ދުނިޔެއަށް ބޭނުންވަނީ ފަލަސްތީނުގައި އިސްރާއީލުން ހިންގާ ނަސްލު ނައްތާލުމުގެ އަމަލުތަކާ ދެކޮޅަށް ކެރިގެން އަމަލުކުރެވޭނެ އދ އެއް ކަމަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުالله ޚަލީލް ވިދާޅުވެއްޖެއެވެ.

ވަޒީރު ޚަލީލް މިހެން ވިދާޅުވީ އދ. ދުވަހުގެ މުނާސަބަތުގައި ދެއްވި ޚާއްޞަ މެސެޖުގައެވެ. ޚަލީލު ވިދާޅުވީ ދުނިޔެއަށް ބޭނުންވަނީ ފިޔަވަޅު އަޅަން ތައްޔާރަށް އޮތް އދ. އެއް ކަމަށެވެ. އެގޮތުން މޫސުމަށް އަންނަ ބަދަލުތަކާއި، ތިމާވެށި ހަލާކުވުން ހުއްޓުވޭނެ އދ އެއް ބޭނުންވާ ކަމަށް ޚަލީލު ވިދާޅުވިއެވެ.

މީގެ ހަތްދިހަނުވަ އަހަރު ކުރިން އަމަލުކުރަން ފެށި އދ ގެ އުސޫލުތަކުގެ ސަބަބުން، ބައިބައިވުންތައް ރަނގަޅުކޮށް ސުލްހަ ބިނާކުރުމަށް ފިޔަވަޅު އެޅުނު ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އދ. ގެ ސަބަބުން އެތައް ބަޔަކަށް އުއްމީދެއް ލިބި ދުނިޔެ ރަނގަޅު ތަނަކަށްވެ ބަދަލެއް ގެނެސްފައިވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

1965 ވަނަ އަހަރު އދ ގެ މެންބަރަކަށްވީ ފަހުން ރާއްޖެ އަކީ މަލްޓިލެޓަރަލް ނިޒާމަށް ވަރުގަދައަށް ތަބާވާ ގައުމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މި ޝަރަފުވެރި ޕްލެޓްފޯމްގެ ސަބަބުން ރާއްޖެ ފަދަ ސްމޯލް އައިލެންޑް ޑިވެލޮޕްމަންޓް ސްޓޭޓްސް (އެސްއައިޑީއެސް) އަށް، ބޭނުންތަކާއި ކަންބޮޑުވުންތަކާގުޅިގެން އަޑުއުފުލުމުގެ ފުރުސަތު ލިބިގެންދާކަން ފާހަގަކުރެއްވިއެވެ.

އެސްއައިޑީއެސްގެ ސަބަބުން ރާއްޖެ މިދަނީ އދ ގައި މޫސުމާބެހޭ ފިޔަވަޅުތަކާއި، އިންސާނީ ހައްގުތަކާއި، ދެމެހެއްޓެނިވި ތަރައްޤީއަށް ވަރުގަދައަށް ވަކާލާތުކުރަމުން ކަމަށް ވަޒީރު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން