ވަކި ދާއިރާއަކުން ޚިދުމަތް ކުރަން ރައްޔިތުންނަށް މަޖުބޫރު ކުުރުމަކީ ޑިމޮކްރެޓިކް ނިޒާމާ ބީރައްޓެހި ކަމެއް ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ޒުވާނުން ސިފައިންގެ އާއި ފުލުހުންގެ ޚިދުމަތަށް ވެއްދުމަށް ރާއްޖޭގެ ގައުމީ ހިދުމަތުގެ ޕްރޮގްރާމްގެ ނަމުގައި އަންނަ އަހަރުން ފެށިގެން ގައުމީ ޕްރޮގްރާމެއް ފެށުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެކަން ހާމަކުރަށްވައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ މި ޕްރޮގްރާމްގައި އުމުރުން 16 އަހަރުވުމަށް ފަހު ތައުލީމު ހާސިލުކުރަން މައްޗަށް ދިޔުމަށް ފުރުސަތު ނުލިބޭ ކުދިންނާއި އަދި ވަޒީފާއެއް ވެސް ނުލިބޭ ކުދިން ބައިވެރިކުރާނެ ކަމަށެވެ.

އެކަމަށް އިޝާރަތް ކުރަށްވައި އެމްޑީޕީގެ ރައީސް ޝާހިދު ވިދާޅުވީ ސަލާމަތީ ޚިދުމަތްތައް ޒަމާނާ އެއްގޮތަށް ތަރައްޤީކޮށް ކުރިޔަށް ގެންދެވޭނީ ޢިލްމީ ޤާބިލު ޒުވާނުންނަށް ވެސް އެ ޚިދުމަތް ކުރުމަށް ފުރުސަތު ލިބިގެން ކަމަށެވެ. އޯލެވެލް ގައި ރަނގަޅު ނަތީޖާއެއް ޙާސިލު ނުވާ ކުދިންނަށް އެކުއްޖެއްގެ ޝައުޤުވެރިކަން ހުރި ދާއިރާ އަކުން އިތުރު ތަމްރީނާއި ހުނަރުތައް ލިބޭނެ މަގު ފަހިކޮށްދީ ޤައުމުގެ ތަރައްޤީގައި ބައިވެރިވެ ޝާމިލުވެވޭ ގޮތަށް ޖާގަ އޮތުމަކީ އެފަދަ ޒުވާނުންގެ އުންމީދުތަކުގައި ޙަޤީގީ ކުލަޖެހިގެންދާނެ މަގު ކަމަށް ޝާހިދު ވިދާޅުވި އެވެ. ޝާހިދު ވިދާޅުވީ އެއްވެސް މަޖުބޫރު ކަމެއް ނެތި ސަލާމަތީ ޚިދުމަތްތަކުން އެތައް ހާސް ޒުވާނުން ތިބީ ވަޒީފާގެ ފުރުސަތަށް އެދި އެދި ކަމަށެވެ.

"ވަކި ދާއިރާއަކުން ޚިދުމަތް ކުރަން މަޖުބޫރުކުރުމަކީ ޑިމޮކްރަޓިކް ނިޒާމާއި ބީރައްޓެހި ގޮތެއް،" ޝާހިދު ވިދާޅުވި އެވެ.

މީގެ އިތުރުން ޝާހިދު ވިދާޅުވީ އުފެއްދުންތެރި ޖީލެއް ބިނާކުރުމަށް އޮތް ރަނގަޅު ގޮތަކީ ޒުވާނުންގެ ހުނަރުތައް ތަރައްޤީ ކުރުމަށް މަގުފަހިކޮށްދިނުން ކަމަށެވެ. އަދި އެކަމަށް ވަސީލަތްތައް ހޯދައިދީ، ފުރުސަތު އިތުރުކޮށްދޭންޖެހޭ ކަމަށް ޝާހިދު ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން