ރައީސް ޑރ މުހައްމަދު މުއިއްޒު މުސާރައިގެ އެއްބައި ނަންގަވަން ނިންމެވި ނިންމެވުމަށް ރައީސް ޔާމިން އަބުދުލްގައްޔޫމް ފާޑުވިދާޅުވިއިރު އެމަނިކުފާނުގެ ވެރިކަމުގައި އެގޮތަށް އަމަލުކުރެއްވިކަން ހާމަވެއްޖެ އެވެ.

ދައުލަތުގެ މާލީ ހާލަތާއި ގުޅިގެން ޚަރަދު ކުޑަކުރުމުގެ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އަންނައަހަރުން ފެށިގެން އެމަނިކުފާނުގެ މުސާރައިގެ 50 އިންސައްތަ ނުނަންގަވަން ނިންމަވާފައެވެ.

ރައީސްގެ އެ ނިއްމެވުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ޕީއެންއެފް އޮފީހުގައި ބޭއްވި ޖަލްސާގަައި ވާހަަކަފުޅު ދައްކަވަމުން ރައީސް ޔާމިން އަބުދުލްގައްޔޫމް ވިދާޅުވީ، ރަައީސް މުއިއްޒު ކުރެއްވީ މާ މޮޅުކަމެއް ނޫން ކަމަށެވެ. ޔާމިން ވިދާޅުވީ އެއީ ދެއްކުންތެރިކަމަށް ކުރިކަމެއްކަމަށާއި ރަައީސްގެ މުސާރައިން އެއްބައި ނުނެންގެވިއަސް އެމަނިކުފާނަށް ވާނެ ގެއްލުމެއް މަދުވާނެ އެއްޗެއް ނޯންނާނެ ކަމަށެވެ. އަދި އެފައިސާ ކުޑަކުދިންގެ ހިތާއަށް ހަދިތާ ކުރައްވަން ނިންމެވި ކަމަށް ވިދާޅުވެ ޔާމިން ސިފަކުރެއްވީ އެފައިސާއަކީ ހަލާލު ގޮތުގައި ހޯއްދަވާފައިވާ ފައިސާއެއް ނޫން ކަމަށެވެ.

ޕީއެންފްގެ ޖަލްސާގައި ޔާމީން އިތުރަށް ވިދާޅުވީ، ރައީސްގެ އަސްލު މުސާރަ އަކީ މަގާމުން ލިބޭ މުސާރަ ނޫން ކަމުގައެވެ. އޭގެ ބަދަލުގައި ރައީސަށް މާގިނަ ފައިސާ މަގާމާ ގުޅިގެން ނާޖާއިޒް މަންފާގެ ގޮތުގައި ލިބޭކަމަށާއި އެއީ "ހަރާމް ފައިސާ" ކަމަށް ޔާމިން ވިދާޅުވިއެވެ.

ރައީސް ޔާމިން މިހެން ވިދާޅުވެފައިވާއިރު އެމަނިކުފާނުގެ ވެރިކަމުގައި އެމްއެމްޕީއާރުސީގެ ހަލާލު ނޫން ފައިސާ އަމިއްލަ ގެކޮޅަށް ވަތްކަމަށް އެމަނިކުފާނު އަމިއްލަފުޅަށް ވަނީ އިއުތިރާފްވެވަޑައިގެންފައެވެ.

ރައީސް މުޢިއްޒުގެ އެ ނިންމެވުމަށް ރައީސް ޔާމިން ފާޑުވިދާޅުވިއިރު އެމަނިކުފާނު ވަނީ ވެރިކަމާ ހަވާލުވެވަޑައިގެން ހިލާލީގެޔަށް ބަދަލުވެވަޑައިގަންނަވަންދެން މުސާރައިގެ އެއްބައި ނަންގަވާފައެވެ. އަދި ފަހުރުވެރިކަމާއެކު އެވާހަކަ އޭރު ދެއްކެވީވެސް ރައީސް ޔާމީނެވެ.

އޭގެއިތުރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރައީސް މުއިއްޒު ފައިސާދެއްވާ ކަމަށް ތުހުމަތު ކުރައްވައި ތަކުރާރުކޮށް އެވާހަކަ ޔާމިން ދައްކަވަމުން ގެންދަވާއިރު އެމަނިކުފާނުގެ ވެރިކަމުގައި އެކި ގޮތްގޮތުން ހޯއްދަވާފައިވާ ފައިސާ މަޖިލީހުގެ މެންބަރުންނަށް ދެއްވާ ކަމަށް ވިދާޅުވެ ރައީސް ޔާމިން ދައްކަވާފައިވާ ވާހަކަފުޅުތަކުގެ ވީޑިއޯ ކްލިޕްތައް މީސްމީޑިއާގައި މިހާރު އަންނަނީ ދައުރުވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން