ރީކޯ މޫސާ މަނިކު
ރީކޯ މޫސާ މަނިކު
ރައީސް މައުމޫނާއި، ބައިއަތު ހިއްޕަވައިގެން ވެރިކަމަށް ވަޑައިގަތުމަށް މަސައްކަތް ކުރައްވައި ވެރިކަން ލިބިވަޑައިގެންވުމާއިހަމައަށް އޮޅުވާލި ވޯޓެއް، ގޯސްކޮށް ކުރެއްވި އެއްވެސް ކަމެއް ރައީސް ނަޝީދަށް ފެނިވަޑައި ނުގެންނެވުމަކީ ހައިރާންވެ ވަޑައިގަންނަވާ ކަމެއްކަމުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބް ރައީސް މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

މައުމޫނަށް އަމާޒުކުރައްވައި ރައީސް ނަޝީދު ވިދާޅުވެފައިވާ ވާހަތަކުގެ ތެރެއިން ޚާއްސަކޮށް 2008ގެ ރިޔާސީ އިންތިޚާބް ފިޔަވައި އެހެން ހުރިހާ އިންތިހާބެއްގެ ވޯޓު އޮޅުވާލާފައިވާކަމަށް ރައީސް ނަޝީދު ވިދާޅުވި ވިދާޅުވުމަށް ރައްދު ދެއްވަމުން ރީކޯ މޫސަ ވިދާޅުވީ ރައީސް ނަޝީދު، ރައީސް މައުމޫނު ވަރުގެ ބޭފުޅެއްނެތިގެން ބައްދަ ބައްދާފައި، ވެރިކަން ހޯދަން އުޅުނު އިރު މިކަންކަމުގެ މަތީން ހަނދުމަފުޅު ނެތުނީ ކީއްވެތޯ ސުވާލު އުފެދޭކަމަށެވެ.

މިއަދު ރައީސް ނަޝީދުގެ އަމާޒަކީ ބޮޑު ވަޒީރުކަމުގެ މަޤާމު ކަމަށްވުމުން ރައީސް މައުމޫނާއިމެދުވެސް ނަފްރަތު އުފައްދައި ކޯލިޝަން ގަޑުބަޑު ކޮށްލުމަކީ ރައީސް ނަޝީދުގެ އަމާޒުކަމަށްވެސް ރީކޯ ވިދާޅުވިއެވެ. ރައީސް މައުމޫނުގެ ވެރިކަމުގައި އޮޅުވާލި ވޯޓުތަކާއި، ކުރި އަނިޔާތަށް ރައީސް ނަޝީދަށް ފަހުމްވަނީ ވަކި ހާލަތްތަކުގައި ކަމަށްވާކަމީ ނަޝީދުގެ އިހުލާސްތެރިކަން އޮތް މިންވަރު ހާމަވާކަމެއްކަމަށް ވެސް ރީކޯ މޫސަ ވިދާޅުވިއެވެ.

"ވެރިކަން ހޯދަން ނަގޫގޮށްޖެހިއިރު ރައީސް މައުމޫނު 30އަހަރު ވޯޓެއްވެސް ނުއޮޅުވާ؟ އަނިޔާއެއްވެސް ނުކުރޭ؟ ބޮޑުވަޒީރުކަން ހޯދަންވީމަ އަނެއްކާ ރައީސް މައުމޫނުވަރު ގޯސް މީހަކުނެތް؟ އެހެންވީމަ މުޅި އެމްޑީޕީ ރައީސް ނަޝީދާއެކު. ރައީސް މައުމޫނާ ދެކޮޅަށް ތެދުވެ ބަރުލަމާނީ ވާންވީ؟ ކީކޭބުނާނީ!" ރީކޯ މޫސަ ވިދާޅުވިއެވެ.

ރާއްޖޭގެ ވެރިކަން ހިންގުން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލެއް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވަނީ ހުށައަޅުއްވާފައެވެ. މިހުށައެޅުމާއެކު ރާއްޖޭގެ ސިޔާސީ މަސްރަހުގައި އެންމެ ވާދަވެރި އެންމެ ދެކޮޅުވެރި ދެބޭފުޅުންގެ މެދުގައި ވެސް މިވަނީ މިމައްސަލައިގައި ބޮޑު ބަހުސެއް ފެށިފައެވެ.

ރައީސް މައުމޫން ރޭ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ރާއްޖެއަށް އެންމެ ކަމުދާ ނިޒާމަކީ ރިޔާސީ ނިޒާމު ކަމަށެވެ. އަދި އެކަން ރައްޔިތުންގެ ވޯޓަކުން ނިންމާފައިވާ ކަމަށެވެ.

2007 ވަނަ އަހަރު ވެރިކަމުގެ ނިޒާމު ކަނޑައަޅަން ނެގުނު ވޯޓްގައި 95،619 މީހުން ވޯޓް ދީފައިވަނީ ރިޔާސީ ނިޒާމު އޮންނަން ފެންނަ ކަމަށެވެ. ބަރުލަމާނީ ނިޒާމު އޮންނަން ފެންނަ ކަމަށް ވޯޓް ދީފައިވަނީ 58،504 މީހުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން