ރާއްޖޭގެ ވެރިކަން ކުރާ ކޮންމެ ރައީސަކަށް 20، 25 އަހަރު ވެރިކަން ދޭންޖެހޭ ކަމަށް މަޝްހޫރު ވިޔަފާވެރިޔާ ޗަމްޕާ މުޙައްމަދު މޫސާ (އުއްޗު) ވިދާޅުވެއްޖެއެެވެ.

ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއު އެއްގައި ވާހަކަ ދައްކަވަމުން ޗަމްޕާ ބްރަދާޒްގެ ޗެއާމަން އަދި ވިޔަފާވެރިޔާ މުޙައްމަދު މޫސާ (އުއްޗު) ވިދާޅުވީ، ރައީސަކަށް ވެރިކަން ކުރަން ލިބިވަޑައިގަންނަވާ ފަސްއަހަރުގެ މުއްދަތަކީ ވަރަށް ކުރު މުއްދަތެއް ކަމަށެެވެ. ކޮންމެ ރައީސަކު ވެރިކަމަށް ވަޑައިގަންނަވަނީ ވަރަށް ގިނަ ވައުދުތަކެއް ރައްޔިތުންނަށް ވެގެން ކަމަށާއި ފަސްއަަހަރުގެ ދައުރެއްގެ ތެރޭގައި އެހުރިހާ ކަމެއް ނުކުރެވޭނެ ކަމަށް އުއްޗު ވިދާޅުވިއެވެ.

އުއްޗު ވިދާޅުވީ ވައުދުތައް ފުއްދުމަށް ނެތް ލާރި ހޯދައިގެން އެކަމަށް ޚަރަދު ކުރަންޖެހޭ ކަމަށެވެ. އަދި ވެރިކަމުގެ ދެވަނަ ދައުރެއް ހޯދުމަށް ކޮންމެ ރައީސަކު ވެސް އެތައް ޚަރަދެއް ކުރަންޖެހޭ ކަމަށާއި ވެރިކަން ހޯދުމަށް ރައްޔިތުންނަށް އެތައް ވައުދެއް ވާންޖެހޭ ކަމަށް އުއްޗު ވިދާޅުވިއެވެ.

"ފަސްއަހަރަކުން މިހުރިހާ ކަމެއް ނުކުރެވޭނެ އެބޭފުޅުންނަކަށް، (ރައީސުންނަށް) ދެން ކޮންމެ ފަސްއަހަރަކުން އަނެއްކާ ވެރިކަމަށް އަންނަންވެގެން ހެސްކިޔާފައި ޚަރަދުކުރަންޖެހޭ ނެތް ލާރި ހޯދައިގެން ދޭންޖެހޭ، ނެތް ގޯތި މީހުންނަށް ދޭންޖެހޭ އަނެއް ފަސް އަހަރު އަނެއްކާ ވެސް ހުންނަންވޭ އެހެންވީމަ އެ ހުންނަވާ ވެރިއަކަށް 20، 25 އަހަރު ހުރެވޭގޮތަށް ރައްޔިތުން ހަދައިދިނުމަށް އެެދެން އޭރުން ވަރަށް ފަސޭހަވާނެ އެބޭފުޅުންނަށް އެހުރިހާ ވައުދުތައް ފުއްދަން،" ރާއްޖޭގެ ޓޫރިޒަމްގެ ބާނީންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އުއްޗު ވިދާޅުވިއެވެ.

ގާނޫނު އަސާސީ ބުނާގޮތުން ވެރިކަމުގެ ދައުރަކީ ފަސްއަހަރުގެ މުއްދަތެކެެވެ. ގާނޫނު އަސާސީގައި މިހާރު އޮންނަގޮތުން ވިދިވިދިގެން ރައީސަކަށް ވެރިކަން ކުރެވޭނީ ދެ ދައުރެވެ. އެއީ 10 އަހަރެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން