ކަޅު ބާޒާރުގައި ޑޮލަރު އަގުބޮޑުވަމުންދާއިރު މުސާރަ ކުޑަކުރުމުން ދަތިވާނެ ކަމަށް ވިދާޅުވެ މަޝްހޫރު ލޮޓަސް ފިހާރައިގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ރާއްޖޭގެ އިގުތިސާދީ ހާލަތު ރަނގަޅުކޮށް ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން ސިޔާސީ މަގާމުތަކާއި ދައުލަތުގެ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައިގެ 10 ޕަސެންޓް ކުޑަކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ އިއްޔެ އެވެ.

އަދި ރައީސް މުއިއްޒު ވަނީ އެމަނިކުފާނުގެ މުސާރައިން ވެސް 50 ޕަސެންޓް ނުނަންގަވަން ނިންމަވައިފަ އެވެ.

އެ ނިންމުމާ ގުޅިގެން އާރިފް އެކްސްގައި ވިދާޅުވީ މިހާރުވެސް އެމެރިކާ ޑޮލަރުގެ އަގު ކަޅު ބާޒާރުގައި 19ރ. އާ ދިމާލަށް ދަތުރުކުރަމުންދާ ކަމަށާއި އެހެންވެ މުސާރައިން 10 ޕަސެންޓް ކުޑަކޮށްފިނަމަ މީހުންނަށް ވަރަށް ބޮޑަށް ދަތިވެ ދެކޮޅު ނުޖެއްސޭނެ ކަމަށެވެ.

"20 ޕަސެންޓް މުސާރަ ބޮޑުކުރިޔަސް މިހާރު މުދަލުގެ އަގު ތަކާއި ހަރަދުތައް ހުރި ގޮތުން ދެކޮޅު ނުޖެއްސޭނެ" ކުރިން އިދިކޮޅު އެމްޑީޕީގައި ހުންނެވުމަށް ފަހު ފަހުން ޕީޕީއެމާ ގުޅިވަޑައިގަތް އާރިފް ވިދާޅުވި އެވެ.

މުސާރަ ކުޑަކުރަން ނިންމި ނިންމުމަށް އިދިކޮޅު އެމްޑީޕީން ވަނީ ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ. އެގޮތުން މުސާރަ ކުޑަ ކުރަން ޖެހޭ ހާލަތެއް ނެތް ކަމަށާއި އާންމު ރައްޔިތުން ގުރުބާން ކުރަނީ ކަމަށް ވެސް އެމްޑީޕީން ވަނީ ބުނެފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން