ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ސައީދަށް ރާއްޖޭން ބޭރަށް ނުދެވޭގޮތަށް ޕާސްޕޯޓު ހިފަހައްޓައިފިއެވެ.

ޕާސްޕޯޓު ހިފަހައްޓާފައިވަނީ އެންޓި ކޮރަޕްޝަން ކޮމިޝަނުން ބަލަމުންދާ މައްސަލަތަކަކާއި ގުޅިގެން އެ ކޮމިޝަނުން އެދިގެންކަމަށް ބައެއް ނޫސްތަކަށް ކޮމިޝަނުންވަނީ މައުލޫމާތު ދީފައެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި ފެނަކައިގެ ތެރޭގައި ނާޖާއިޒު ފައިދާ ހޯދައިދިނުމާއި ކޮރަޕްޝަންގެ ބޮޑެތި އަމަލުތަކެއް ސައީދު ހިންގެވިކަމުގެ ތުހުމަތު ކުރެވުނެވެ. އޭރު ރައްޔިތުންގެ މަޖިލީހަށް އެމައްސަލަތައް ހުށއަޅާފައި އޮތް ނަމަވެސް، އޭރު މިނިވަން މުއައްސަސާއަކުން ވެސް އެ މައްސަލަތައް ބަލައި އެކަށީގެންވާ ފިޔަވަޅެއް އަޅާފައި ނުވާކަން ފާހަގަ ކުރެވެއެވެ.

އޭސީސީން ކުރިން ހާމަކޮށްފައިވާގޮތުން އެ ކޮމިޝަނުން މިހާރު ދަނީ ފެނަކައިގެ އިސް ވެރިންނާ ގުޅޭ ބޮޑު ހަ މައްސަލައެއް ބަލަމުންނެވެ. އޭގެ ތެރޭގައި އެންމެ ބޮޑަށް ހިމެނެނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކިބަޔަކަށް ފައިދާ ހޯދައިދިނުމަށް ޕްރޮޖެކްޓްތައް ނުއަގުގައި ހަވާލުކުރުންފަދަ މައްސަލަތަކެވެ. އެގޮތުން، މަގާމުގެ ނާޖާއިޒު ފައިދާ ނަގައި، އިންހައުސްކޮށް ކޮށްފައިވާ 60 ކޮންސްޓްރަކްޝަން ޕްރޮޖެކްޓުގެ ތެރެއިން 25 ޕްރޮޖެކްޓުގެ މައްސަލަ އޭސީސީއަށް ހުށަހަޅާފައިވެއެވެ.

ކުރީ ސަރުކާރުގައި ސަޢީދަށް ކުރެވުނު އެ ތުހުމަތުތަކާއި ގުޅިގެން އޭސީސީން އޮތީ ސައީދު އެ މަގާމުން ވަކިކުރަން ލަފާ ދީފައެވެ. ނަމަވެސް އޭރު ސަރުކާރުން ދިޔައީ އޭނާ ދިފާއު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން