މާލެ ސަރަހައްދުގައި ޓެކްސީގެ ޚިދުމަތް ދިނުމަށް ކުންފުންޏަކާ ހަވާލުކުރަން ސަރުކާރުން ނިންމައިފިއެވެ.

ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވީ ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި ސަރުކާރު ހިއްސާވާ ކުންފުންޏަކާ މި މަސައްކަތް ހަވާލު ކުރެވޭވަރު ވާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލިހުގެ އިޤްތިޞާދީ ކޮމިޓީގައި ވާހަކަ ދައްކަވަމުން އަމީން ވިދާޅުވީ މާލެ ފެހި ޕްރޮގްރާމްގެ ދަށުން އެ މަސައްކަތް ކުރުމަށް އެމްޓީސީސީއަކީ ރަނގަޅު ކުންފުންޏެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ނަމަވެސް މި މަސައްކަތް ކުރަން ހަވާލު ކުރަނީ ކޮން ބަޔަކާ ކަމެއް މިނިސްޓަރު ވިދާޅެއް ނުވެއެވެ.

މި މަސައްކަތް ކުރުމަށް އެމްޓީސީސީގެ ނަން މިނިސްޓަރ ފާހަގަ ކުރި އިރު މާލޭގައި މިހާރުވެސް ބަހުގެ ޚިދުމަތްދެމުން އަންނަނީ އެ ކުންފުނިން ކަން ފާހަގަ ކުރެވެއެވެ. އޭގެ އިތުރުން ރާއްޖޭގެ ބައެއް އަތޮޅުތަކުގައި ފެރީގެ ޚިދުމަތް ވެސް އެ ކުންފުނިން ދެއެވެ.

އަމީން ވިދާޅުވީ ޓެކްސީގެ ޚިދުމަތް ދޭނީ އެމްޓީސީސީން ހިންގާ އާރްޓީއެލް ބަހުގެ ޚިދުމަތާ އެއްގޮތަށެވެ. އަދި ޓެކްސީ ލައިންގެ %50 މުވައްޒަފުންނަކީ ދާއިމީ މުވައްޒަފުން ކަމަށާއި ބާކީ %50 ސްލޮޓް ދޫކުރާނީ ކޮންމެ ދުވަހަކު އެކި ގަޑިތަކުގައި އެކި ވަރަށް ޓެކްސީ ދުއްވަން ބޭނުންވާ ފަރާތްތަކަށް އެ ސްލޮޓްތަކުގައި ދުއްވޭ ގޮތަށް ކަމަށް އަމީން ވިދާޅުވިއެވެ.

ޑްރައިވަރުންނަށް ޓެކްސީ ކުރާ ކޮންމެ ގަޑިއިރަކަށް ދޭ ފީ، 100ރ. އަށް ވުރެ ދަށް ނުވާނެ ކަމަށް އަމީން ވިދާޅުވިއެވެ. އަދި ޓެކްސީ ޑްރައިވަރުންނަށް ހަފުތާއަކު އެއްފަހަރު މުސާރަދޭގޮތަށް ހަމަޖައްސާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން