އިސްރާއީލުން ރޭ ފަތިހުގެ ވަގުތެއްގައި ވައިގެ މަގުން އީރާނަށް ދިން ހަމަލާތަކުގައި އަސްކަރިއްޔާގެ ދެ ސިފައިން ޝަހީދުކޮށްލައިފިއެވެ.

އިރާނުގެ އަސްކަރިއްޔާއިން ބުނީ، އިސްރާއިލުން ރޭ ވައިގެމަގުން ދިން ހަމަލާތަކުގައި ދެ ސިފައިން ޝަހީދުކޮށްލާފައިވާ ކަމަށެވެ.

އިސްރާއީލުގެ އަސްކަރިއްޔާ އިން މީގެ ކުރިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ތިންފަހަރެއްގެ މަތިން އީރާނުގެ ޖުމްލަ 20 އަސްކަރީ ތަނަކަށް ފައިޓާޖެޓުންނާއި މިސައިލުން ވަރުގަދަ ހަމަލާތަކެއް ދީފަައިވާ ކަމަށެވެ. މީގެތެރޭގައި ހިމެނެނީ ވެރިރަށް ތެހެރާނާއި ގުމް އާއި ޚަރާޖް ސިޓީ އާއި ތޯން ސިޓީގައިވާ އަސްކަރީ ތަންތަންކަމަށް އިސްރާއިލުން ބުނެއެވެ. އަދި ހަމަލާދިނީ އެ ސިޓީތަކުގައިވާ އަސްކަރީ ބައެއް ބޭސްތަކާއި ހަތިޔާރު އުފައްދާ ބައެއް ކާރުޚާނާތަކާއި ޖާސޫސީ ބައެއް މަރުކަޒުތަކަށް ކަމަށް އިސްރާއީލުން ވަނީ ބުނެފައެެވެ.

އީރާނު އެއަރ ޑިފެންސް ފޯސް އިން މީގެ ކުރިން ބުނީ އިސްރާއީލުގެ ޖެޓުތަކުން ފޮނުވާލި ހުރިހާ މިސައިލެއްހެން، އީރާނުގެ އެއަރ ޑިފެންސް ސިސްޓަމްތަކުން ގޮއްވާލައި ވައްޓާލި ކަމަށެވެ. އަދި ގޮއްވާލި މިސައިލްތަކުގެ ބައިތައް ވެއްޓުނު ބައެއް ދިމަދިމާއަށް ބައެއް ގެއްލުންތައް ލިބުނު ކަމަށާއި، ލިބުނު ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އީރާނުން ބުނެއެވެ. އީރާނުން މީގެ ކުރިން ވަނީ އިސްރާއިލުން ދިން ހަމަލާތަކުގައި މާބޮޑެތި ގެއްލުންތަކެއް ނުލިބޭ ކަމަށް ބުނެފައެވެ.

އިސްރާއިލުން ވަނީ މި ހަމަލާގެ ބަދަލު ހިފުމުގެގޮތުން އީރާނުން ރައްދުގައި ހަމަލާ ދީފިނަމަ އެކަމުގެ ބަދަލު ހިފަން އެޔަށްވުރެ ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އިސްރާއީލުން މިހަމަލާތައް އީރާނަށް ދިނީ މިމަހުގެ އެއްވަނަ ދުވަހު އީރާނުން އިސްރާއީލަށް ދިން ވަރުގަދަ މިސައިލް ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ކަމަށް އެގައުމުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން