ރާއްޖޭގެ ފުޓްބޯޅަ ކުރިއަރުވަން ކުރާ މަސައްކަތަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށް ނާއިބު ރައީސް ޙުސައިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ނާއިބު ރައީސް މިހެން ވިދާޅުވީ، މައިލޯ އެކެޑަމީ ޗެމްޕިއަންޝިޕް 2024 ގެ 14 އަހަރުން ދަށުގެ ޢުމުރުފުރާގެ ފުޓްބޯޅަ މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ރާއްޖޭގައި ފުޓުބޯޅަ ދިރުވައި އާލާކުރުމަށް ފުޓުބޯޅަ އެކެޑަމީތަކާއި ބެލެނިވެރިން ކުރައްވާ މަސައްކަތްތަކުގެ އަގުވަޒަންކުރައްވަމުން އެމަނިކުފާނު ވަނީ، ފުޓުބޯޅަ ކުރިއެރުވުމަށް އެ ފަރާތްތަކުން ކުރާ މަސައްކަތުގައި ސަރުކާރުގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ލިބޭނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ނަޞްރުގެ ދުވަސް ފަދަ ޤައުމީ އިޙުތިފާލުތައް ކުރިއަށްދާ ދުވަހެއްގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފުޓުބޯޅަ މުބާރާތެއް ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެވަޑައިގަތުމަށް ހަމަޖެހުމުންވެސް ދައްކުވައިދެނީ ދިވެހި ސަރުކާރާއި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ފުޓުބޯޅައަށާއި ކުޑަކުދިންނަށް ދެއްވާ އަހައްމިއްޔަތުކަން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އަދި މައިލޯ އެކެޑަމީ ޗެމްޕިއަންޝިޕް ފަދަ މުބާރާތްތަކުން، ތަފާތު ހުނަރުތައް ހުރި، ފުޓުބޯޅަ ކުޅުންތެރިން ދިވެހި ފަސްގަނޑުގައި އުފެދެމުންދާކަން ފާހަގަކުރައްވަމުން އެ މަނިކުފާނު ވިދާޅުވީ، ޤައުމީ ފުޓުބޯޅަ ކުރިއެރުވެން އޮތީ، ކޮންމެ ކުއްޖަކުވެސް، ޤައުމީ ފެންވަރުގައި، ޤައުމީ ރޫޙުގައި ކުޅެން މަސައްކަތްކޮށްގެން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން