އަނބިދަރިންނަށް ޚަރަދުނުކުރާ މީހުން ވަގުތު ފާއިތުވުމުގެ ކުރިން ތައުބާވުމަށް މިއަދުގެ ޚުޠުބާގައި ގޮވާލައިފިއެވެ.

މިއަދުގެ ހުކުރު ޚުޠުބާގައި ބުނީ އިސްލާމީ ޝަރީޢަތުގައި ކަނޑައަޅުއްވައިފައިވާ ގޮތުން، ފިރިމީހާ އޭނާގެ އަނބިމީހާއަށް އަދި ބައްޕަ އޭނާގެ ދަރީންނަށް ޚަރަދުކުރުމަކީ، އޭނާގެ މައްޗަށް މާތް الله ވާޖިބުކުރައްވައިފައިވާ ކަމެއް ކަމަށެވެ.

އަދި ތިމާގެ އަނބިދަރީންނަށް ރިޒުގު ތަނަވަސްކޮށްދިނުމަށް ޓަކައި މަސައްކަތްކުރުމަކީ اللهގެ މަގުގައި ޖިހާދުކުރުން ފަދަ ސަވާބު މަތިވެރި ކަމެއްކަން ހަނދާންކޮށްދީފައި ވެއެވެ.

ހަމަ އެހެންމެ މާތް الله އެންގެވި ގޮތުގެ މަތީން އެކަނލާނގެ މަގުގައި ހޭދަކުރުމަކުން ތިމާއަށް އެއްވެސް ގެއްލުމެއްނެއް ކަމަށާއި އަދި الله އެކަމަށް ބަދަލުދެއްވައި ތަނަވަސްކަން އިތުރުކޮށްދެއްވާނެ ކަމަށް ވެސް ބުނެފައި ވެއެވެ.

ފިރީންނަކީ މާތް الله ވަރަށް މަތިވެރި އަމާނާތެއް ހަވާލުކުރައްވައިފައިވާ ބައެއްކަން ފާހަގަކޮށް ޚުޠުބާގައި އިތުރަށް ބުނީ އޭނާއަށް ހަވާލުކުރެވިފައިވާ އެންމެ ބޮޑު އަމާނާތަކީ އޭނާގެ އަނބިދަރީން ކަމަށެވެ.

"ނަމަވެސް ހިތާމައަކީ މިހާރަކަށް އައިސް ބައެއް ފިރީން އަނބިދަރީންނަށް ޚަރަދުނުކޮށް އެ ކަމަށް އިހުމާލުވަމުންދާ ކަމެވެ. އަދި ދެމަފިރީން ވަރިވުމަށް ފަހު ދަރީންނަށް ޚަރަދުނުދީ ފިލައިގެން އުޅޭ މީހުންވެސް މަދެއްނޫނެވެ. ކޯޓު މެދުވެރިކޮށް ވެސް ދަރީންނަށް ދޭންޖެހޭ ޚަރަދު ނުދީ އުޅޭ މީހުން ވެސް މަދެއްނޫނެވެ. މިއީ އިންތިހާއަށް ހިތާމަކުރާން ޖެހޭ ކަމެކެވެ. މި ކަންކަމާ ބެހޭ ގޮތުން ޤިޔާމަތް ދުވަހުން ސުވާލުކުރެވޭނެއެވެ. ވީމާ، މި ގޮތަށް އުޅޭ މީހުން ވަގުތު ފާއިތުވުމުގެކުރީން ތައުބާވެ، اللهގެ ރުހިވޮޑިގަތުން ހޯދުމަށް މަސައްކަތްކުރުމަށް ވަސިއްޔަތް ކުރަމެވެ." ޚުޠުބާގައި ބުނެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން