ހިޔާވަހި ފައިނޭންސިން ސްކީމްގެ ދަށުން އަހަރަކު 2 ބިލިއަން ރުފިޔާގެ ލޯނު ދޫކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، "ހިޔާވެހި ފައިނޭންސިންގ ޕްރޮގްރާމް" އިފްތިތާޙުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން އަލަށް ފަށާ މަޝްރޫޢުތަކުގެ ތެރެއިން އެންމެ އިސްކަންދެއްވާފައި ވާނީ، ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމަށް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، މުޅި ނިއު ޕޮލިސީ އިނީޝިއެޓިވް ތެރޭގައި އޮންނާނީ ގެދޮރުވެރިކަމުގެ ވަޢުދު ފުއްދެވުމާ ގުޅުންހުރި މަޝްރޫޢުތައް ކަމަށެވެ.



އެގޮތުން، ހިޔާވެހި ފައިނޭންސިންގ ސްކީމަށް އެއް ބިލިޔަން ރުފިޔާ އަދި ސަރުކާރުން ކޮންޓްރެކްޓަރުންނާ ހަވާލުކޮށްގެން ގެދޮރު އެޅުމަށް އެކެއް ޕޮއިންޓް ފަހެއް ބިލިޔަން ރުފިޔާގެ މަގުން، ޖުމުލަ ދޭއް ޕޮއިންޓް ފަހެއް ބިލިޔަން ރުފިޔާ، 2025 ވަނަ އަހަރުގެ ބަޖެޓުގައި ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމަށް އެކަށައަޅާފައިވާނޭކަމަށް ރައީސް ވިދާޅުވިއެވެ.

"އިފެކްޓިވްލީ މި އެއް ބިލިއަން ރުފިޔާ ބޭނުންކޮށްގެން ދެ ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ ލޯން ދޫކުރެވޭ އެބަ. އެހެންވީމަ ދެ ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ ލޯން އަހަރުގެ ތެރޭގައި ދޫކުރެވިގެންދާނެ އަޅުގަނޑުމެން ރާވާފައި އޮތް ގޮތުން،" ރައީސް މުއިއްޒު ވިދާޅުވިއެވެ.

"ހިޔާވަހި ފައިނޭންސް ސްކީމް" ގައި ތިން ކެޓަގަރީއެއް ހިމެނޭއިރު، ހުރިހާ ރަށެއް ހިމެނޭ ގޮތަށް އެއް މިލިއަން ރުފިޔާގެ ލޯން ސްކީމަކާއި މާލެ ސަރަހައްދަށް ހަ މިލިއަން ރުފިޔާ އަދި އާބަން ސަރަހައްދުތަކަށް ތިން މިލިއަން ރުފިޔާގެ ލޯން މި ސްކީމްގެ ދަށުން ދޫކުރާ ގޮތަށް ވަނީ ނިންމާފައެވެ.

ރައީސް މުޢިއްޒު ވިދާޅުވީ މި އަންނަ އަހަރުގެ ތެރޭގައި މި ހުރިހާ ލޯނެއް ނަގަން ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ސަރުކާރުން އިސްކަންދޭ ކަންތައްތައް ތަރުތީބުކުރާއިރު، މިނިވަންކަމާ ގުޅިފައިވާ ޤައުމީ މައްސަލަތައް ފިޔަވައި އެންމެ އިސްކަމެއް ދޭނީ ގެދޮރުވެރިކަމުގެ މައްސަލަ ޙައްލުކުރުމަށް ކަމަށެވެ. އަދި މިއީ، ދެ ގޮތެއް ނެތް، ސުވާލެއް ނެތް ސިޔާސަތެއްކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެމަނިކުފާނު ވަނީ ކުރިއަށް އޮތް ތަނުގައިވެސް މި ސިޔާސަތު ދަމަހައްޓަވާނޭކަމުގެ ޔަޤީންކަންއަރުވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން