ސިވިލްސާވިސް ކޮމިޝަނަށް އައްޔަން ކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފޮނުވި ނަންތަކުގެ ތެރޭގައި ކޮމިޓީގެ މެމްބަރަކާއި މަސްލަހަތު ފުށުއަރާބޭފުޅަކު ހިމެނުމުން އެ ރިޕޯޓް އަލުން ދިރާސާކުރުމަށް މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީއަށް މިއަދު ފޮނުވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ސީއެސްސީއަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ޝޯޓް ލިސްޓް ކުރެއްވި ނަންތަކުގެ ތެރޭގައި ކޮމިޓީގައި ހިމެނި ވަޑައިގަންނަވާ މެމްބަރަކާއި މަސްލަހަތު ފުށު އަރާބޭފުޅަކު ހިމެނޭކަމީ ޒަމީރު ގަބޫލު ކުރައްވާ ކަމެއް ނޫންކަމަށެވެ. މިހާރު ކޮމިޓީން ނިންމައި ތަޅުމަށް ފޮނުވާފައިވާ ރިޕޯޓް އަލުން ދިރާސާކޮށް މިކަމުގައި ގޮތްތަކެއް ކަނޑައެޅުމަށް މަޖިލިސް ރައީސް ވަނީ މި ރިޕޯޓް މަޖިލީހުގެ އިމްތިޔާޒާއި ސުލޫކީ ކޮމިޓީއަށް ފޮނުވާފައެވެ.

"އަޅުގަނޑު އެލިސްޓް ބެލިއިރުގައި މިމަޖިލީހުގެ އިއްޒަތްތެރި މެމްބަރެއްގެ އަދި ޚާއްސަކޮށް މިނިވަން މުއައްސަސާކޮމިޓީގެ މެމްބަރެއްގެ މަސްލަހަތު ހިމެނޭ ބޭފުޅެއްކަމަށް، އަޅުގަނޑުގެ ޒަމީރު ގަބޫލުކުރެވޭ ބޭފުޅެއް އިންނެވީތީ އަޅުގަނޑު އެދެނީ ސުލޫކާއި އިމްތިޔާޒު ކޮމިޓީން އަދި އެއްފަހަރު މިކަން ބައްލަވައި ދެއްވުމަށް." މަޖިލިސް ރައީސް ވިދާޅުވިއެވެ.

ސިވިލްސަރވިސް ކޮމިޝަނަށް ކުރިމަތި ލެއްވި ބޭފުޅުންނާއި އިންޓަވިއު ކުރުމުގެ މަރުހަލާއަށްފަހު ކޮމިޓީއަށް ފެންނަ އެންމެ ރަނގަޅު ނަންތަކުގެ ގޮތުގައި 15 ބޭފުޅެއްގެ ނަންވަނީ ތަޅުމަށް ފޮނުވާފައެވެ. މިދިޔަ ހަފްތާގެ ބުދަދުވަހު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި ނިންމި ނިންމުންތަކާ ގުޅިން ކޮމިޓީގެ މުޤައްރިރު އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ ކޮމިޓީން މިހާގިނަ ބޭފުޅުންގެ ނަންތަކެއް ތަޅުމަށް ފޮނުވަން ނިންމާފައިވަނީ މިބޭފުޅުންނަކީ މިމަޤާމަށް ވަރަށް ޤާބިލް ބޭފުޅުންކަން ކޮމިޓީގެ އިންޓަރވިއު މަރުހަލާގައި މެމްބަރުންނަށްވެސް ފާހަގަވުމުންކަމަށެވެ.

ސިވިލް ސަރވިސް ކޮމިޝަނަށް ޢައްޔަން ކުރުމަށް ކޮމިޓީން ފާސްކޮށްފައިވާ 15 ބޭފުޅުން:-

1- މަރިޔަމް މުނާ / މ. ބާރަނާގެ، ކ.މާލެ

2- މުޙައްމަދު ޝަރީފް / ފުސަތުޅާގެ، ގދ.ތިނަދޫ

3- އިބްރާހިމް ރަޝީދު / ބްލެކް، ރ.މީދޫ

4- މުނާ މުޙާއްމަދު / މ. ބަބުނަ، ކ.މާލެ

5- އަޖްވަދު ޢަލީ / ގ. ބްލޫ ވޭލް

6- މުޙައްމަދު ފަރުޞަތު / ހ.ޓޫހާޓްސް

7- ރިފާހަތު ފަރުޙަތު / ގ. ވެގާ2

8- ޝުހުދާ ރިޟްވާން / ފްލާވަރމީޑް، ސ.މީދު

9- މަރިޔަމް ޝެނީން / މއ. ފޮސީތިއާ

10- ޢާއިޝަތު ޝާހީން / މއ. ވިލާރޯދި

11- މުޙައްމަދު ނަޞީރު / މ.ފުންފިނި

12- ރަޝީދާ ޢަލީ / ގ. ޖަނަވަރީމާގެ

13- މުޙައްމަދު ނާޞިހް / ގ. ފަލްކަންގެ

14- އަޙްމަދު މޫސާ / ހ. އަމްސާވިލާ

15- ފާތުމަތު ޝަރީފް / މާކޯޅި، ގދ. ތިނަދޫ

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ސިވިލް ސަރވިސް ކޮމިޝަނުގެ 4 މެމްބަރަކު އެކޮމިޝަނުން ވަކިކުރުމަށް ނިންމައި މަޖިލީހުގެ ތަޅުމަށް ފޮނުވުމާ ގުޅިގެން، ތަޅުމުގައި ވޯޓަށް އަހަން އެޖެންޑާ ކޮށްފައިވަނިކޮށް ކޮމިޝަނުގެ ރައީސް ޑރ.ޢަލީ ޝަމީމާއި، ނައިބް ރައީސް ޝަހީދު މުޙައްމަދުގެ އިތުރުން މެމްބަރު ޒަކަރިއްޔާ ޙުސައިންވަނީ މަޤާމުން އިސްތިއުފާ ދެއްވާފައެވެ.

މަޤާމުން ވަކިކޮށްފައިވަނީ ކޮމިޝަންގެ މެމްބަރު އިބްރާހީމް ޝަހީޤެވެ. އޭނާ ވަކިކޮށްފައިވަނީ 48 މެމްބަރުންގެ ވޯޓުންނެވެ. 5 މެންބަރުން ހިމެނޭ ސީއެސްސީގައި މިހާރު އިންނަވަނީ ކޮމިޝަނަށް އެންމެ ފަހުން އައްޔަން ކުރެއްވި ފާޠިމަތު އާމިރާ އެކަންޏެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން