ގައުމު އިނދަޖައްސާނުލައި ސަލާމަތްކޮށްދޭން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ސަރުކާރަށް މިއަދު ގޮވާލައްވައިފިއެެވެ.

ސަރުކާރުން ހުށަހެޅި ސަޕްލިމެންޓްރީ ބަޖެޓް ދިރާސާކުރި ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވީ ގައުމުގެ މިސްރާބު މިހާރު ދާގޮތުން ގައުމު ސަލާމަތް ނުކުރެވޭނެ ކަމަށެވެ. އެހެންކަމުން ގައުމު ސަލާމަތް ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަންޖެހޭނެ ކަމަށް ޤާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ މިއަހަރުގެ ޖޫން ނުވަތަ ޖުލައިގައި ހަރަދު ކުޑަކުރަން ފިޔަވަޅުތައް އަޅުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ކަމަށާއި ނަމަވެސް ބަދަލުތައް މިއަދާއި ހަމައަށް އައިއިރު ނުގެނެވޭ ކަމަށެވެ. އެކަން ނުކުރެވިގެން އުޅޭ ސަބަބުތައް އެބަހުރިކަން އެނގިވަޑައިގަންނަވާ ކަމަށްވެސް ގާސިމް ވިދާޅުވި އެވެ.

"އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އަޅުގަނޑުމެންގެ ގައުމު އިނދަޖައްސާނުލައި މިއަދު އޮތް ސަރުކާރުން ސަލާމަތްކޮށްދޭށޭ، އެ ސަލާމަތްކޮށް ދެއްވުމަށްޓަކައި މަނިކުފާނު އަޅުއްވަންޖެހޭ ކޮންމެ ފިޔަވަޅެއް ވެސް އަޅުއްވައިގެން ނޫން ގޮތަކަށް މިކަމުން ސަލާމަތެއް ނުވާނެ، އަޅުގަނޑުމެން ސަލާމަތްކޮށްދޭން ނާންނާނެ އެހެން ބަޔަކު. އެހެންވީމަ ކުރައްވަންޖެހުނު ކޮންމެ ކަމެއް ވެސް ކުރަށްވަންވާނެ،" ޤާސިމް ވިދާޅުވިއެވެ.

މީގެ އިތުރުން ޤާސިމް ވިދާޅުވީ އެމަނިކުފާނު ވެސް ހިމެނިވަޑައިގަންނަވާ ގޮތުން ގައުމު ވެއްޓިފައި މިހާރު އޮތް ހާލަތަށް ދިއުމުގައި ރައްޔިތުންގެ މަޖިލީހުގެ ވަރަށް ބޮޑު އިހުމާލުތަކެއް އެބައޮތް ކަމަށެވެ. އަދި އެހެންނޫންނަމަ މިއަދު ގައުމުގެ ހާލަތު މިހާ ހިސާބަކަށް ނުދާނެ ކަމަށް ޤާސިމް ވިދާޅުވިއެވެ.

ސަބަބެއްގެ ގޮތުގައި ޤާސިމް ފާހަގަކުރެއްވީ ބަޖެޓް ފާސްކޮށްދިނުމާއި ތަރައްޤީގެ ޕްރޮޖެކްޓްތައް ހިންގުމަށް ބަޖެޓް ކަނޑައެޅުމުގެ ބާރު އޮތީ މަޖިލީހަށް ކަމަށް ވާތީއެވެ. އަދި ހަމައެއާއެކު ސަރުކާރުން ކަންތައްތައް ކުރެވެނީ މަޖިލީހުން ފާސްކުރާ ގޮތުގެ މަތިން ކަމަށް ޤާސިމް ވިދާޅުވިއެވެ. ޤާސިމް ވަނީ އެންމެ ދާއިރާއަކުން ޓެކްސް ބޮޑުކުރާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ އެއީ ސަރުކާރުން ހަދާ ބޮޑު ގޯހެއް ކަމަށެވެ.

"އިޤްތިސާދީ ގޮތުން ހަމަޖެހިގެންދާ އިޤްތިޞާދެއް ހަލާކުކޮށްލުމަށްޓަކައި އެއްޗެއް ފެލަންވާނީ ވެސް ވަކިވަރަކަށް، އެެއަށްވުރެ އިތުރަށް ފެލައިފިއްޔާ ދެން ދާނީ ފަޅައިގެން، އެހެންވީމަ އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ޓެކްސް ބޮޑު ކުރައްވަން ތި ވިދާޅުވަނީ އެންމެ ދާއިރާއަކުންނޭ. އެހެން ނުހައްދަވާށޭ އެއީ ގޯހެކޭ އިންތިހާ ދަރަޖައިގެ ގޯހެެއް،" ރާއްޖޭގެ މަޝްހޫރު ވިޔަފާވެރިންގެ ތެރޭގައި ހިމެނިވަޑަައިގަންނަވާ ޤާސިމް ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ޤާސިމް ވިދާޅުވީ ޚަރަދުކުޑަކުރަން ފިޔަވަޅުތައް އަޅުއްވަންޖެހޭނީ ވަރަށް ކެރިގެން ކަމަށެވެ. ޤާސިމް ވިދާޅުވީ ރައީސް މުޢިއްޒު ވެރިކަމާއި ހަވާލުވަޑައިގެންނެވިއިރު ދައުލަތުގެ ހާލަތު އޮތްގޮތް ރައްޔިތުންނަށް ސާފުކޮށްދޭންޖެހޭ ކަމަށެވެ. އަދި އެކަން ކުރަން މާލިއްޔަތު ކޮމެޓީން މަސައްކަތް ކުރެއްވި ކަމަށާއި އެހެން ނަމަވެސް އެކަން ކުރެވޭގޮތް ނުވީ ކަމަށް ޤާސިމް ވިދާޅުވިއެވެ.

"ވަރަށް ހިތާމަކުރަން، އެކަން ކުރިއަށް ނުގެންދެވުމުގެ ނަތީޖާ އަކަށް ވަނީ މިއަދު ދައުލަތަށް ބުރަބޮޑުވެގެން ދިޔުން،" ޤާސިމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން