ރައީސުލްޖުމުހޫރިއްޔާއަށް ބާރުތައް ދޭންޖެހެނީ ގައުމުގެ ކަންކަން އިސްލާހުކުރަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި ސަރުކާރުގެ ފަރާތުން އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނަށް ހުށައެޅި އިސްލާހުގެ ބަހުސްގައި ވާހަކަ ދައްކަވަމުން އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވީ، މުޅި ގައުމުގެ ކަންކަން އިސްލާހުކުރުމުގެ ބޮޑު ބާރު އޮންނަންޖެހޭނީ ރައީސުލްޖުމުހޫރިއްޔާގެ އަތްޕުޅުގައި ކަމަށެެވެ. އެހެންކަމުން މުވައްސަސާތަކަށް ބޭފުޅުން އައްޔަންކުރުމުގެ ބާރު އޮންނަންޖެހޭނީ ރައީސުލްޖުމުހޫރިއްޔާއަށް ކަމަށް ސަލީމް ވިދާޅުވިއެވެ. ސަލީމް ވިދާޅުވީ، ދައުލަތުގެ އަނެއް ދެ ބާރު ކަމަށްވާ ރައްޔިތުންގެ މަޖިލީހުންނާއި ޖުޑިޝަރީން ކަމެއް ގޯސްކޮށް ކޮށްފިނަމަ އެކަން ރަނގަޅު ކުރުމުގެ ބާރު އޮންނަންޖެހޭނީ ރައީސުލްޖުމުހޫރިއްޔާގެ އަތްޕުޅުގައި ކަމަށެވެ.

"އެހެންވީމާ ރަައީސުލްޖުމުހޫރިއްޔާއަށް ބާރުތަކެއް ދެނީއޭ، ރައީސުލްޖުހޫރިއްޔާ ހުރިހާ ބާރެއް ނަންގަވަނީއޭ، މިހެން ކިޔައިގެން މިދައްކާ ވާހަކަތަކަކީ ހަގީގަތާއި ޚިލާފު ވާހަކަތަކެއް،" މަޖިލީހުގެ މެޖޯރިޓީ ލީޑަރު ސަލީމް ވިދާޅުވިއެވެ.

މީގެ އިތުރުން ސަލީމް ވިދާޅުވީ، ފެހި ގާނޫނުއަސާސީ މަޖިލީހުން ފާސްކުރީ ވަރަށް މާތް މަގުސަދެއްގައި ކަމަށެވެ. އެހެން ނަމަވެސް ގާނޫނުއަސާސީގެ ފޮނި މީރުކަން ރައްޔިތުންނަށް ލިބެމުންނުދާ ކަމަށް ސަލީމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ގާނޫނުއަސާސީއަށް ބަދަލުތައް ގެނެސް ރައީސުލްޖުމުހޫރިއްޔާއަށް އިތުރު ބާރުތައް ދޭންޖެހޭ ކަމަށެވެ. އަދި އެބާރުތައް ރައީސަށް ނުދީ ގައުމުގެ މިނިވަން މުވައްސަސާތައް ހިނގަމުންދާ ގޮތާއި ގައުމުގެ ކަންކަން އިސްލާހު ނުކުރެވޭނެ ކަމަށް ސަލީމް ވިދާޅުވިއެވެ.

"ކޮބައިތޯ ޑިމޮކްރަސީ އައިފަހުން މިދިޔަ 15 ވަރަކަށް އަހަރު ތެރޭގައި އަޅުގަނޑަށް ލަފާކުރެވޭގޮތުގައި ދައުލަތުން ގާތްގަނޑަކަށް 10 ވަރަކަށް 15 ވަރަކަށް ބިލިއަން ރުފިޔާގެ ޚިޔާނާތްވެއްޖެ، އެއިން އެއްވެސް ޚިޔާނާތެއްގެ ފައިސާ ލިބިއްޖެތޯ؟ ނުލިބޭ، މި ނުލިބުނީ ކީއްވެގެން؟ މިބާރުތައް ރައީސުލްޖުމުހޫރިއްޔާގެ އަތްޕުޅުގައި ނެތީމަ. ރައީސުލްޖުމުހޫރިއްޔާއަށް މިބާރުތައް ދީފި ކަމަށް ވައްޏާ މިކަންކަން ހުއްޓުވޭނެ. މިހާރު ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުފުޅު އެހުރީ ހަގީގަތުގައި މިކަންކަން ހުއްޓުވަން. އެހެންވީމަ މިކަންކަން ހުއްޓުވާނެ،" ސަލީމް ވިދާޅުވިއެވެ.

މިނިވަން މުއައްސަސާތަކަށް ސަރުކާރުގެ ނުފޫޒުފޯރުވަން އުޅޭކަމަށް ތުހުމަތުކޮށް އިދިކޮޅުން ކަންބޮޑުންތައް ފާޅުކުރަމުންދާ ދަނޑިވަޅެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދައުލަތުގެ އެއްވެސް ބާރެއްގެ، ނުވަތަ މިނިވަން މުއައްސަސާއެއްގެ، ނުވަތަ އިންތިޚާބު ކުރެވޭ އެއްވެސް ބައެއްގެ ބާރުތަކުގެ ތެރެއަށް ނުފޫޒު ފޯރުވުމަކީ އެ މަނިކުފާނު މިއަދާ ހަމައަށްވެސް ކުރެއްވި ކަމެއް ނޫން ކަމަށާއި އެއީ މުސްތަގުބަލުގައި ވެސް ކުރައްވާނެ ކަމެއް ނޫން ކަމަށެވެ.

"އޭގެ ބަދަލުގައި، އެފަދަ ފަރާތްތަކުން އަދުލުވެރިކަމާއި، އިންސާފާއި، ހަމަހަމަކަމާއެކު، ވަކި މީހަކަށް ބެލުމެއްނެތި، ހަލުއި ދުވެލީގައި މަސައްކަތްކުރަމުން ދޭތޯ ކަށަވަރުކުރުމާއި އެ މަގަށް ކަންކަން ބައްޓަން ކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް، ގާނޫނާއި ގަވައިދަށް ގެންނަންޖެހޭ އިސްލާހެއްވާނަމަ އެ އިސްލާހެއް ގެންނަން ސަރުކާރުން ހުށަހަޅަމުން ގެންދާނެ ވާހަކަ ދަންނަވަން،" ރައީސް މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓުގައި ލިޔުއްވާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން