ދަޢުލަތުގެ މާލީ ވުޒާރާ
ދަޢުލަތުގެ މާލީ ވުޒާރާ
ޗައިނާގެ އެގްޒިމް ބޭންކުން 75 މިލިއަން ޑޮލަރުގެ ލޯނެއް ސަރުކާރުން ނަގައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ދަޢުލަތުގެ މާލީ ވުޒާރާއިން އިއްޔެ ޙިއްސާކުރި ލިޔުންތައް ދައްކާގޮތުން މިލޯނަކީ ޗައިނާގެ އެގްޒިމް ބޭންކުން 2015 ގައި ނެގި ލޯނުން ބައެއް އަނބުރާ ދެއްކުމަށް ސަރުކާރުން ނަގާފައިވާ ލޯނެކެވެ.

2015 ވަނަ އަހަރު ސަރުކާރުން ނަގާފައިވާ މިލޯނަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ޕްރޮޖެކްޓަށް ޗައިނާގެ އެގްޒިމް ބޭންކުން ނެގި 378 މިލިއަން ޑޮލަރުގެ ލޯނެވެ. އެހެންކަމުން މި ސަރުކާރުން 75 މިލިއަން ޑޮލަރުގެ ލޯނެއް ނަގާފައިވަނީ އެލޯނު ރީފައިނޭންސް ކުރުމަށެވެ.

މަޖިލީހަށް ހުށައަޅާފައިވާ ލިޔުންތައް ދައްކާގޮތުން ސަރުކާރުން އަލަށްނެގި 75 މިލިއަން ޑޮލަރުގެ ލޯނު އަނބުރާ ދައްކަން ޖެހެނީ ހަ އަހަރުގެ ތެރޭގައެވެ. އޭގެތެރެއިން ގްރޭސް ޕީރިއަޑްގެ ގޮތުގައި 3 އަހަރު ލިބޭއިރު ލޯނުގެ އިންޓްރެސްޓް ރޭޓަކީ ދެ ޕަސެންޓެވެ. އެހެންކަމުން 2030 ވަނަ އަހަރު ލޯނު އަނބުރާ ދައްކާ ނިންމާއިރު އިންޓަރެސްޓާއެކު ލޯނަށް މުޅިޖުމްލަ ދައްކަން ޖެހެނީ 78 މިލިއަން ޑޮލަރެވެ.

ސަރުކާރުން ބުނީ އެ ލޯނު ރީފައިނޭންސް ކުރުމަށް ނިންމީ، މިދިޔަ ޖެނުއަރީ މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާ އަށް ކުރެއްވި ދަތުރުފުޅުގައި ކަމަށެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ޕްރޮޖެކްޓަށް ނެގި ލޯނު އަނބުރާ ދައްކަން ފެށީ ރައީސް ޞާލިޙްގެ ވެރިކަމުގައި 2022 ވަނަ އަހަރުން ފެށިގެންނެވެ. ޗައިނާގެ އެގްޒިމް ބޭންކުން ނެގި އެލޯނު ރީފައިނޭންސް ކުރަން ނިންމީ ދައުލަތުގެ މާލީ ހާލަތު ދަށްވެ، ފޮރިން ކަރެންސީ ރިޒާވަށް ނޭދެވޭ އަސަރު ކޮށްފައިވާތީ ކަމަށް ފިނޭންސުން މަޢުލޫމާތު ދީފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން