އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު
ބޭސްފަރުވާގެ އަސާސީ ހައްގުން ދިވެހި ރައްޔިތުން މަހްރޫމު ނުކުރުމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ގޮވާލައްވައިފިއެވެ.

މިއަދު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ މި ސަރުކާރުން ދަނީ ސިއްހީ ނިޒާމު ސިޔާސީ ކުރަމުން ކަމަށެވެ.

ޝާހިދު ވިދާޅުވީ ބޭސް ސިޓީއަށް ސަލާން ޖެހުން ނިމުމަކަށް ގެނެސް، ދިވެހި އައިޑީކާޑު ދެއްކުމުން ރައްޔިތުންނަށް ހިލޭ ބޭސްފަރުވާ ކުރެވޭނެ ސިއްހީ ނިޒާމެއް ގާއިމު ކުރުމަކީ އެމްޑީޕީ ސަރުކާރުން މި ރާއްޖެ ގެނައި ހެޔޮ ވެރިކަމުގެ އެންމެ މުހިންމު އެއް އަސާސު ކަމަށެވެ.

އެމްޑީޕީގެ ވެރިކަމުގައި ދިވެހި އެއްވެސް ރައްޔިތަކު ބާކީނުވާނެހެން މި އަސާސު ކަނޑައަޅާފައިވާ ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ. އަދި އެންމެހާ ރައްޔިތުން ޝާމިލުވާނެހެން ހެލްތު އިންޝުއަރެންސްގެ ވަށައިޖެހޭ ނިޒާމެއް ކަނޑައެޅީ، މިއީ އެންމެންނަށްވެސް ލިބެން ޖެހޭ އަސާސީ ހައްގަކަށް ވާތީކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު އިތުރަށް ވިދާޅުވީ މި ސަރުކާރުން ދަނީ ރައްޔިތުންގެ ތެރެއިން ބަޔަކު އާސަންދަ ނިޒާމުން ބާކީވާ ފަދަ ގޮތަކަށް ނިޒާމު ބަދަލު ކުރަމުން ކަމަށެވެ. އަދި މި ބަދަލުތަކުގެ ހަގީގީ އަމާޒަކީ ވަކި ސިޔާސީ ފިކުރަކަށް ނިސްބަތް ވުމުން މި އަސާސީ ހައްގުން މަހްރޫމު ކުރުން ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

އަދި މި ސަރުކާރުން މަސައްކަތް ކުރަނީ ބޭސް ސިޓީއަށް ސަލާން ޖެހުމުގެ ޘަގާފަތް އިއާދަކޮށް، މުޅި ސިއްހީ ނިޒާމު ސިޔާސީ ކޮށްލަން ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

އާސަންދަ ހިދުމަތް ދެމުންދާ ގޮތަށް ބަދަލުގެނެސް، އެނދުމަތި ނުކޮށް ދޭ ފަރުވާތަކުގައި އަމިއްލަ އިންޝުއަރެންސް އޮންނަ ނަމަ އެ ހޯދާ ހިދުމަތެއްގެ އަގު އިންޝުއަރެންސުން ފުރަތަމަ ކަނޑާ ގޮތަށް ނިންމާފައިވަނީ މިދިޔަ މަހު 31 ގައެވެ.

މިކަމާމެދު ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރުމުން މޯލްޑިވްސް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ބުނީ ޕްރައިވެޓް އިންޝުއަރެންސް ނުލިބޭ ހާލަތުގައި ކުރިއެކޭ އެއްގޮތަށް އާސަންދަ ލިބޭނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން