މާލޭ ސިޓީ ކައުންސިލަށް ފުރަތަމަ ފަހަރަށް އިންޓާނަލް އޮޑިޓަރެއް އައްޔަންކުރަން އިއުލާންކޮށްފި އެވެ.

މާލޭ ސިޓީ މޭޔަރު އާދަމް އާޒިމް އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކައުންސިލަކީ ރައްޔިތުންގެ ޓެކްސް ފައިސާއިން ހިންގާ ތަނަކަށް ވާއިރު އެ ފައިސާ އާއި މުދާ ބޭނުން ކުރަނީ ރަނގަޅަށްތޯ ކަށަވަރު ކުރުމަށް އިންޓާނަލް އޮޑިޓަރެއް އައްޔަން ކުރަން ނިންމައިފައިވާ ކަމަށެވެ. އެގޮތަށް ނިންމައިފައިވަނީ ކައުންސިލްގެ ފުރިހަމަ ތާއިދާއެކު ކަމަށް މޭޔަރު ވިދާޅުވިއެވެ. އަދި މިއީ ސިޓީކައުންސިލްގެ ތާރިޚުގައި ވެސް އައްޔަންކުރެވޭ ފުރަތަމަ އޮޑިޓަރުގެ މަގާމު ކަން މޭޔަރު ވަނީ ފާހަގަކުރަށްވާފައެވެ.

"ކައުންސިލް އަކީ ރައްޔިތުންގެ އިތުބާރު އޮންނަ ތަނަކަށް ހެދުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އަމާޒެއް،" އިދިކޮޅު އެމްޑީޕީ އަށް ނިސްބަތްވެވަޑަައިގަންނަވާ އާޒިމް ވިދާޅުވިއެވެ.

މާލޭ ސިޓީ ކައުންސިލުން ގެޒެޓުކުރި އިއުލާނުގައި ބުނެފައިވަނީ އޮޑިޓިން މަސައްކަތާ ހަވާލުވުމަށް، އަންނަ ހޯމަ ދުވަހު މާލޭ ސިޓީ ކައުންސިލްގެ އިދާރާއަށް ހާޒިރުވެ އަންދާސީ ހިސާބު ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި އޮޑިޓް ކުރާ ފަރާތުން، އަހަރުގެ ކޮންމެ ކުއާޓަރެއް ނިމޭތާ 45 ދުވަހުގެ ތެރޭގައި އިންޓާނަލް އޮޑިޓް ކައުންސިލަށް ހުށަހަޅަން ޖެހޭނެ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ. މީގެ އިތުރުން އޮޑިޓްކުރުމުގައި ބަލަން ޖެހޭ ކަންތައްތަކުގެ ތެރޭގައި ކައުންސިލުން ވަސީލަތްތައް ގެންގުޅެ ބަލަހައްޓާ ގޮތާއި، ގާނޫނުތަކާއި ގަވައިދުތަކާއި ސިޔާސަތުތަކަށް އަމަލުކުރާ މިންވަރު ހިމެނޭ ކަމަށް އިއުލާނުގައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން