އެމަނިކުފާނުގެ ދޮންމަންމައާއި ގުޅުވައިގެން ދައްކާ ވާހަކަތަކަކީ ހަގީގަތާ ޚިލާފު ވާހަކަތަކެއްކަމަށާއި، އެއީ ސިޔާސީ ވިސްނުމެއްގައި އެމަނިކުފާނުގެ އަގުވައްޓާލުމަށް ދައްކާ ވާހަކަތަކެއްކަމަށް ރައީސް ޑރ.

މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސްގެ ދޮންމަންމައާއި ގުޅުވައިގެން ފަތުރަމުން ގެންދާ ވާހަކަތަކާއި ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އެމަނިކުފާނުގެ ބައްޕާފުޅު އަވަހާރަވުމުން ތަރިކަ ބެހުމުގެ ކަންކަން ކުރިއަށްގެންދިޔައީ އެކަން އޮންނަ އުސޫލުން ކޯޓު މަރުހަލާއިންކަމަށެވެ. އަދި ބައްޕާފުޅު އަވަހާރަވިއިރު ބައެއް ބިންތަކާއި ވިޔަފާރިތައް ސްރީލަންކާގައި ހުރިކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން ބައްޕާފުޅުގެ ތިން ބިމާއި، އެ ބިންތަކުގައި ޢިމާރާތްކޮށްފައިވާ ޢިމާރަމާތްތަކާއި ވިޔަފާރިތަކެއް ހުރިކަމަށާއި ކޮލޮމްބޯގައި ދެބިން އަދި ކެންޑީގައި އެއްބިން ހިމެނޭހެން ޖުމްލަ ތިން ބިމެއް ލަންކާގައި އޮތްކަމަށާއި، އެތަނުން ދެތަނުގައި ގެސްޓުހައުސް ހަދައި ވިޔަފާރިވެސް ފަށާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އަނެއް ބިމުގައި ހުރި ޢިމާރާތަކީ ދިރިއުޅުމަށް ހަދާފައިވާ ތަނެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އެހުރިހާ ބިންތަކާއި ޢިމާރާތްތަކާއި، ވިޔަފާރި އަދި ލަންކާގައި ބައްޕާފުޅުގެ އެކައުންޓުގައި ހުރި ހުރިހާ ފައިސާއެއް ހިމެނޭގޮތަށް ހުރިހާ އެއްޗެއް އެއްވެސް ބަދަލަކާ ނުލައި ދޮންމަންމައަށް ދެއްވީ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. އެއާއެކު ބައްޕާފުޅުގެ ހުވަފަތް އަނބިކަނބަލެއްގެ ގޮތުން މާލެއިން ލިބިވަޑައިގަންނަވާ ބައްޕާފުޅުގެ ތަރިކަ މުދަލުގެ ބައިކުޅަބައި އެއްކޮށް އެމަނިކުފާނަށް ދޫކޮށްލީކަމަށް ރައީސް ވިދާޅުވިއެވެ.

"އެހެންވީމަ އެއީ ނިންމި ނިންމުމަކީ. އެގޮތަށް ނިންމައިގެން ތަރިކަ ބަހާ ނިންމާފަ އެއޮތީ. އެއީ އެކަން އޮތްގޮތަކީ. ދެން އަޅުގަނޑު މިވަރަށްވެސް ބުނަން ބޭނުންނުވަނީ އެއީ އަޅުގަނޑުގެ މިޒާޖުގައި ހުންނަކަމެއްނޫން ޒާތީ ވާހަކަ ދެއްކުމަކީ." ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް މުޢިއްޒު ވިދާޅުވީ ތަރިކަ ބެހިގޮތް އޮޅުވާލައިގެން ދައްކާ ވާހަކަތަކަކީ ސިޔާސީ ބޭނުމެއްގައި އެމަނިކުފާނުގެ އިސްތަށިފުޅުގައި އަޅުވާ ދޮގު އިލްޒާމުތަކެއް ކަމަށެވެ. އަދި އެއްބަސްވި ގޮތާއި ޚިލާފަށް އެމަނިކުފާނު ކޮށްފައިވާ އެއްވެސް ކަމެއް ނޯންނާނެކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން