ރައްޔިިތުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ހެލްތު މިނިސްޓްރީގެ އިސް ބޭފުޅުން ޖަވާބުދާރީ ވަނީ
ރައްޔިިތުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ހެލްތު މިނިސްޓްރީގެ އިސް ބޭފުޅުން ޖަވާބުދާރީ ވަނީ
ކޯވިޑް-19ގައި ހާލު ބޮޑުވާ ބަލި މީހުންނަށް ފަރުވާ ދިނުމަށް ބޭނުންވާ ވެންޓިލޭޓަރުތައް  މިހިނގާ އޮގަސްޓް މަހުގެ 30ގެ ކުރިން ރާއްޖެއަށް ލިބޭނެ ކަމަށް ދުބާއީގެ ކުންފުނިން ހެލްތު މިނިސްޓްރީއަށް އަންގައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި ވާހަކަ ދައްކަވަމުން ދުބާއީ ކުންފުންޏާއެކު މިހާރު މުއާމަލާތް ކުރުމުގައި އިސްކޮށް އުޅުއްވާ ހެލްތުގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް ތަސްލީމާ މޫސާ ވިދާޅުވީ، ރާއްޖެއިން ބޭނުންވާ "ވެއިންމެން" ބްރޭންޑުގެ ޓްރާސްޕޯޓަބަލް ވެންޓިލޭޓަރުތައް ދުބާއީ ކުންފުނީގެ އަތުގައި މިހާރު ހުރި ކަމަށް އީ-މެއިލްގެ ޒަރިއްޔާއިން ޔަގީންކަން ދީފައިވާ ކަމަށެވެ.  އަދި އެތަކެތި މި މަހުގެ 30އާ ހަމަޔަށް ރާއްޖެއަށް ފޯރުކޮށްދޭނޭ ކަމަށް އަންގާފައިވާ ކަމަށާއި ޕެކިން ޑީޓެއިލްތައް ވެސް މިހާރު ލިބިފައިވާ ކަމަށް ތަސްލީމާ ވިދާޅުވިއެވެ.

މީގެ ކުރިން 10 ވެންޓިލޭޓަރެއް ދުބާއީ ކުންފުނިން ރާއްޖެ އަށް ފޮނުވިއެވެ. އެހެން ނަމަވެސް އެއީ އޯޑަރ ކުރި ވައްތަރުގެ ވެންޓިލޭޓަރުތަކަށް ނުވާތީ އެތަކެތި ހެލްތު މިނިސްޓްރީ އިން ބަލައިގެންފައެއް ނުވެއެވެ.

"ދެން އެބޭފުޅުން އެބަ އޮތް ރަނގަޅު ވެންޓިލޭޓަރުތައް އޮގަސްޓް 30ގެ ނިޔަލަށް ފޯރުކޮށްދޭނެ ކަމަށް ބުނެފައި. އެ އީމެއިލް ކޮމިޔުނިކޭޝަންތައް އެބަހުރި." ތަސްލީމާ ވިދާޅުވި އެވެ.

މިވަގުތު ހުރީ 135 ވެންޓިލޭޓަރުކަން ފާހަގަ ކުރައްވާ ތަސްލީމާ ވިދާޅުވީ ކޮވިޑް-19ގެ ބަލި މިހާރު ބާރަށް ފެތުރި އެޑްމިޓްކުރަން ޖެހޭ މީހުން ގިނަވަމުން ދާއިރު މިވަގުތު ހުރި ވެންޓިލޭޓަރަށް ވުރެ އިތުރަށް ވެންޓިލޭޓަރު ހޯދުމުގެ މުހިންމުކަން ބޮޑުވެފައިވާ ކަމަށެވެ.

ވެންޓިލޭޓަރުތައް ރާއްޖެ އަންނާނެ ކަމަށް ބުނެ މީގެ ކުރިން ދިން އެކި ތާރީހުތައް ވަނީ ފަހަނައަޅައި ގޮސްފައެވެ. ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވަނީ ދުބާއީ ކުންފުންޏާ ދެމެދު ބަރާބަރަށް މުއާމަލާތް ކުރެވެމުން ދާކަން ކޮމެޓީގައި ފާހަގަކުރައްވާފައެވެ. އަދި ލަސްތަކެއް ކުރިމަތިވި ނަމަވެސް ވެންޓިލޭޓަރުތައް ގެނެވޭނެ ކަމަށާއި އެތަކެތި ސަޕްލައިނުކޮށްދޭނެ ކަމަށް އެ ކުންފުނިން އެއްވެސް އިރެއްގައި ބުނެފައި ނުވާ ކަމަށް މިނިސްޓަރު އަމީން ވިދާޅުވި އެވެ.

އެހެންކަމުން މިނިސްޓަރު އަމީން ވިދާޅުވީ، ދުބާއީ ކުންފުންޏަށް ހޯދަން ހަވާލުކުރި ވެންޓިލޭޓަރުތައް "އެއްވެސް އިރެއްގައި ނާންނާނެ" ކަމަށް މިނިސްޓްރީއިން ނިންމައި އުންމީދު ކަނޑާލާފައި ނުވާނެ ކަމަށެވެ. އަދި މިފަހުން ވެންޓިލޭޓަރުތައް އައުމުގައި ލަސްތަކެއް އުޅުނީ އެ ކުންފުންޏާ ދެމެދު ޕޭމަންޓްގެ ބައެއް މައްސަލަތައް ދިމާވުމުން ކަމަށް މައުލޫމާތު ލިބޭ ކަމަށާއި ނަމަވެސް އެކަންވެސް މަޝްވަރާކޮށް އެއްބަސްވުމަކަށް އައިސްފައިވާ ކަމުގެ މައުލޫމާތު މިނިސްޓަރު އަމީން ހިއްސާކުރެއްވިއެވެ.

ގެރެންޓީއެއް ނެތި، އެޑްވާންސަށް 30.91 މިލިއަން ރުފިޔާ ދިނުމަށް ފަހު، 75 ވެންޓިލޭޓަރު ގެންނަން ހަވާލުކޮށްފައި ވަނީ ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން ކިޔާ ކުންފުންޏަކާ އެވެ. އެ ކުންފުންޏަށް ގިނަ އަދަދެއްގެ ފައިސާ ދޫކޮށް މަސައްކަތް ހަވާލުކުރީ ޓެކްނިކަލް ގާބިލްކަން ވަޒަންނުކޮށް މާލިއްޔަތު ގާނޫނާއި ގަވާއިދުތަކުގެ ބޭރުން ކަމަށް އޮޑިޓާ ޖެނެރަލް ނެރުއްވި ރިޕޯޓްގައި ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން