މާލޭގައި ބިދޭސީއަކު އޮރިޔާންކޮށް، ކަރުގައި ވަޅި ޖައްސައިގެން ފައިސާތަކެއް ފޭރުނީ މީގެކުރިން މއ. މަސްފަންގެއަށް މީހަކު ވައްދައިގެން ފޭރުނު މީހުންގެ ތެރޭގައި ހިމެނޭ މީހެއްކަން ހާމަވެއްޖެއެވެ.

މިމައްސަލަ އާއި ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ އައްޑޫ ސިޓީ ހިތަދޫ/ ސޯމާ، ޝަފީގު އިބްރާހިމް(35 އަހަރު) އެވެ. އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ 15 ދުވަސް ޖަހާފައެވެ.

ޝަފީގަކީ މިދިޔަ ޖުލައި މަހުގެ 24ވަނަ ދުވަހުގެ ވަގުތެއްގައި މއ. މަސްފަން ގެއަށް ދިވެހި ފިރިހެނަކު ވައްދައި އެ މީހާއަށް ވަޅިން ބިރުދައްކައި ބަރަހަނާކޮށް، އަނިޔާކޮށް ފޭރުނު މީހުންގެ ތެރޭގައި ހިމެނޭ މީހެކެެވެ. އަދި އެމައްސަލައިގައި އަނިޔާ ލިބުނު މީހާގެ އެކައުންޓުން އެހެން އެކައުންޓަކަށް 20،000ރ. ފޮނުވާފައިވާ ކަމަށާއި އަނިޔާ ލިބުނު މީހާގެ ކާޑު ބޭނުންކޮށްގެން އޭޓީއެމުން 25،000ރ. ނަގާފައިވާ ކަމަށް ފުލުހުން އޭރު ބުނެފައިވެއެެވެ.

އެ ހާދިސާ ހިނގި މއ. މަސްފަންގެ އަކީ ތަކުރާރުކޮށް އެކި ބޭނުންތަކަށް މީހުން ވެއްދުމަށް ފަހު ބިރުދައްކާ ކަމުގެ ރެކޯޑް އޮތް ތަނެއް ކަމަށް ފުލުހުންނާއި ހަވާލާދީ ކޯޓު އަމުރުގައިވެއެވެ.

މަސްފަންގެއަށް މީހަކު ވައްދައި ފޭރުނު މައްސަލައިގައި ޝަފީގާ އެކު އިތުރު ދެމީހެއްގެ މައްޗަށް ދައުވާ ކުރަން ފުލުހުން ވަނީ ޕީޖީ އޮފީހަށް ފޮނުވާފައެވެ. އެމައްސަލައިގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރީ މއ. މަސްފަން، އުމުރުން 43 އަހަރުގެ ޢާއިޝަތު އާއި މއ. މަސްފަން، އުމުރުން 27 އަހަރުގެ މުޙައްމަދު ރީހާން އާއި ސ. ހިތަދޫ / ސޯމާ، އުމުރުން 35 އަހަރުގެ ޝަފީޤު އިބްރާހީމް އެވެ. އެހެން ނަަމަވެސް ޝަފީޤު އަނެއްކާ ވެސް ފޭރުނީ ޕީޖީގައި މައްސަލަ އޮއްވާ ބަންދުން ދޫކޮށްލާފައި ހުއްޓައެވެ. ޝަރީއަތް ނިމެންދެން ބަންދުގައި ހުރި ޝަފީގު ދޫވި ސަބަބެއް އަދި ސާފެއް ނުވެއެވެ.

މިފަހަރު ފޭރުނު މައްސަލައިގައި ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ ބިދޭސީއެއްގެ އަތުން ފޭރުނީ މއ. ރަޝްމާވިލާ ނަމަކަށް ކިޔާ ގެއަކަށް ބިދޭސީ މީހާ ގަދަކަމުން ވައްދައި އޭނާގެ އަތާއި ފައި ބަނދެ ބަރަހަނާކޮށް ކަރުގައި ވަޅި ޖައްސައިގެން ކަމަށެވެ. އެ ބިދޭސީ މީހާގެ ވޮލެޓު ނެގި ކަމަށާއި އޭގައި 10،600 ރުފިޔާ އޮތް ކަމަށް ވެސް ކޯޓު އަމުރުގައި ބުނެފައި ވެއެވެ.

މިމައްސަލަ އާއި ގުޅިހެން ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން