ތުރުކީވިލާތުގެ ވެރިރަށް އަންކާރާ ކައިރީގައި އޮންނަ އޭވިއޭޝަން ކުންފުންޏެއްގެ މައި އޮފީހުގެ ބޭރުގައި ބަޔަކު ދިން ޓެރަރިސްޓު ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވުމާއި ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެެވެ.

ތުރުކީވިލާތުގެ ވެރިރަށް އަންކާރާ ކައިރީގައި އޮންނަ އޭވިއޭޝަން ކުންފުންޏެއްގެ މައި އޮފީހުގެ ބޭރުގައި އިއްޔެ ބަޔަކު ދިން ވަރުގަދަ ހަމަލާތަކެއްގައި މިހާތަނަށް ހަތަރު މީހަކު މަރުވެ 14 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.

އެކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތުރުކީގެ ރައީސް އުރުދުޣާނަށް ފޮނުއްވި މެސެޖްގައި އަންކާރާ ކައިރީގައި ހުންނަ ތުރުކީ އެއަރޯސްޕޭސް އިންޑަސްޓްރީސްގެ މައި އޮފީހަށް ދިން ހިތާމަވެރި ހަމަލާއާ ގުޅިގެން، މަރުވެފައިވާ މީހުންގެ ޢާއިލާތަކަށް ވަނީ ތަޢުޒިޔާ ފޮނުއްވާފައެވެ. އަދި މިހަމަލާގައި ޒަޚަމްވެފައިވާ މީހުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން ރައީސް ވަނީ ހެޔޮ ދުޢާ ކުރަށްވާފައެވެ. ރައީސް މުޢިއްޒު ވިދާޅުވީ ހަމަލާގެ ޚަބަރު އެމަނިކުފާނު އެއްސެވީ ފުން ހިތާމައާއެކުގައިކަމަށާއި އެކަމާ މެދު ހިތާމަކުރައްވާ ކަމަށެެވެ. އަދި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި މި ހަމަލާ ކުށްވެރިކުރައްވާ ކަމަށް ރަައީސް މުޢިއްޒު ވިދާޅުވިއެވެ. ރައީސް ވަނީ ތުރުކީ ރައްޔިތުންނާއެކު ދިވެހިރާއްޖެ އެއްބައިވަންތަކަމާއެކު ތިބޭނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

ތުރުކީގެ ރައީސް ރަޖަބު ޠައްޔިބް އުރުދޮޣާން ވަނީ މި ހަމަލާ ކުށްވެރިކުރައްވާފައެވެ. އަދި އެފަދަ ޓެރަރިސްޓް ޢަމަލުތަކުން ތުރުކީގެ ތަރައްޤީއަށް ހުރަސްނޭޅޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި ހާދިސާގެ ތަޙްޤީޤު ކުރިއަށްދާ ކަމަށާއި، ޒިންމާވާ ފަރާތްތަކަށް ޤާނޫނީ ފިޔަވަޅު އެޅޭނެ ކަމަށް ވެސް ތުރުކީގެ ރައީސް ވިދާޅުވިއެވެ.

އަންކާރާގައި ބަޔަކު ދިން ޓެރަރިސްޓު ހަމަލާގައި ހިމެނޭ އެކަކު ހަށިގަނޑު ގޮއްވާލައިގެން ވަނީ އަމިއްލަ އަށް މަރުވެފައެވެ. ހަމަލާދިން ދެވަނަ މީހާ ތުރުކީ ފުލުހުން މިހާރު ވަނީ ހައްޔަރުކޮށްފައެވެ.

ހަމަލާ ދިން ޓީއޭއައި އަކީ ތުރުކީވިލާތުގެ އެއަރޮސްޕޭސް އިންޑަސްޓްރީގައި މުހިންމު ދައުރެއް އަދާކުރާ ކުންފުންޏެކެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން