ބިންވެރިޔާ ސްކީމްގެ ދަށުން މިދިޔަ ސަރުކާރުގައި ގިރާވަރުފަޅުން ދޫކުރި ގޯތި ލިބުނު މީހުންގެ ތެރެއިން ގުޅިފަޅަށް ގޯތި ބަދަލުކުރި މީހުންނާއެކު ގުޅިފަޅުން ގޯތި ލިބުނު އެންމެންގެ ގުރު އަލުން ނެގުން އަންނަ އަންގާރަ ދުވަހު ބާއްވަން ނިންމައިފިއެވެ.

ހައުސިން މިނިސްޓްރީއިން މިރޭ ސަރުކާރުގެ ގެޒެޓްގައި ކުރި އިއުލާނެއްގައި ބުނެފައިވަނީ މި މަހު 15ގައި ޝާއިއުކޮށްފައިވާ 'ގުޅިފަޅު ލޭންޑް ޔޫސް ޕްލޭން'ގެ ދަށުން އައިސްފައިވާ ބަދަލާ ގުޅިގެން ކުރިން ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގޯތީގެ ލޮކޭޝަން މިހާރު ބަދަލުވެފައިވާ ކަމަށެވެ.

އެ ބަދަލާ ގުޅިގެން، ގޯތިތަކުގެ ވެރިފަރާތްތަކާއި، މިހާތަނަށް ގުޅީފަޅުން ގޯތި ހަވާލުކޮށްފައިވާ ފަރާތްތަކުގެ އިތުރުން، ގިރާވަޅު ފަޅުން ލިބުނު ގޯތިތައް ގުޅިފަޅަށް ބަދަލު ކުރަން އެދުނު ފަރާތްތަކުގެ ތެރެއިން ގުރުނަގައިގެން ގުޅިފަޅަށް ބަދަލުވެފައިވާ ފަރާތްތަކުގެ ގުރުނެގުން އަންގާރަ ދުވަހު އޮންނާނެ ކަމަށް މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައިވެއެވެ.

އަންގާރަ ދުވަހު ގުރު ނަގާނީ ދަރުބާރުގެ ރަންނަ ބަނޑޭރި މާލަމުގައި ކަމަށާއި ގުރު ނަގަން ފަށާނީ ހެނދުނު 9:00ގައި ކަމަށް މިނިސްޓްރީ އިން ބުނެއެވެ.

ގުރު ނެގުމުގެ މާލަމަށް ބިން ލިބޭ ފަރާތުގެ ބަދަލުގައި އެހެން ފަރާތަކުން ހާޒިރުވާނަމަ ބިން ލިބޭ ފަރާތުގެ އިއުތިރާޒެއް ނެތް ކަމުގެ ލިޔުމާއި އައިޑީކާޑުގެ ކޮޕީ ހިފައިގެން ދިޔުމަށް މިނިސްޓްރީން ވަނީ އަންގާފައެވެ.

ހައުސިން މިނިސްޓްރީގެ އިއުލާނުގައި ގުޅިފަޅުން ގޯތި ދޫކުރާ އަދަދުތަކާއި ގޯތިތަކުގެ ބޮޑުމިން ވަނީ ހިމަނަފާއެވެ.

ގޯތިތަކުގެ ބޮޑުމިނާއި އަދަދު؛

1250 އަކަފޫޓުގެ 669 ގޯތި

1650 އަކަފޫޓުގެ 1234 ގޯތި

2050 އަކަފޫޓުގެ 916 ގޯތި

2450 އަކަފޫޓުގެ 473 ގޯތި

2850 އަކަފޫޓުގެ 158 ގޯތި

3250 އަކަފޫޓުގެ 49 ގޯތި

3650 އަކަފޫޓުގެ 21 ގޯތި

ހައުސިން މިނިސްޓްރީ އިން ބުނީ ގުޅިފަޅުން ގޯތި ލިބޭ މީހުންގެ ގުރު ނެގުން ކުރިއަށް ގެންދާނީ މިނިސްޓްރީން އެކުލަވާލާފައިވާ ލިސްޓުތަކުގައިވާ ތަރުތީބުން ކަމަށެވެ.

އެގޮތުން، ހުރިހާ ގޯތިތަކުގެ ބޮޑުމިން ވަކިކޮށް މިނިސްޓްރީން ވަނީ އެ ލިސްޓުތައް ގެޒެޓުގައި އާންމުކޮށްފައެވެ.

ގުރު ނަގައި ނިމުމުން، ގޯތިތަކުގެ ރަޖިސްޓްރީއާއި ބިން ލިބޭ ފަރާތްތަކާއެކު ވާ އެއްބަސްވުންތަކާ ގުޅޭ މަޢުލޫމާތު ފަހުން ހިއްސާކުރާނެ ކަމަށް އިއުލާނުގައި ވަނީ ބުނެފައެވެ.

ބިންވެރިޔާ ސްކީމްގެ ފުރަތަމަ ފިޔަވަހީގެ ދަށުން، 18،955 މީހުން ގޯއްޗަށް ޝަރުތު ހަމަވާ ކަމަށް ހައުސިން މިނިސްޓްރީ އިން ބުންޏެެވެ. އޭގެ ތެރެއިން ޖުމުލަ 9،003 މީހުންނަށް ގޯތި ދޫކުރަން ސަރުކާރުން ވަނީ ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން