ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މާލިއްޔަތު ކޮމެޓީގައި
ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މާލިއްޔަތު ކޮމެޓީގައި
ކޯވިޑް-19 އާއި ގުޅިގެން ހެލްތު މިނިސްޓްރީން ކޮށްފައިވާ މަސައްކަތްތަކާއި ގުޅޭ ގޮތުން އޮޑިޓާ ޖެނެރަލް އެކުލަވާލާފައިވާ ރިޕޯޓުގައި މައުލޫމާތުތައް ހިމަނާފައި ވަނީ ކަންކަން އޮޅޭ ގޮތަށް ކަމަށާއި، އެ ރިޕޯޓްގައި ހަގީގަތާއި ޚިލާފު ވާހަކަތަކެއް ހުރި ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި ވާހަކަދައްކަވަމުން ހެލްތް މިނިސްޓަރު އަބުދު ﷲ އަމީން ވިދާޅުވީ ވެންޓިލޭޓަރު ގަތުމުގައި ޑަބްލިއުއެޗްއޯއާ އެކު ހެލްތު މިނިސްޓްރީން ހިންގީ ރަސްމީ މުއާމަލާތެއް ކަމަށެވެ. އޮޑިޓް ރިޕޯޓުގައި، ވެންޓިލޭޓަރު ހޯދުމާ ގުޅޭ ބައެއް ވާހަކަތައް ގެނެސްފައިވާ ގޮތާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށް އަމީން ވިދާޅުވިއެވެ. އަދި ވުޖޫދުގައި ނެތް އަދި ޑަބްލިއުއެޗްއޯގެ ބޮލުގައި ބަދުނާމު އަޅުވައި ހެލްތު މިނިސްޓްރީން ގޯސްތަކެއް ހަދާފައިވާ ކަަމަށް ރިޕޯޓުގައި ބުނެފައިވާއިރު އޮޑިޓުގައި ހުރި ބައެއް ވާހަކަތައް ހަގީގަތާ ޚިލާފު ކަމަށް ވެސް އަމީން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖެ ފަދަ ވަސީލަތްތައް މަދު ގައުމެއްގައި ވެންޓިލޭޓަރުގެ ދަތިކަމާއި ހޯދުމުގައި ދިމާވެފައިވާ ދަތިތައް އަރުވިންދާ ހިއްސާ ކޮށްދެއްވައި ވެންޓިލޭޓަރު ވީއެންމެ އަވަހަކަށް ލިބޭނެ ކުންފުންޏެއް އެނގިވަޑައިގަންނަވާތޯ އައްސަވާފައިވާ ކަމަށެވެ. އޭގެ ގާތްގަނޑަކަށް ދެ ދުވަސް ފަހުން އޭނާ ފޯރުކޮށްދެއްވީ ނަމަކާއި ގުޅޭނެ ނަމްބަރެއް ކަމަށް އަމީން ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ އަރުވިންދު ފޯރުކޮށްދެއްވި މައުލޫމާތުން ވީއެންމެ އަވަހަކަށް ވެންޓިލޭޓަރު ލިބޭނެ މަގެއް އޮތްތޯ ބަލައި މަސައްކަތްތައް ކުރިއަށް ގެންދަން އެ މިނިސްޓްރީގެ ފައިނޭންޝަލް އެގްޒެކެޓިވް އަސްލަމަށް އެންގެވި ކަމަށެވެ.

އެ ކުންފުނީގެ ނަން ލިބުމާ އެކު ޑަބްލިއުއެޗްއޯ މެދުވެރިވެގެން ވެންޓިލޭޓަރުތައް ގެންނަން ވެސް މުވައްޒަފުންނަށް އިރުޝާދު ދެއްވި ކަމަށް އަމީން ވިދާޅުވިއެވެ.އެކަމަކު ވަގުތާއި ހާލަތުގެ ގޮތުން އެއީ ފަސޭހަކަމަކަށް ނުވި ކަމަށާއި ވެންޓިލޭޓަރު ހޯދުމުގެ ކަންކަން ނިންމަން ލިބުނީ މަދު ވަގުތުކޮޅެއް ކަމަށް ވެސް އަމީން ފާހަގަކުރެއްވިއެވެ.

ރާއްޖެއަށް ބޭނުންވި 200 ވެންޓިލޭޓަރު ނުލިބިދާނެ ކަމުގެ ބިރު ވަރަށް ބޮޑަށް އޮތް ކަމަށް އަމީން ވިދާޅުވިއެވެ. ކޮވިޑުން ރައްކާތެރިވާން ކަމާގުޅޭ އިދާރާތައް ގުޅިގެން ކުރި މަސައްކަތުގައި އެންމެ ބޮޑު އިސްކަމެއް ދިނީ ވީ އެންމެ އަވަހަކަށް ތަކެތި ހޯދުން ކަމަށާއި ޑަބްލިއުއެޗްއޯގެ އެހީއަކަށް އެދެން ޖެހުނީ އެހެންވެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ހެލްތު މިނިސްޓްރީން މަސައްކަތް ކޮށްފައި ވާނީ ރާއްޖޭގެ ހާލަތަށް ބަލާ ހެޔޮ ނިޔަތުގައި ކަމަށާއި ވެންޓިލޭޓަރުތައް ގެނައުމުގައި ވައްކަން ކޮށްފައި ނުވާނެ ކަމަށް މިނިސްޓަރު އަމީން ވިދާޅުވިއެވެ. ވެންޓިލޭޓަރުތައް ހޯދުމުގައި އަދި ކޮވިޑާ ގުޅޭ އެހެން ކަމެއްގައި ވެސް މިނިސްޓްރީގެ އެއްވެސް މުވައްޒަފަކު ގޯހެއް ހަދާފައިވާ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އަމީން ވިދާޅުވިއެވެ.

"އިޖުރާއީ ގޮތުންނާއި އިދާރީ ގޮތުން މައްސަލަތަކެއް ހުރިކަން މިހާރު ފާހަގަވެފައިވީ ނަމަވެސް، މިކަމުގައި ވަކި ބަޔަކަށް ނާޖާއިޒު ފައިދާއެއް ނޫނީ ވައްކަމެއް ކުރުމުގެ ނިޔަތުގައި އެއްވެސް މުވައްޒަފަކު މަސައްކަތް ކޮށްފައިވާ ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން." މިނިސްޓަރު އަމީން ވިދާޅުވިއެވެ.

ކޮމެޓީގައި ހެލްތު މިނިސްޓްރީގެ އިސް ބޭފުޅުން ވެސް ވިދާޅުވީ އޮޑިޓް އޮފީހަށް ދިން ތަފްސީލްތައް އޮޑިޓުގައި ހިމަނާފައި ނުވާތީ، އެއީ އެއްފަރާތަށް ބުރަވެފައި އޮތް ރިޕޯޓެއް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އޮޑިޓް ރިޕޯޓް އެކުލަވާލައި މިނިސްޓްރީން ކޮމެންޓް ކުރަން ފޮނުވުމުން ވެސް އޭގައި ހުރި ކަންބޮޑުވާ ކަންކަން ތަފްސީލްކޮށްދިން ނަމަވެސް ފައިނަލް ރިޕޯޓުގައި އެކަންކަން ހިމަނާފައި ނުވާ ކަމަށް އެ ބޭފުޅުން ވަނީ ފާހަަގަކުރައްވާފައެވެ.

ރާއްޖެ އަށް ބޭނުންވި 149 ވެންޓިލޭޓަރު ހޯދުމުގައި ބޮޑެތި ގޯސްތަކެއް ހަދާފައިވާ ކަމަށާއި ދުބާއީގެ އެގްޒެކިއުޓާސް އަކީ ޑަބްލިއުއެޗްއޯގެ މަޝްވަރާގެ މަތިން ހޮވި ކުންފުންޏެއް ނޫން ކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ބުނެފައެވެ. ޑަބްލިއުއެޗްއޯއާ މަތިކޮށް ވެންޓިލޭޓަރު ހޯދަން ދުބާއީގެ ކުންފުންޏާ ހަވާލުކޮށް، ގެރެންޓީއަކާ ނުލައި އެޑްވާންސަށް ޕްރޮޖެކްޓުގެ އަގުގެ 90 ޕަސެންޓަށްވާ 30 މިލިއަން ރުފިޔާ ދޫކުރީ މާލިއްޔަތު ގަވާއިދާ ޚިލާފަށް ކަމަށް ހެލްތު މިނިސްޓްރީގެ ޚާއްސަ އޮޑިޓު ރިޕޯޓްގައި ވަނީ ބުނެފައެވެ. އެމައްސަލަ ފުލުހުންނާއި އޭސީސީ އިން މިހާރު ދަނީ ބަލަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން