސޫލެއް ނޫން ކަމަށެވެ. އަދި ހާޒިރުވި ބޭފުޅުންނާއެކު ކޮމިޓީ ކުރިއަށް ގެންދިޔުމަށް ބައެއް މެމްބަރުން ވަނީ އެދިވަޑައިގެންފައެވެ. ނަމަވެސް އެކަމަށް އެހެން ބައެއް މެމްބަރުން ވަނީ ދެކޮޅު ހައްދަވާފައެވެ.

އެ ދެބޭފުޅުން ކޮމެޓީއަށް މިއަދު ހާޒިރުނުވުމުން މަޖިލިސް ގަވައިދާ އެއްގޮތަށް އެމީހުން ހާޒިރުވުމަށް ކޮމިޓީން އަމުރެއް ނެރެދިނުމަށް އެދި ކޮމިޓީ އަށް ހުށައެޅުއްވީ ހަނިމާދޫ ދާއިރާގެ މެމްބަރެވެ. އެ ހުށަހެޅުމަށް ކޮމިޓީގެ ގިނަ މެމްބަރުންގެ ތާއީދު ވަނީ ލިބިފައެވެ. ކޮމިޓީގެ މުގައްރިރު އަދި ކިނބިދޫ ދާއިރާ މެމްބަރު މުހައްމަދު ނާޝިޒު ވަނީ މި މައްސަލައިގައި މާދަމާ މެންދުރު 2:00 އަށް އެމީހުން ކޮމިޓީއަށް ހާޒިރުވުމަށް އަމުރެއް ނެރުމަށް ނިއްމާފައެވެ. އޭގެ އިތުރުން މެމަބްރުން އެދިވަޑައިގަންވާތީ، މިކަމާ ގުޅޭ ހުރިހާ ލިޔެކިޔުންތައްވެސް މެމްބަރުންނަށް ލިބޭނެ ގޮތް ހައްދަވައިދެއްވާނެ ކަމަށް ނާޝިޒު ވިދާޅުވި އެވެ.

މަޖިލީހުގެ ގަވައިދުގެ 147 ވަނަ މާއްދާގެ ދަށުން ކޮމިޓީތަކަށް މީހުން ހާޒިރު ކުރުމަށް އަމުރު ނެރުމުގެ ބާރު ކޮމިޓީތަކަށް ލިިބިގެންވެއެވެ. އަދި ކޮމިޓީއަށް ބޭނުންވާ އެކިއެކި ލިޔެ ކިޔުމާއި އެނޫންވެސް ކޮމިޓީގެ މަސައްކަތްތަކަށް ބޭނުންވާ އެންމެހާ ތަކެތި ހޯދުމުގެ ބާރުވެސް އެ ގަވައިދުގެ ދަށުން މަޖިލީހަށް ލިބެއެވެ.

އޮޑިޓާ ޖެނެރަލް އޮފީހުން އާންމުކޮށްފައިވާ ހެލްތު މިނިސްޓްރީގެ ކޯވިޑް-19 ކޮމްޕްލަޔަންސް އޮޑިޓުން ކޮރަޕްޝަނަށް ތުހުމަތުވާ ގޮތަށް އެތައް މިލިއަން ރުފިޔާއެއް ހަރަދުކޮށްފައިވާކަމަށް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން ދުބާއީ ކުންފުންޏަކާ ހަވާލުކޮށްގެން 75 ވެންޓިލޭޓަރު ގަތުމުގައި އޮޅުވާލައި މަކަރު ހަދާފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެ އެވެ.

މި އޮޑިޓް ރިޕޯޓާ ގުޅިގެން މިދިޔަ ހަފްތާގައި މާލިއްޔަތު ކޮމިޓީއަށް އޮޑިޓް އޮފީހުގެ ބޭފުޅުންވެސް ވަނީ ހާޒިރު ކޮށްފައެވެ. އެ ބައްދަލުވުމުގައި އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ވަނީ އެކަމުގައި އެންމެ ބޮޑު އިހުމާލެއް އޮތީ، މިނިސްޓްރީގެ މާލީ ޒިންމާދާރުވެރިޔާ އާއި ބިޑް ކޮމިޓީ ކަން ފާހަގަކުރައްވާފައެވެ. އެމައްސަލަ ތަހުގީގް ކުރަމުންދާތީ އެބޭފުޅުން މިވަގުތު ތިބީ ސަސްޕެންޝަންގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން