ގެދޮރު އިމާރާތްކުރަން ބޭނުންވެފައިވާ ފަރާތްތަކަށް މާލީ އެހީތެރިކަން ދިނުމަށް ސަރުކާރުން ފަށަން މަސައްކަތްކުރާ ”ހިޔާވަހި ފައިނޭންސިން ސްކީމް“ ގެ ތިން ވަނަ ބައިވެރިއެއްގެ ގޮތުގައި، ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލް ހަމަޖައްސައިފިއެވެ.

މިކަމަށްޓަކައި މިއަދު ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މިކަމުގެ ފަހުމުނާމާގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. އަލީ ހައިދަރު އަހުމަދެވެ. އަދި ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފްއެވެ.

މި ސްކީމުގެ ތެރެއިން ލޯނު ދޭނީ ފަސް އިންސައްތައިގެ އިންޓްރެސްޓް ރޭޓުގައެވެ. އަދި ލޯނު އަނބުރާ ދެއްކުމަށް 25 އަހަރު ލިބޭނެއެވެ. މި ސްކީމްގެ ތެރެއިން ލޯނު ދޫކުރެވޭނީ ކޮންމެ ފަރާތެއްގެ ވެސް ފުރަތަމަ ގެ އިމާރާތްކުރުމަށަވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާއެއްގޮތަށް ފަށާ، ހިޔާވެހި ފައިނޭންސިންގެ ތެރެއިން މުޅިން އަލަށް ގެއެއް އިމާރާތް ކުރަން އަދި އިމާރާތްކުރަން ފަށާފައިހުރި ގެއެއް ނިންމަން ވެސް ލޯނު ލިބޭނެއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ވިދާޅުވީ ސަރުކާރުން މަސައްކަތްކުރަނީ ހަފްތާއެއްގެ ތެރޭގައި އެ ފައިނޭންސް ސްކީމް ލޯންޗުކޮށް ލޯނަށް އެދުމަށް ހުޅުވާލަންކަމަށެވެ.

މި ސްކީމްގެ މަސައްކަތް މިހާރު ކުރިއަށްދާއިރު މީގެކުރިން ވަނީ އިތުރު ދެ ޕާޓުނަރުންނާއެކު ސޮއިކޮށްފައެވެ. އެއީ މޯލްޑިވްސް އިސްލާމިކް ބޭންކް އަދި ހައުސިންގް ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން