އިބްރާހިމް ފަހީމް   24 އޮކްޓޯބަރު 2024 - 22:33
ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންދާ ބަލި މީހުންނަށް ހާއްސަކޮށްގެން ސަރުކާރުން އަޅަން ނިންމާފައިވާ ހޮސްޕިޓަލް މާލޭގައި، ދަރުމަވަންތަ ހޮސްޕިޓަލާއި އިންވެގެން އަޅާގޮތަށް ނިންމައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ، މާލެ ސަރަހައްދުގެ ހޮސްޕިޓަލްތަކުގެ ތަރައްގީއަށް ކުރަމުންދާ މަސައްކަތްތައް ހާމަކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ ޢަބްދުއްރައްޒާޤް ޙަލީމެވެ.

އެ ބައްދަލުވުމުގައި ޙަލީމް ވިދާޅުވީ، މާލެ ސަރަހައްދުގެ އާބާދީ އިތުރުވަމުން ދިޔަނަމަވެސް، ސަރަހައްދުގެ ހޮސްޕިޓަލްތަކުގެ ކެޕޭސިޓީއަށް އެކަށީގެންވާ ކުރިއެރުންތަކެއް ހޯދިފައި ނުވާކަމަށެވެ.

އެހެންކަމުން، ހުޅުމާލެ ހޮސްޕިޓަލާއި އައިޖީއެމްއެޗްގެ ވެސް އެނދު އިތުރުކުރުމަށް މަސައްކަތްތަކެއް ކުރަމުން ދާކަމަށް އޭނާ ވިދާޅުވިއެވެ. އަދި މާލެ ސަރަހައްދުގައި ސިއްހީ ހިދުމަތް ފުޅާ ކުރުމަށް ކެންސަރު ބައްޔަށް ހާއްސަކޮށް އަޅަން ނިންމާފައިވާ ކެންސަރު ހޮސްޕިޓަލް، ދަރުމަވަންތަ ހޮސްޕިޓަލްގެ ހުޅަނގުން އޮތް ޕާކިން އޭރިއާގައި އަޅަން ނިންމާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ޙަލީމް ވިދާޅުވީ، އެ ބިމުގައި އަޅަން ނިންމާފައިވަނީ 25 ބުރީގެ ޓަވަރެއް ކަމަށާއި އެކަމަށް ބޭނުންވާ ބިން މިހާރު ހަމަޖެހިފައި ވާކަމަށެވެ.

އަދި އެ މަސައްކަތުގައި ފުރަތަމަ މަރުހަލާގައި ހަދާ ޑިޒައިނާއި ކޮންސެޕްޓް މިހާރު ނިމިފައިވާ ކަމަށާއި ކުރިއަށްއޮތް އަހަރަށް ކަނޑައަޅާ ބަޖެޓުގައި އޭގެ ތަފުސީލު ކުރެހުންތައް ހެދުމާއި ކޮންޓްރެކްޓް ކުރުމުގެ މަސައްކަތަށް ބޭނުންވާ ހަރަދުތައް ހިމެނިގެންދާނެކަމަށް ޙަލީމް ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވިދާޅުވީ، އެ ހޮސްޕިޓަލްގެ އެނދުގެ އަދަދާއި ހިދުމަތުގެ ތަފުސީލުތައް ޑީޓެއިލް ކުރެހުމާއިއެކު ފަހުން ހިއްސާ ކުރައްވާނެކަމަށެވެ. ނަމަވެސް، ކެންސަރަށް ހާއްސަ ހޮސްޕިޓަލެއް ވިޔަސް އެތަނުގައި އެ ނޫން ސިއްހީ ގިނަ ފަރުވާތަކެއް ވެސް ދެވޭނެ ގޮތަށް ހަމަޖައްސަވާނެކަމަށާއި، އެ ހިދުމަތްތައް އެތަނުގައި ފެށުމުން، އައިޖީއެމްއެޗްގެ އަޕްގްރޭޑިންގެ މަސައްކަތްތައް އިތުރަށް ކުރިއަށް ގެންދަން ފަސޭހަވާނެކަމަށް ވިދާޅުވިއެވެ.

ކެންސަރު ހޮސްޕިޓަލް އެޅުމަށް ކުރަންޖެހޭ ދިރާސާތައް ނިމި ބިން ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާކަން މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ވެސް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން