ތެޔޮ ފުނަދޫ
ތެޔޮ ފުނަދޫ
ސަރުކާރުން ކުރިން އިޢުލާނު ކޮށްފައިވާ ގޮތާ ޚިލާފަށް މާގިރިފަޅު ނުހިއްކައި ފުނަދޫގައި ހުރި ތެޔޮ ޓޭންކްތައް ތިލަފުށްޓަށް ބަދަލުކުރަން ނިންމައިފައިވާ ކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.

އިތުބާރުހުރި މަސްދަރަކުން މަޢުލޫމާތު ލިބިފައިވާ ގޮތުގައި ސަރުކާރުން މިގޮތަށް ނިންމާފައިވަނީ މާގިރިފަޅު ހިއްކުމުގެ ކުރިން ހަދަންޖެހޭ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ހެދުމަށްފަހުއެވެ. އެގޮތުން މިހާރު ކުރިއަށްދަނީ ފުނަދޫ ފިއުލް ފާމް ތިލަފުށްޓަށް ބަދަލުކުރުމަށްޓަކައި ބިން ހަމަޖެއްސުމުގެ މަސައްކަތެވެ.

އެސްޓީއޯއިން މީގެ ކުރިން ބުނެފައިވަނީ ފުނަދޫ ފިއުލް ސްޓޯރޭޖް މާގިރިއަށް ބަދަލުކުރަނީ ފުނަދޫގެ ޖާގަ ކުޑަވުމުގެ ސަބަބުން ކަމަށާއި މިހާރު 50،000 ޓަނާއި 80،000 ޓަނުގެ ވެސަލްގައި ތެޔޮ ނުގެނެވޭކަމަށެވެ. ފުނަދޫގައި މިހާރު ރައްކާކުރެވެނީ ގާތްގަނޑަކަށް 50،000 ޓަނުގެ ޑީސަލާއި 10،000 ޓަނުގެ ޕެޓްރޯލް ކަމަށް އެސްޓީއޯ އިން މަޢުލޫމާތު ދެއެވެ.

ފުނަދޫ ފިއުލް ފާމް މާގިރިފަޅަށް ބަދަލުކުރަން ނިންމިކަން ސަރުކާރުން އިއުލާންކުރީ މިއަހަރުގެ ޖެނުއަރީ 21 ވަނަ ދުވަހު އެވެ. ފުނަދޫ ފިއުލް ސްޓޯރޭޖް ބަދަލުކުރުމުގެ މަސައްކަތް 18 މަހާއި 24 މަސް ތެރޭގައި ނިންމާލެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މީގެކުރިން ވަނީ ވިދާޅުވެފައެވެ.

ފުނަދޫގައި ގާއިމުކޮށްފައިވާ ފިއުލް ސްޓޯރޭޖް އެހެންތަނަކަށް ބަދަލުކުރުމަށް ފަހު ސަރުކާރުން ނިންމާފައިވަނީ ވީއައިއޭ ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހީގެ މަޝްރޫއުގެ ތެރެއިން ފުނަދޫގައި ފައިނޭންޝަލް ސެންޓަރެއް ޤާއިމް ކުރުމަށެވެ. އެކި ކަހަލަ ވިޔަފާރިތަކާއި ހޮޓާތަކާއި މުނިފޫހި ފިލުވުމުގެ ޚިދުމަތްތަކާއެކު ތަރައްގީކުރާ ފުނަދޫއަކީ ސަރުކާރުގެ ޕްލޭންގައި ވާގޮތުން ސީ ޕްލޭން ޓާމިނަލްވެސް ތަރައްގީކުރާ ރަށެވެ.

މީގެއިތުރުން ފުނަދޫގެ ތަރައްގީގެ ތަސައްވުރުގައި ކުލަ ޖެހޭއިރު، ފުނަދޫއާއި މާލެ އާއި ދެމެދުގެ އިތުރުން، ފޮނަދޫ އާއި ހުޅުލެ އަދި ހުޅުމާލެއާ ދެމެދު ގުޅުވާލުމަށް ބްރިޖުތައް އެޅުމަށް ހަމަޖެހިފައިވާކަމަށް ވެސް ރައީސް ވިދާޅުވެފައި ވެއެވެ.

ފުނަދޫގައި އެސްއީޒެޑް ތަރައްގީކޮށް ހިންގުމަށް ދުބާއީގެ އިންޓަނޭޝަނަލް ފްރީޒޯން އޮތޯރިޓީ އިފްޒާ އާއެކު ދިވެހި ސަރުކާރުން އެމްއޯޔޫގައި ސޮއިކުރީ މިދިޔަ މެއި މަހުގެ 12 ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން