ތުރުކީ ވިލާތުގެ ވެރިރަށް އަންކާރާގައި މިއަދު ހެނދުނު ދިން ވަރުގަދަ ހަމަލާތަކެއްގައި ތިން މީހަކު މަރުވެ އެތަށް ބަޔަކު ޒަޚަމްވެއްޖެއެވެ.

މި ހަމަލާ އަމާޒުކޮށްފައިވަނީ އެ ޤައުމުގެ އެއަރޯސްޕޭސް އިންޑަސްޓްރީސް މިނިސްޓްރީގެ އޮފީހަށެވެ.

ތުރުކީގެ އިންޓީރިއަރ މިނިސްޓަރު އަލީ ޔެރްލިކާޔާ ވަނީ މިއީ ޓެރަރިސްޓް ހަމަލާއެއްގެ ގޮތުގައި ސިފަކުރަށްވާފައެވެ. މިހަމަލާ ދީފައިވަނީ ދެ މީހަކު ވެގެން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އޭގެ ތެރެއިން އެކަކު ވަނީ އަމިއްލައަށް ހަށިގަނޑު ގޮއްވާލައިގެން މަަރުވެފައެވެ. އަނެކަކު ހައްޔަރުކުރެވުނު އިރު ވަރަށް ބޮޑަށް ޒަޚަމްވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިހަމަލާގައި ތިން މީހަކު މަރުވެފައިވާއިރު 14 މީހުންނަށް އެކިވަރުގެ ޒަޚަމްތަށް ލިބިފައިވާ ކަމަށެވެ.

މި ހަމަލާގައި އާންމުވެފައިވާ ސީސީޓީވީ ފުޓޭޖުން ފެންނަނީ އިމާރާތުގެ އެތެރޭގައި ހުރި ބަޑިއަކާއެކު ހުރި މީހެކެވެ. މީޑިޔާ ރިޕޯޓް ތައް ބުނާގޮތުން އަންކާރާއިން ގާތްގަނޑަކަށް 40 ކިލޯމީޓަރު (25 މޭލު) ދުރުގައި ހުންނަ އެ ތަނުގެ ބޭރުގައި ގޮވުމަކާއި ބަޑިޖެހުމުގެ އަޑު އިވިފައިވެއެވެ.

މި ހާދިސާ ހިނގީ ތުރުކީގެ ޕާލަމެންޓުގެ ފުރަތަމަ ޖަލްސާ ފެށުމުގެ ކުރިންނެވެ. ހަމަލާ ދިން ފަރާތްތަކާ ބެހޭ އިތުރު މަޢުލޫމާތު އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، މިފަދަ ހަމަލާތައް ކުރިން ވެސް ދީފައިވަނީ ކުރްދިސްތާން ވަރކާސް ޕާޓީ (ޕީކޭކޭ) އާއި ގުޅުންހުރި ހަރުކަށި ޖަމާޢަތްތަކުން ކަމަށް ތުރުކީ ސަރުކާރުން ބުނެއެވެ.

ތުރުކީގެ ރައީސް ރަޖަބު ޠައްޔިބް އުރުދޮގާން ވަނީ މި ހަމަލާ ކުށްވެރިކުރައްވާފައެވެ. އަދި އެފަދަ ޓެރަރިސްޓް ޢަމަލުތަކުން ތުރުކީގެ ތަރައްޤީއަށް ހުރަސްނޭޅޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި ހާދިސާއާ ގުޅިގެން ތަޙްޤީޤު ކުރިއަށްދާ ކަމަށާއި، ޒިންމާވާ ފަރާތްތަކަށް ޤާނޫނީ ފިޔަވަޅު އެޅޭނެ ކަމަށް ވެސް ތުރުކީގެ ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން