ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ކޯވިޑް-19 އަށް ފަރުވާ ހޯދަމުން ދިޔަ ދިވެހި ފިރިހެނަކު ރޭ ފަތިހު ނިޔާވެއްޖެއެވެ.

ކޯވިޑުގެ ފަރުވާ އަށް ޚާއްސަކޮށްފައިވާ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށް ނިޔާވެފައިވަނީ އުމުރުން 73 އަހަރުގެ ދިވެހި ފިރިހެނެއްކަމަށް މައުލޫމާތު ލިބިފައިވެއެވެ. މިމީހާ ނިޔާވެފައިވަނީ ހާލު ދެރަވެގެން ފަރުވާދެމުން ދަނިކޮށް ކަމުގައި މައުލޫމާތު ލިބިފައިވެއެވެ. ނިޔާވެފައިވާ ދިވެހި ފިރިހެން މީހާގެ އަންހެނުން ވެސް ޕޮޒިޓިވްވެ އެތަނަށް ވަނީ ގެންގޮސްފަ އެވެ.

މިއީ މިބަލީގައި ރާއްޖެއިން ނިޔާވި، 28 ވަނަ މީހާއެވެ. މިބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ 21 ދިވެހިންނާއި 7 ބިދޭސީންނެވެ. މިއީ ފާއިތުވެދިޔަ 24 ގަޑި އިރުގެ ތެރޭގައި މިބަލީގައި ނިޔާވި 2 ވަނަ މީހާއެވެ.

ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާން ޑރ.ނަޒްލާ ރަފީޤު ވިދާޅުވީ، ރާއްޖޭން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު 6912 އަށް އަރާފައިވާއިރު، 1458 މީހަކު މިވަގުތުވެސް އައިސޮލޭޝަން ފެސިލިޓީގައި ފަރުވާ ހޯދަމުންދާކަމަށެވެ. އަދި ހޮސްޕިޓަލުގައި ފަރުވާދޭ މީހުންގެ ޢަދަދު 171އަށް އަރާފައިވާކަމަށެވެ.

ރާއްޖޭގައި ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އެކްޓިވް ކޭސްތަކުގެ ޢަދަދަކީ 2588 އެވެ. މީގެ ތެރެއިން 2513 ކޭސްއަކީ ގްރޭޓަރ މާލޭ ސަރަޙައްދުން ފެނިފައިވާ ކޭސްތަކެވެ. އަދި އަތޮޅުތަކުން 51 ކޭސް ފެނިފައިވާއިރު، ރިސޯޓުތަކުން 24 ކޭސް ވަނީ ފެނިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން