އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު (ޑީއެމްޑީ)ގެ މަގާމުގައި ހުންނެވި އައިޝަތު ޖެނިފާ، މަގާމުން ވަކިކުރީ ގޯސްކޮށް ކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމައިފިއެވެ.

މި މައްސަލައިގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ވަނީ ޖެނިފާއާ އެއްކޮޅަށް މައްސަލަ ނިންމައި އޭނާއަށް ވަޒީފާއާއި، މާލީގޮތުން ލިބުނު ގެއްލުމުގެ ބަދަލު ނަގައިދިނުމަށް އައިއޭއެސްއަށް އަންގައިފައެވެ.

އައިއޭއެސްގެ ޑީއެމްޑީގެ މަގާމަށް ޖެނިފާ އައްޔަން ކުރީ 2018 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އޭނާ ވަޒީފާއިން ވަކިކުރީ 2023 ވަނަ އަހަރުގެ ޑިސެންބަރު 28 ގައި ބޭއްވި ކުންފުނީގެ ބޯޑު ބައްދަލުވުމަކުން އޭނާ ވަޒީފާއިން ވަކިކުރަން ނިންމައިގެންނެވެ. ޖެނިފާ ވަޒީފާއިން ވަކިކުރީ މިއަހަރުގެ ޖަނަވަރީ މަހުގެ ތިންވަނަ ދުވަހުއެވެ.

މި މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފައި ވަނީ މިއަހަރުގެ މާރިޗު މަހުގެ 27 ވަނަ ދުވަހުއެވެ. އަދި މި މައްސަލައިގައި ޖެނިފާ އެދިފައި ވަނީ:

* އޭނާ ވަޒީފާއިން ވަކިކުރުމުގައި މައުޟޫއީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ގާއިމްކޮށްފައި ނުވާކަމަށް ކަނޑައަޅައިދިނުން

* އޭނާ ވަޒީފާއިން ވަކިކުރީ ގަވާއިދާ ޚިލާފަށް ކަމަށް ނިންމުން

* އޭނާ ވަޒީފާއިން ވަކިކުރަން އައިއޭއެސްގެ ބޯޑުން ނިންމި ނިންމުމަކީ ބާތިލު ނިންމުމެއްކަމަށް ކަނޑައަޅައިދިނުން

* އޭނާ ވަޒީފާއިން ވަކިކުރަން އެންގި އެންގުމާއި ވަޒީފާއިން ވަކިކޮށް ނެރެފައިވާ ޗިޓަކީ ބާތިލު ޗިޓެއްކަމަށް ނިންމުން

* އޭނާ ވަޒީފާއިން ވަކިވެފައި ވާކަމަށް ނުބެލުމާއި، ޓްރައިބިއުނަލުން މައްސަލަ ނިންމާތާ ހަތް ދުވަހުގެ ތެރޭގައި އޭނާގެ ވަޒީފާއާއި މަގާމު އަނބުރާ ދިނުމަށް އައިއޭއެސްއަށް އަމުރުކުރުން

* އޭނާ ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން ޓްރައިބިއުނަލުން މައްސަލަ ނިންމުމާ ހަމައަށް ހޭދަވި މުއްދަތުގައި ޖެނިފާ ވަޒީފާގައި ހުރި ނަމަ ލިބޭނެ އެންމެހައި މުސާރައާއި އިނާޔަތާއި ކުރިއެރުން ދިނުން އަދި އޭނާއަށް ލިބުނު މާލީ ގެއްލުމުގެ ބަދަލުގައި ތިން މަސްދުވަހުގެ މުސާރައަށްވާ ފައިސާއާއި އޭނާ ވަޒީފާއިން ވަކިކުރި މައްސަލަ ޓްރައިބިއުނަލަށް ހުށަހަޅަން ގާނޫނީ ވަކީލަކު އައްޔަންކުރަން ހޭދަވި ޚަރަދު ދޭންޖެހޭނެކަމަށް ކަނޑައެޅުން

* މައްސަލައިގެ ބަދަލު ނަގައިދީ މައްސަލަ ނިންމާތާ ހަތް ދުވަހުގެ ތެރޭގައި އެ ފައިސާ އޭނާއަށް އެކީ އެކައްޗަކަށް ދިނުން

މިމަހުގެ 13 ވަނަ ދުވަހު ވަޒީފާއާބެހޭ ޓަރައިބިއުނަލުން ޝާއިއުކޮށްފައިވާ މައްސަލަ ނިމުނުގޮތުގެ ޚުލާޞާ ރިޕޯޓުގައި ވަނީ، ރިޓަޔަރ ކުރުމުގެ ފުރުސަތު އައިއޭއެސްއިން ޖެނިފާއަށް ދީފައިވާކަމަށެވެ. ނަމަވެސް، އޭނާ މަގާމުން ވަކިކުރަން ބޯޑުން ނިންމީ އެ ނިންމުމާ ދެކޮޅު ހެދުމުންކަން ފާހަގަކޮށްފައި ވެއެވެ.

އަދި އައިއޭއެސްއިން ފާހަގަކޮށްފައިވާ ގޮތުގައި ޑީއެމްޑީގެ މަގާމަކީ އެ ކުންފުނީގައި މީގެކުރިން އޮންނަ މަގާމެއް ނޫން ކަމަށާއި ޖެނިފާއަށް ވަޒީފާ ދީފައި ވަނީ މަގާމު އުފެއްދުމަށްފަހު ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

މި މައްސަލައިގައި ޓްރައިބިއުނަލުން ވަނީ ޖެނިފާ ވަޒީފާއިން ވަކިކޮށްފައި ވަނީ ގާނޫނާ ޚިލާފަށް ކަމަށް ނިންމާފައެވެ. އަދި ޖެނިފާ އަދާކުރަމުންދިޔަ ވަޒީފާއަށް އޭނާ އަނބުރައި ރުޖޫއަކުރުމާއި ޖެނިފާއަކީ އެއްވެސް ހާލަތެއްގައި ވަޒީފާއިން ވަކިވެފައިވާ ފަރާތެއްކަމުގައި ނުބެލުމަށާއި އޭނާ ވަޒީފާގައި ހުރި ނަމަ ލިބޭނެ އެންމެހާ މުސާރައާއި އިނާޔަތައް ނަގައިދިނުމަށް ޓްރައިބިއުނަލުން ވަނީ އަންގާފައެވެ.

ޖެނިފާ ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއްނެތިކަމަށް ބުރަވެވޭތީ ބަދަލުގެ ގޮތުގައި އެއް މަހަށްވާ މުސާރަ، 56،171 ރުފިޔާ ނަގައިދިނުމަށް ވަޒީފާ ދިން ފަރާތުގެ މައްޗަށް ޓްރައިބިއުނަލުން ވަނީ އަންގާފައެވެ. އަދި މި ކަންތައްތައް ރަސްމީ ބަންދުނޫން 30 ދުވަހުގެ ތެރޭގައި ތަންފީޒުކުރުމަށްފަހު ތިން ދުވަހުގެ ތެރޭގައި ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ލިޔުމުން އެންގުމަށް ވަނީ އަންގާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން