ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ސަރުކާރުގެ އިސް ވެރިންގެ މައްޗަށް އެކުލެވޭ ކޯވިޑް ޓާސްކްފޯސްގެ މެންބަރުންނާއެކު
ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ސަރުކާރުގެ އިސް ވެރިންގެ މައްޗަށް އެކުލެވޭ ކޯވިޑް ޓާސްކްފޯސްގެ މެންބަރުންނާއެކު
ކޯވިޑް-19 އާ ގުޅިގެން ސަރުކާރުން ކުޑަ ކުރަން ނިންމި، މުސާރަތައް އަލުން ކުރީގެ މިންވަރަށް އިޔާދަ ކުރަން ފިނޭންސް މިނިސްޓްރީން މިއަދު ނިންމައިފި އެވެ.

ކޯވިޑް-19 އާ ގުޅިގެން އިގްތިސޯދު ހީނަރުވެ އާމްދަނީ ދަށްވުމުގެ ސަބަބުން ކުޑަކުރި މުސާރަތައް އިޔާދަ ކުރަން ނިންމި ކަން ހާމަކުރީ ފިނޭންސް މިނިސްޓްރީން މިއަދު ނެރުނު ސާކިލާއެއްގަ އެވެ.

ކޯވިޑް-19 ފެތުރެން ފެށުމުން އިޤުތިޞާދަށް ކުރިމަތިވި ހީނަރުކަމާއި ގުޅިގެން 20000 ރުފިޔާ އާއި 30000 ރުފިޔާ އާއި ދެމެދުގެ މުސާރަ ލިބޭ މީހުންގެ މުސާރައިން 20 އިންސައްތަ، 30000 ރުފިޔާ އާއި 60000 ރުފިޔާ އާއި ދެމެދުގެ މުސާރަ ލިބޭ މީހުންގެ މުސާރައިން 30 އިންސައްތަ އަދި 60000 އަށް ވުރެ މަތީ މުސާރަ އެއް ލިބޭ މީހުންގެ މުސާރައިން 25 އިންސައްތަ ކުޑަކުރަން ސަރުކާރުން ނިންމީ މެއި މަހުގެ 16 ވަނަ ދުވަހުއެވެ. ފިނޭންސް މިނިސްޓްރީ އިން މިއަދު ނެރުނު ސާކިއުލާގައި ކުރިން ނެރުނު މުސާރަ ކުޑަކުރި ސާކިއުލާ ވަނީ ބާތިލްކޮށްފަ އެވެ.

ރައްޔިތުން މަޖިލީހުން ހުއްދަ ލިބިގެން މިނިވަން މުއްސަސާތަކާއި މަޖިލީހުގެ މެންބަރުން އަދި ރައީސުލްޖުމްހޫރިއްޔާގެ މުސާރަ ވެސް ކުޑަ ކޮށްފައިވެއެވެ. އެހެން ނަމަވެސް ރައްޔިތުން މަޖިލީހުން މުސާރަތައް ކުޑަކުރުމަށް ހުއްދަ ދިނީ ޖުލައި މަހުގެ ނިޔަލަށެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ ކޯވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ހަރަދު ކުޑަ ކުރުމުގެ ގޮތުން އަޅަން ނިންމައި، މާޗް 18 އަދި މެއި 16 ވަނަ ދުވަހު ނެރެފައިވާ ސާކިއުލާގެ ޖަދުވަލް އެކެއްގައި އަޅާފައިވާ ފިޔަވަޅު ތަކަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށެވެ. އަދި ދައުލަތުގެ އެންމެހާ އިދާރާ ތަކުން މި މަހުން ފެށިގެން މި ސާކިއުލާގައި ބަޔާންކޮށްފައިވާ ފިޔަވަޅު ތަކަށް އަމަލު ކުރުން މެދުކަނޑާލަން އެ ސާކިއުލާގައި ވަނީ އަންގާފައެވެ.

ސަރުކާރުން ހަރަދު ކުޑަކުރުމުގެ ގޮތުން މުސާރަތައް ކުޑަ ކުރަން ނިންމީ، ދައުލަތަށް މި އަހަރު ލިބޭނެ ކަމަށް ކުރިން ބެލެވުނު 30 ބިލިއަން ރުފިޔާގެ އާމްދަނީގެ ބޮޑުބައެއް ނުލިބޭނެ ކަމަށް ލަފާކުރުމަށްފަހުއެވެ. މިހާރު ބެލެވިފައިވަނީ 15 ބިލިއަން ރުފިޔާވަރު އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށެވެ. އަދި ފިނޭންސް މިނިސްޓްރީން އޭރު ބުނެފައިވަނީ ހަރަދު ކުޑަ ކުރަން އެޅި ފިޔަވަޅުތަކާއެކު 15 މިލިއަން ރުފިޔާވަރު ސަލާމަތް ކުރެވޭނެ ކަމަށެވެ.

މާލިއްޔަތު ކޮމެޓީގެ މުގައްރިރު މުހަންމަދު ނާޝިޒު ދާދިފަހުން ވިދާޅުވީ މިއަހަރުގެ ބަޖެޓްގެ 15 ބިލިއަން ރުފިޔާގެ ޝޯޓޭޖެއް އުޅޭނެ ކަމަށް ބެލެވޭ ކަމަށާއި، އެ ޝޯޓޭޖް ފޫބެއްދުމަށް އިތުރު ފައިނޭންސް ބޭނުންވާ ކަމަށެވެ. އެފައިސާ ނުލިބިއްޖެނަމަ މުވައްޒަފުންނަށް މުސާރަކޮޅު ވެސް ނުދެވި ސަރުކާރުވެސް ނުހިގާނެ ކަމަށް ނާޝިޒު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން