ވެންޓިލޭޓަރު ހޯދުމާއި ގުޅޭގޮތުން ޑަބްލިއުއެޗްއޯގެ އޮފީހާއެކު ކޮށްފައިވާ މުއާމަލާތަކީ އެއްވެސް މަރުހަލާއެއްގައި ނުހިނގާ މުއާމަލާތެއްގެ ގޮތުގައި ނުހެދޭނެ ކަމަށް ހެލްތު މިނިސްޓަރު އަބުދު ﷲ އަމީން މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި ވާހަކަ ދައްކަވަމުން ހެލްތް މިނިސްޓަރު އަބުދު ﷲ އަމީން ވިދާޅުވީ ވެންޓިލޭތަރުތައް ގަތުމަށް ޑަބްލިއުއެޗްއޯގެ ރާއްޖޭގެ އޮފީހުގެ މަންދޫބާއެކު ވާހަކަ ދެއްކީ އަމިއްލަ ހައިސިއްޔަތުން ނޫން ކަމަށާއި އެއީ ރަސްމީގޮތުން ކުރެއްވި މުއާމަލާތްތަކެއް ކަމަށެވެ. އަދި އެ މަންދޫބާއެކު ކުރެވުނީ އަމިއްލަ މުއާމަލާތެއްގެ ގޮތުގައި ދެކެވަޑައި ނުގަންނަވާ ކަމަށާއި އެއީ މިނިސްޓަރުގެ ހައިސިއްޔަތުން ރާއްޖެއަށް ދިމާވެފައިވާ ސިއްހީ ބަލިމަޑުކަމުން އަރައިގަތުމަށް ކުރެވުނު މުއާމަލާތެއް ކަމަަށް އަމީން ވިދާޅުވިއެވެ.

"އަޅުގަނޑާއި ޑަބްލިއުއެޗްއޯގެ މަންދޫބާ ދެކެވުނު ވާހަކަތަކަކީ ޕްރައިވެޓް މުއާމަލާތެއް ކަމަށް އަޅުގަނޑު އަދިވެސް ގަބޫލެއް ނުކުރަން، އަދި އޭގެ ފަހުންވެސް ގަބޫލެއް ނުކުރާނަން." އަމީން ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެ މުއާމަލާތް ހިންގީ ސިއްރުން ނޫން ކަމަށާއި، މާލީ ޒިންމާދާރުވެރިޔާ އަދި ބިޑް ކޮމިޓީއާވެސް އެ މައުލޫމާތު ހިއްސާ ކޮށްފައިވާ ކަމަށެވެ.

ޑަބްލިޔޫ އެޗް އޯއާ ހަވާލާދީ، އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ ޑަބްލިއެޗްއޯއިން ގަބޫލު ކުރާ ވެންޓިލޭޓަރު ސަޕްލައިކުރާ ކުންފުނިތަކުގެ ލިސްޓެއް އެ އިދާރާއިން މިނިސްޓްރީއާ ހިއްސާކޮށްފައިނުވާ ކަމަށެވެ. އަދި ދުބާއީގެ އެގްޒެކިއުޓާ ޖެނެރަލް ޓްރޭޑިން އަކީ ޑަބްލިއެޗްއޯއިން އެއްވެސް އިރެއްގައި ވިޔަފާރީގެ މުއާމަލާތެއްވެސް ހިންގާފައި ނުވާ ކުންފުންޏެއް ކަން އޮޑިޓް ރިޕޯޓްގައިވެއެވެ.

ޑަބްލިއުއެޗްއޯ މެދުވެރިވެގެން ވެންޓިލޭޓަރުތައް ގެންނަން ވެސް އޭނާ މުވައްޒަފުންނަށް އިރުޝާދު ދެއްވި ކަމަށާއި، މިނިސްޓްރީ ތެރެއިން އެކަމަށް މަސައްކަތްވެސް ކޮށްފައިވާއިރު އެކަންކަން މިނިސްޓްރީގެ ރަސްމީ ލިޔެކިޔުންތަކުން ވެސް އެނގެން ހުންނާނެ ކަމަށް އަމީން ވިދާޅުވި އެވެ. ޑަބްލިޔޫ އެޗް އޯގެ މަންދޫބު ދިން މައުލޫމާތު ވެރިފައި ކުރުމަށް މާލީ ޒިންމާދާރުވެރިޔާވެސް މަސައްކަތް ކުރެއްވި ކަމަަށް އަމީން ވިދާޅުވި އެވެ. އަދި އެ ފަހުން ޑަބްލިޔޫއެޗްއޯއާ އެކު ހިންގާފައިވާ މުއާމަލާތްތައް އީމެއިލް މެދުވެރިކޮށްވެސް ހިންގާފައިވާނެ ކަން އަމީން ވަނީ ފާހަގަަކުރައްވާފައެވެ.

"އެ އީ-މެއިލްގައި އެބަހުރި ވެންޓިލޭޓަރުތަކުގެ ނަންތަކާއި އަގުތަކާ އޭޓޭޗްކޮށްފައިވާ ސާމާނު. އީ-މެއިލް މިނިސްޓްރީއަށް ފޯވާޑްކޮށްފައި ވަނީ ޑަބްލިޔޫއެޗްއޯގެ ކަންޓްރީ އޮފީހުގެ މުވައްޒަފެއްގެ ރަސްމީ އެކައުންޓުން." އަމީން ވިދާޅުވިއެވެ.

މިނިސްޓަރު އަމީން ވިދާޅުވީ ޑަބްލިޔޫއެޗްއޯގެ އޮފީހާއެކު ކޮށްފައިވާ މުއާމަލާތަކީ އެއްވެސް މަރުހަލާއެއްގައި ނުހިނގާ މުއާމަލާތެއްގެ ގޮތުގައި ނުބެލެވޭނެ ކަމަށެވެ.

"ވުޖޫދުގައިވެސް ނެތް ކުންފުންޏެއް [ވެންޓިލޭޓަރު ގެނައުމަށް ހަވާލުކޮށް] އޮޅުވާލައިގެން ޑަބްލިޔޫއެޗްއޯއާއި އެއްވެސް ވަރަކަށް މަޝްވަރާވެސް ނުކުރާ ބީދައަކުން ވާހަކަތައް ތަރުތީބުވެގެން އައުމަކީ އިންތިހާއަށް ކަންބޮޑުވާ ކަމެއް." އޮޑިޓް ރިޕޯޓްގައިވާ ވާހަކަތަކަށް އިޝާރަތް ކުރައްވަމުން އަމީން ވިދާޅުވިއެވެ.

ޑަބްލިޔޫއެޗްއޯގެ ރާއްޖޭގެ އޮފީހުގެ މުވައްޒަފުން މިނިސްޓްރީއަށް ފޮނުވި ހުރިހާ މެއިލްތަކެއްގެ ސަބްޖެކްޓްގައިވެސް މުޅިން ވެސް ހިމަނާފައި ވަނީ "200 ވެންޓިލޭޓަރު ރާއްޖެ ހޯދުމާ ގުޅޭ" ކަން ފާހަގަކުރައްވައި އަމީން ވިދާޅުވީ އެ އީމެއިލްތަކުގެ އެޓޭޗްމަންޓްތަކުގައި ވެސް ހުންނާނީ މުޅިން ވެސް އެކަމަށް ބާރުދޭ ލިޔެކިޔުންތަކާއި މައުލޫމާތު ކަމަށެވެ. އެ ހުރިހާ ތަފްސީލެއް ހެއްކާ އެކު އޮޑިޓް އޮފީހާ ހިއްސާ ކުރި ކަމަށާއި އެހެން ނަމަވެސް ރިޕޯޓު ނެރުނު އިރު އޭރު ރާއްޖެ އޮތް ހާލަތަށްވެސް ރިއާޔަތްކޮށްފައި ނުވާ ކަމަށް އަމީން ފާހަަގަކުރެއްވިއެވެ. މިނިސްޓްރީން ކަންކޮށްފައިވަނީ ވަރަށް އިހުލާސްތެރިކަމާއެކު އޭރު އޮތް ހާލަތުން އަރައިގަތުމަށް ކަމަށާއި ނާޖާއިޒު ފައިދާ ހޯދައި ވައްކަން ކުރުމަށް ނޫން ކަމަށް އަމީން ވިދާޅުވިއެވެ.

ކޮމިޓީގައި އަމީންއާއެކު ބައިވެރި ބައެއް އެހެން ބޭފުޅުންވެސް ވަނީ، ޑަބްލިޔޫއެޗްއޯއާ އެކު ރަސްމީ ހައިސިއްޔަތުން މުއާމަލާތްތައް ކުރިކަން ސާބިތު ކޮށްދިނުމަށް އެތަނާއި ކޮށްފައިވާ މުއާމަލާތްތަކާއި ގުޅޭ ލިޔުންތަކާއި ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ. ހެލްތުގެ ޑެޕިއުޓީ މިނިސްޓަރު އަބޫބަކުރު އަބްދުލް ކަރީމް ވިދާޅުވީ ޑަބްލިޔޫއެޗްއޯގެ ރާއްޖޭގެ އޮފީހުގެ މުވައްޒަފަކު އޭނާގެ އޮފީހުގެ ރަސްމީ އީމެއިލްއިން ހެލްތު މިނިސްޓްރީއަށް މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށެވެ. އަދި އެ އީމެއިލްގައި ކޮންޓެކްޓް ނަމްބަރާއި ކޮންޓެކްޓް ޕާސަން ވެސް ހިމަނާފައިވާކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ ދުބާއީގެ ކުންފުނި ބިޑް ކޮމިޓީއިން ހޮވާފައި ވަނީ އެ އީމެއިލްގައިވާ އެ ކޮންޓެކްޓަށް ގުޅައިގެން ކަމަށެވެ.

ހެލްތުގެ ބިޑް ކޮމިޓީގެ ޗެއާ ނިޝާމާ މުހައްމަދު ވެސް ކޮމިޓީގައި ވިދާޅުވީ ޑަބްލިޔޫއެޗްއޯއިން އީމެއިލް މެދުވެރިކޮށް މިނިސްޓްރީއަށް ދިން މައުލޫމާތު އިތުރަށް ކަށަވަރު ކުރަން ޑަބްލިޔޫއެޗްއޯގެ އިސް ބޭފުޅަކާ ބިޑް ކޮމިޓީގެ ބައްދަލުވުމެއްގައި އެންމެންގެ ހާޒިރުގައި ގުޅުއްވި ކަމަށެވެ. އަދި އެ ފޯން ކޯލްގައިވެސް އެ އޮފީހުން ވާހަކަ ދެއްކި މުވައްޒަފު އެއީ ރަސްމީ މައުލޫމާތެއް ނޫން ކަމަށް ވިދާޅުވި ނަމަވެސް، އެ އޮފީހުން ފޯރުކޮށްދިން ކޮންޓެކްޓަކީ ޑަބްލިޔޫއެޗްއޯއިން މެދުއިރުމަތީގެ ގައުމުތަކަށް އެމަޖެންސީ ހާލަތްތަކުގައި ތަކެތި ހޯދުމަށް މުއާމަލާތް ކުރަމުންދާ ފަރާތެއްކަމަށް ބުނެފައިވާ ކަން ނިޝާމާ ފާހަގަކުރެއްވިއެވެ. އެވަރުގެ ދޮގު މައުލޫމާތު ޑަބްލިޔޫއެޗްއޯ ދެއްވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ނިޝާމާ ވިދާޅުވިއެވެ.

"އެބޭފުޅުންގެ ލަފަޔަށް ހެލްތުން އަބަދުވެސް ކަންކަން ކުރައްވާ. އެހެން ވީމާ، އެބޭފުޅުން އެފަދަ އިތުބާރު ނުކުރެވޭ ބައެއްގެ މައުލޫމާތެއް ނުދެއްވާނެ ކަމަށް އަޅުގަނޑު މިއަދުވެސް ގަބޫލު ކުރަނީ،" ނިޝާމާ ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން