އިސްރާއީލް ޕާސްޕޯޓު ރާއްޖޭގައި މަނާކުރުން ލަސްވާތީ އެކަމާ ސަލަފްގައި އިސްކޮށް އުޅުއްވާ ޢަލީ ރަމީޒު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ދީނީ ކަންކަމުގައި ހޭލުންތެރިކަން އިތުރުކުރުމުގައި އިސްކޮށް އުޅުއްވާ ޢަލީ ރަމީޒު މިއަދު އެކްސްގައި ވިދާޅުވީ، އިސްރާއީލް ޕާސްޕޯޓް މަނާނުކޮށް ދާ ކޮންމެ ދުވަހަކީ މި ސަރުކާރުގައި ޖެހިގެންދާ ލައްގަނޑެއް ކަމަށެވެ.

އަލީ ރަމީޒު މިހެން ވިދާޅުވެފައިވާއިރު، އިދިކޮޅު ފަރާތްތަކުން، ޚާއްޞަގޮތެއްގައި އެމްޑީޕީން ދަނީ އިސްރާއީލް ޕާސްޕޯޓު މަނާކުރުމުގެ ނަމުގައި ސަރުކާރުން ހެދީ ދޮގުކަމަށް ބުނަމުންނެވެ. އެކަމުގެ ސަބަބެއްގެ ގޮތުގައި ބުނަމުންދަނީ، އިސްރާއީލް ޕާސްޕޯޓް މަނާކުރަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމެވިކަން ހާމަ ކުރެއްވި ނަމަވެސް، އެކަމުގައި ގާނޫނީ ގޮތުން މަޖިލީހުގެ ތެރެއިން ކުރަންޖެހޭ މަސައްކަތްތައް ޕީއެންސީގެ މެޖޯރިޓީ އޮވެމެ ނުކޮށް އޮތުމެވެ.

އިސްރާއީލްގެ ފަތުރުވެރިންނަށް ރާއްޖެ ނާދެވޭ ގޮތަށް ޕާސްޕޯޓު މަނާކުރަން އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެނައުމަށް ބިލެއް ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް ނަސީމް ހުށަހެޅީ މަޖިލީހުގެ މިދިޔަ ދައުރުގައެވެ. އޭރު މަޖިލީހުގައި އޮތީ އެމަޑީޕީގެ ސުޕަރ މެޖޯރިޓީއެވެ.

އެ ބިލު ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގައި އޮންނަތާ މިހާރު ވަނީ 100 ދުވަހަށްވުރެ ގިނަވެފައެވެ. ނަމަވެސް، ބިލް އެހާ ލަސްވެގެންދާ ސަބަބެއް މަޖިލީހުން ވެސް އަދި މިހާތަނަށް ސާފުކޮށްދީފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން