ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި ބެންކް އޮފް މޯލްޑިވްސް، ބީއެމްއެލް އިން ވެދޭ އެހީތެރިކަމަށް ޝުކުރު އަދާކޮށް ސަރުކާރުން ބަޔާނެއް ނެރެފިއެވެ.

މިރޭ ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، ދިވެހި ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި، އަދި ރައްޔިތުންނަށް ދަތިވާ ކަންކަން ހައްލުކޮށްދެއްވުމުގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ކަނޑައަޅުއްވާ ސިޔާސަތުތައް ތަންފީޒުކުރުމަށް ބޭންކް އޮފް މޯލްޑިވްސްއިން ދޭ އެއްބާރުލުމަށް ދިވެހި ސަރުކާރުން ޝުކުރު އަދާކުރާ ކަމަށެވެ.

އެގޮތުން، 24 ޑިސެންބަރު 2023 ގައި، ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތީން ރައީސް ނިންމަވާފައިވާ ނިންމެވުން ތަންފީޒުކުރަން ފެށްޓެވުމަށް ފުރަތަމަ ކުރައްވާ ކަމެއްގެ ގޮތުގައި، ބޭރު ގައުމުތަކުގައި ތައުލީމު ހާސިލް ކުރަމުންދާ ދަރިވަރުންނަށް ބީއެމްއެލްގެ ރުފިޔާ ޑެބިޓް ކާޑުތަކުން ޑޮލަރު ލިބޭ މިންވަރު މި އަންނަ މަހުން ފެށިގެން 1200 ޑޮލަރަށް އިތުރުކޮށްދޭން ބެންކުން މިއަދު ނިންމުމަކީ، އެ ކުދީންނަށާއި އެ ކުދީންގެ ޢާއިލާތަކަށް ލިބޭ ވަރަށް ބޮޑު ފަސޭހައަކަށް ވާނެކަމަށް ބަޔާނުގައި ވެއެވެ.

ސަރުކަރުގެ ބަޔާނުގައި ބުނީ، ދިވެހި ގައުމުގެ ތަރައްގީގައި އަދި ރައްޔިތުންގެ ފުދުންތެރިކަން އިތުރުކޮށްދީ، މާލީ މުއާމަލާތްތައް ފަސޭހަކޮށްދިނުމުގައި ބީއެމްއެލްގެ ދައުރު ފުޅާކުރުމަށް ސަރުކާރުން އަބަދުވެސް ވާގިވެރިވަމުން ދާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވާ ކަމަށެވެ.

އަދި ދައުލަތުގެ ޚަރަދުތައް ކުޑަކޮށް، ދަރަނި ކުޑަކޮށް، ދައުލަތަށް ލިބޭ އާމުދަނީގެ މަންފާ ރައްޔިތުންނަށް އިތުރުވަމުންދާނެ ތިޔާގި ދުވަސްތަކެއް ގައުމަށް ހޯދައިދިނުމަށް ސަރުކާރުން އަޅަން ފަށާފައިވާ އިސްލާހީ ފިޔަވަޅުތައް ހަރުދަނާކަންމަތީ ދެމެހެއްޓުމަށް ސަރުކާރުން އަބަދުވެސް އިސްކަން ދެމުން ގެންދާނެ ކަމަށް ވެސް ބަޔާނުގައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން