ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތުތަކުގެ ސަބަބުން ޤައުމުގެ މުސްތަޤްބަލު އުޖާލާވެ ރައްޔިތުންނަށް ހިނިތުންވުން ގެނެސްދޭނެ ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު ވިދާޅުވެއްޖެއެވެ.

ޝުޖާޢު މިހެން ވިދާޅުވީ ސަރުކާރު ހިންގާ މައި ޕާޓީން ކުރިއަށްގެންދާ މެންބަރުން އިތުރުކުރުމުގެ ހަރަކާތްތަކުގެ ތެރެއިން، މިއަދު މާލޭގައި ފެށި ހަރަކާތް ފެށުމުގެ ކުރިން މީޑިޔާތަކާއި ވާހަކަދައްކަވަމުންނެވެ. މެންބަރު އިބްރާހީމް ޝުޖާޢު ވިދާޅުވީ، ރައްޔިތުން ޑރ. މުއިއްޒާ ސަރުކާރު ހަވާލުކުރިއިރު ފާއިތުވި އެއްވެސް ސަރުކާރަކުން އަތްލާން ނުކެރި ހުރި ގިނަ މައްސަލަތަކެއް ގައުމުގައި ހުރި ކަމަށެވެ.

އެގޮތުން ބިދޭސީންގެ މައްސަލައާއި، ރާއްޖެއަށް އިންތިހާއަށް ފަތުރުވެރިން އައި ނަމަވެސް ޑޮލަރު މާރުކުރެވޭ ހަރުދަނާ ނިޒާމެއް ނެތުމުގެ މައްސަލައާއި، މަސްތުވާތަކެތީގެ މައްސަލައިގެ އިތުރުން ގޭންގު މާރާމާރީގެ މައްސަލަ ފާހަގަކުރައްވައި ޝުޖާ ވިދާޅުވީ މިއީ ހައްތަހާ ވެސް ރައްޔިތުން އެކަންކަމުގެ ހައްލު ބޭނުންވެފައިވާ މުހިއްމު މައްސަލަތަކެއް ކަމަށެވެ.

ޝުޖާއު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަޅުއްވަމުން ގެންދަވާ ހަރުދަނާ ފިޔަވަޅުތަކަކީ މާދަމާގެ މުސްތަގުބަލަށްޓަކައި އަޅުއްވަމުން ގެންދަވާ މުހިއްމު ފިޔަވަޅުތަކެއް ކަމަށެވެ. ޚާއްޞަކޮށް މިފަހުން ވޭޕް މަނާކުރަން ނިންމެވި ނިންމެވުން ފާހަގަކުރައްވާ މެންބަރު ވިދާޅުވީ އެއީ އެތައް ބައެއްގެ ކަންބޮޑުވުން އޮތް މައްސަލައެއް ކަމަށެވެ. އަދި އެ ނިންމެވުމާއެކު ބައެއްގެ ހިތުގައި ނުތަނަވަސްކަން އުފެދެނު ނަމަވެސް މިއީ އަންނަން އޮތް ޖީލަށް މުހިއްމު ފިޔަވަޅެއް ކަމަށް ޝުޖާއު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން