ވިލުނުވެރިކަން އިތުރުކޮށް, މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް އެކުގައި މަސައްކަތްކުރުމަށް ޚާރިޖީ ވަޒީރު، ޑޮކްޓަރ ޢަބްދުﷲ ޚަލީލް ގޮވާލައްވައިފިއެވެ.

ޚަލީލް މިފަދައިން ގޮވާލެއްވީ ސަމޯއާގައި ކުރިއަށްދާ ކޮމަންވެލްތު ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގެ ހަވާސާގައިި، މިއަދު ބޭއްވި ކޮމަންވެލްތު ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ ޑރ ޚަލީލް ދެއްކެވި ވާހަކަފުޅުގައި ވަނީ ކުދި ޖަޒީރާ ޤައުމުތަކުން އިސްކަންދޭ ކަންތައްތަކަށް ރާއްޖެއިން އިސްކަންދޭކަން ފާހަގަކުރައްވައި, ވިލުނުވެރި މުޖުތަމަޢުތަކާއި, ޑިމޮކްރަސީގެ އުޞޫލުތައް ނެގެހެއްޓުމާއި, ވިލުނުވެރި އިޤްތިޞާދުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި މޫސުމަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކުދި ޖަޒީރާ ގައުމުތަކަށް ބޭނުންވާ މާލީ އެހީ އިތުރުކުރެވޭނެ މަގު ފަހިކޮށް މި އަހަރުގެ މެއި މަހުގައި ބޭއްވި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ ހަތަރު ވަނަ ބައްދަލުވުމުގައި ފާސްކުރި "އެންޓިގާ އެންޑް ބާބުޑާ އެޖެންޑާ ފޯ ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓް (އަބާސް)" ތަންފީޒުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ވެސް ޚާރިޖީ ވަޒީރު ގޮވާލެއްވިއެވެ.

މީގެ އިތުރުންވެސް, ދުނިޔެ ހަލަބޮލިވެފައިވާ މި ދަނޑިވަޅުގައި, ޑިމޮކްރަޓިކް އުޞޫލުތައް ނަގަހައްޓައި, ނާޒުކު ޤައުމުތައް ހިމާޔަތްކުރުމަށް ބޭނުންވެފައިވާކަން މިނިސްޓަރ ޑރ ޚަލީލް ފާހަގަކުރެއްވިއެވެ.

ޚަލީލުގެ ވާހަކަފުޅުގައި އެކި ރޮނގުތަކުން ކޮމަންވެލްތުން ރާއްޖެއަށް ފޯރުކޮށްދޭ އެހީއަށް ޝުކުރު އަދާކުރެއްވިއެެވެ. އަދި ކޮމަންވެލްތާއެކު ރާއްޖެއިން އޮންނަ ގުޅުން އިތުރަށް ވަރުގަދަކޮށް, ކޮމަންވެލްތުގެ އުޞޫލުތައް ރާއްޖެއިން ނަގަހައްޓާނެކަމުގެ ޔަގީންކަން ވަނީ ދެއްވާފައެވެ.

ކޮމަންވެލްތު ޚާރިޖީ ވަޒީރުންގެ ބައްދަލުވުމަކީ ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުން ފެށުމުގެ ކުރިން، ކޮމަންވެލްތުގެ ގައުމުތަކަށް ދިމާވެފައިވާ މުހިންމު މައްސަލަތަކަށް ހައްލު ހޯދުމަށާއި ކޮމަންވެލްތުން ހާސިލްކުުރުމަށް ބޭނުންވާ ލަނޑުދަނޑިތައް ކަނޑައަޅައި އެއްބާރުލުން އިތުރުކުރުމުގެ ގޮތުން ބާއްވާ މުހިންމު ބައްދަލުވުމެެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން